English Edition
Dhivehi Edition

ޒިޔާން ނުކުތް ފަހުންވެސް އަހަންނަށް ހަރަކާތެއް ކުރަން ނޭނގިފައި އެތައް އިރަކު ހުރެވުނެވެ. ޒިޔާން އަހަރެން ރީއްޗޭ އެ ބުނީ ކީއްވެ ބާއެވެ. ރަށުގެ ކުދީން އަބަދު އެކަހަލަ އެއްޗެހި ބުނެ ހަދައެވެ. އެކަމަކު މިރަށުން އެފެންނަނީ ކިހާ ރީތި ކުދިންތަކެއް ހެއްޔެވެ. އެ ކުދިންނާ ބަލާއިރު އަހަރެންގެ ކިބައިގައި ރީއްޗޭ ކިޔާނެ ސިފައެއް އަހަންނަކަށް ނުފެނެއެވެ.

އަހަރެން މޫދާވީ ދިމާއަށް ހުރި ކުޑަ ދޮރު ފޮތިގަނޑު ކަހާލާފައި ބޭރު ބަލަން އިނީމެވެ. އަހަންނަށް މިވަގުތު މިއިނދެވެނީ އަހަރެންގެ ރަށުގައި އުޅެމުންގެންދިޔަ އާދައިގެ ދިރިއުޅުމާ ބަލާއިރު ކިހާ މައްޗެއްގައި ކަން އަހަންނަށް އިހުސާސު ކުރެވުނެވެ. އަދި އަހަރެންގެ ރައްޓެހި ކުދީންގެ މަތީން ހަނދާން އާ ވިއެވެ. ޚާއްސަކޮށް ޒުލޭގެ މަތީންނެވެ. އަހަރެން އެކުދިންނާ ގުޅައިގެން އެތައް އިރަކު ވާހަކަ ދެއްކީމެވެ.

އަހަރެންގެ ވަޒީފާ ހަމަ ވަގުތުން ހަމަޖެހިއްޖެއެވެ. އަހަރެން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ޒިޔާންއާއެކު މީޓިންގތަކަށާއި ކެއުމުގެ ހަފްލާތަކުގައި ބައިވެރިވުން ކަމަށް ވުމުން އެކަމަށް އަހަރެން ފުރިހަމަޔަށް ތަމްރީނު ކުރެވުނެވެ. ރީތި ހެދުންތައް ދެވުނެވެ. އެއާއެކު ސެކެޓްރީއަކަށް ބޭނުންވާނެ ހުރިހާ ހުނަރަކާއި ޓްރޭނިންގެއް އަހަންނަށް ދެވުނެވެ. ކޮމްޕިއުޓަރ ބޭނުން ކުރަން ބޭރު ތަޖްރިބާކާރުންގެ އެހީގައި ދަސްކޮށްދެވުނެވެ. އޭގެ ފަހުން ޒިޔާންގެ ހުރިހާ ވިޔަފާރީގެ ފައިނޭންސެއް ބަލަހަށްޓަން އަހަންނާ ހަވާލު ކުރެވިއްޖެއެވެ.

އަހަންނަށް ދީލަތި ކަމާއެކު ޒިޔާން މުސާރަ ދެއެވެ. އަދި މާމަ ބަލަހަށްޓަން މީހަކު ހަމަޖައްސާފައި ހުރެއެވެ. މަސައްކަތް މަދު ދުވަސްތަކުގައި ރަށަށް ފޮނުވައި ދެއެވެ.

އަހަރުތަކެއް ފާއިތުވެއްޖެއެވެ. މާމަވެސް ނިޔާވެއްޖެއެވެ. އަހަރެން ވެސް ޒުވާން ކަމުގެ ފުރަތަމަ ފައްތަރަށް އަރައިފިއެވެ. އަމިއްލަ ދިރިއުޅުމަކާ ދިމާއަށް ފިޔަވަޅު އަޅަން ފަށައިފީމެވެ.

ޒިޔާން އަކީ އަހަރެން ދުށް އެންމެ ތަހުޒީބު މީހާއެވެ. އެންމެ ހެޔޮ އެންމެ ރަނގަޅު މީހާއެވެ. މިއޮތްހާ ދުވަހު ޒިޔާންގެ ހިޔަނީގެ ގޮތުގައި އަހަރެން އުޅެމުން ދިޔައިރުވެސް ނުގޮތަކަށް އަހަންނާ ދިމާއަށް ބަލައިވެސް ނުލައެވެ. މީހުން ޒިޔާންއާ އަހަންނާ އަޅުވައިވެސް ކިޔައެވެ. އެކަމަކު ހަގީގަތް އެނގޭނީ އަހަންނަށް ތާއެވެ.

ކަން މިހެން އޮތް އިރު ޒިޔާންއާ ގާތް ގުޅުމެއް އޮންނަ އޭނާގެ ވިޔަފާރީގެ އެހީތެރިޔެއް ކަމަށްވާ ސައުދު އަހަންނަށް ލޯ އަޅަމުންދާތާ ކިތަންމެ ދުވަހެކެވެ. އޭނާ ހުއްޓާނުލައި މިކަމަށް މަސައްކަތް ކުރަމުން ދެއެވެ. ފުރުސަތެއް ލިބޭއިރަށް އަހަންނަށް ކޮންމެވެސް އިޝާރާތެއް ކޮށްލައި އޭނާގެ ހިތުގެ ޝުއޫރު ފާޅު ކުރަމުން ދިޔައެވެ.

އަހަންނަކީވެސް މިހާރު ޒުވާންކަމުގެ ހޫނު ލޭ ހަށިގަނޑުގައި ހިނގާ ކުއްޖެއްކަމުން ސައުދުގެ ލޯބީގެ ދައުވަތަށް އަބަދު ނޫނެކޭ ބުނެވޭކަށް ވެސް ނެތެވެ. ސައުދުއަކީ ރީތި އަދި ސްމާޓް ޒުވާނެއް ވެސް މެއެވެ. ޒިޔާންއާ އަހަންނާ ދޭތެރޭގައި ކުޑަވެސް ލޯބީގެ ގުޅުމެއް ނުބާއްވާކަން އެއީ ސައުދުއާ ދިމާއަށް އަހަރެންގެ ހިތް ލެނބެން ޖެހުނު ސަބަބު ވެސް މެއެވެ. ޒިޔާންއަކީ އަހަރެންނާ އެކަށީގެން ނުވާހާ ފެންވަރު މަތީ މީހެއްކަން އަހަރެންނަށް އަބަދުވެސް ވިސްނޭތީމެއެވެ.

 

ގިނަ ދުވަހެއް ނުނަގައި ސައުދު އަހަންނަށް ލޯބި ހުށަހެޅިއެވެ. އަދި އޭނާއާ އަހަރެން ކާވެނި ކޮށްގެން އޭނާގެ ރަށަށް ދިއުމަށް ވެސް އެދުނެވެ. ޒިޔާން އަހަންނަކާ ނީންނާނެއޭ އޭނާ ބުނެއެވެ. އޭނާ ބޭނުންވާނީ ރީތި ކުދީން އޭނާގެ އަވާގައި ޖައްސާލުމެވެ. އެންމެ ފަހުން ލުނބޮއެއް ހެން ފިތައި ހުތްކޮޅު ހުސްކޮށްލާނީއެވެ. އޭނާއަށް އިންތިޒާރުކޮށް ފުރުސަތު ނަގައިލުމުގެ މޮޔަ ނުހެދުމަށް ސައުދު އަހަންނަށް ވިސްނައިދިނެވެ. އެހެންކަމުން ސައުދުގެ ހުށަހެޅުމާ ދިމާއަށް އަހަންނަށް ވެސް ދީލައި ލެވިއްޖެއެވެ.

ސައުދު އަހަންނާ ބައްދަލު ކުރުން ގިނަވާން ފެށުމުން ޒިޔާންއަށް އެކަން ފާހަގަ ކުރެވިއްޖެއެވެ. އަދި އޭނާގެ ނުރުހުމުގެ ނަޒަރު އަހަންނަށް އަމާޒުވާން ފަށައިފިއެވެ. އެކަމާ އަހަރެން ހައިރާން ވިއެވެ. ސައުދުއާއި އަހަރެންގެ ގުޅުމަކީ އަހަރެންގެ އަމިއްލަ ކަމަކަށް ވީ އިރު ޒިޔާން އެކަމާ ނުރުހުން ވާން ޖެހޭނެ ސަބަބެއް ވެސް ނެތެވެ. އެންމެ ފަހަރަކުވެސް ޒިޔާން އަހަންނަށް ލޯބި ހުށަހެޅި ނަމަ އެހެން ދިމާއަކަށް އަހަރެންގެ ހިތެއް ނުދިޔައީސްކަން ޔަގީނެވެ.

އެއީ ރީތި ހަވީރެކެވެ. ޒިޔާންއަށް އާދެވުނީ އަހަންނާ ސައުދު ސަންސެޓް ރެސްޓޯރެންޓްގައި ތިއްބައެވެ. އިރުއޮއްސެން ވަނީ ކައިރިވެފައެވެ. އަނެއް ފަރާތުން ތޭރަވިލޭރެއެއްގެ ހަނދު އަރަން ފަށާފައި ހުއްޓައެވެ. އަހަރެން އިނީ ސައުދުގެ ހެއްވާ ވާހަތަކަށް ހޭނށެވެ. ކުރިމަތިން ފެންނަ ރީތި މަންޒަރަށް ނަޒަރު ހުސްކޮށްލައިގެންނެވެ. ޒިޔާން ފެނުމާއެކު އަހަރެން ތެޅިގެންފައި ތެދުވެއްޖެއީމެވެ. އަދި ޒިޔާންގެ ފަހަތުން ކުށްވެރިއެއް ފަދައިން އޮފީހަށް ހިނގައްޖެއީމެވެ.

“އިސްރާގެ ކިބައިން އަހަރެން ދެކެން ނުވާ ކަހަލަ ކަންތައް މިހާރަކަށް އައިސް މިފެންނަނީ ކީއްވެ؟ ” ޒިޔާން ހަރުކަށި ގޮތަކަށް ބުންޏެވެ. ” އިސްރާއަށް ކުރަން ޖެހޭނީ އަހަރެން ދައްކާ މަސައްކަތެއް. ތިޔަ ކަހަލަ ލޯބީގެ ޑްރާމާތައް ކުޅުމެއް ނޫން.”

އަހަރެން އެއްޗެއް ނުބުނަމެވެ. އަހަރެން ދުށްގޮތުގައި އެޔަކީ ޒިޔާން މިހާ ގަދަ ރުޅިއެއް އަންނަ ވަރުގެ ކަމެއް ވެސް ނޫނެވެ. އަހަރެން ވާނީ މިއަދުގެ ހުރިހާ މަސައްކަތެއް ކޮށް ކޮމްޕިއުޓަރަށް ޑޭޓާތައް އެންޓަރ ކޮށް ނިންމާފައެވެ. އަހަންނަށް ލިބޭ ހުސްވަގުތު އަހަންނަށް ވެސް ބޭނުން ކުރެވެން ވާނެއެވެ. އަދި މީހަކާ ގުޅިގެން އުޅެން ވެސް ބޭނުން ވެއެވެ. މީހަކާ ކާވެނިކޮށް ދިރިއުޅުމެއް ފަށަންވެސް ބޭނުމެވެ. އަބަދަކު ނެތް ހަނދަކުން ދޭ ހަނދުވަރެއް ބަލާކަށް ނުހުރެވޭނެއެވެ. އެކަން ޒިޔާން އަށް ވެސް އެނގެންވާނެއެވެ. އަހަރެން ހުސްގަޑީގައި މީހަކާ ވާހަކަ ދައްކާލައި ހިތް އުފާ ކޮށްލުމުގެ އިޚްތިޔާރު އޮންނަން ވާނެއެވެ. އަހަންނަކީ އެހާ މިނިވަން ކަމެއް ނެތް އަޅެއްގެ ގޮތުގައި އުޅޭކަށް މިހާރަކު ބޭނުމެއް ނޫނެވެ.

އެ ދުވަހުގެ ފަހުން އަހަންނާ ޒިޔާންއާ ދެމެދު މަޑުމަޑުން ކުނިޖެހެން ފަށައިފިއެވެ. އެހެންވެ އަހަރެން ޒިޔާންއާއެކު ތަނަކަށް ދިޔަޔަސް ވެސް އެހެންޏާ ހުންނަ ކަހަލަ މޫޑެއް މިހާރަކު އަހަރެންގެ މޫނު މައްޗަކު ނުހުރެއެވެ. މިހާރަކު އަހަންނަކަށް މި ވަޒީފާއަކީ މާ މުހިންމު އެއްޗަކަށް ވެސް މިހާރަކު ނުވެއެވެ. އެހެން އަންހެން ކުދިންނެކޭ އެއްފަދައިން އަހަންނަށް ވެސް މީހަކާ އިނދެގެން އާދައިގެ ދިރިއުޅުމެއް އުޅެވިދާނެޔޭ އަހަރެންގެ ހިތަށް އެރިއެވެ.

ސައުދު އަހަންނާ ސިއްރު ގުޅަމުން ދިޔައެވެ. އަހަރެންގެ ހިތާ ކުޅެމުން ދިޔައެވެ. އަހަންނާ ޒިޔާންއާ ދެމެދު ނަފުރަތު އުފައްދަމުން ދިޔައެވެ.

-ނުނިމޭ-

ޓެގު