English Edition
Dhivehi Edition
"ސްޕްލެންޑަރ" އިން ހުއްދަ ނެތި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އައި ޑައިމަންޑްސް އަތުރުގާ ބީޗް ރިސޯޓް - ފޮޓޯ: ޑައިމަންޑްސް ރިސޯޓްސް

ހުއްދަ ނެތި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އައި “ސްޕްލެންޑަރ”، 60،000ރ. އިން ޖޫރިމަނާ ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމައިފި އެވެ.

ބްރޯޑްކޮމް އިން ބުނީ ޑައިމަންޑްސް އަތުރުގާ ބީޗް ރިސޯޓްގައި ކޭބަލް ޓީވީގެ ޚިދުމަތްދެނީ ލައިސަންސް ނެތި އަދި ޗެނަލް ރައިޓްސް ނެތި ކަމަށާއި ރިސޯޓުގެ އާންމު ތަންތަނުގައާއި ސްޓާފް ސަރަހައްދުގައި އެއަރޓެލް ޑިޝްޓީވީ ދޫކުރަމުންދާކަމަށް ބުނެ އެ ކޮމިޝަނަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ ޝަކުވާއާ ގުޅިގެން އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަޙުޤީޤުގެ ތެރެއިން ޤާނޫނު އަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، “ސްޕެލެންޑަރ” އަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދީފައި ވީނަމަވެސް އެ ފުރުސަތުގައި އެކުންފުނިން ޖަވާބުދާރީވެފައި ނުވާ ކަމަށެވެ.

އަދި ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ ހުރިހާ އިޖުރާޢުތައް ފުރިހަމަކޮށް އެ ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛ “ސްޕެލެންޑަރ” އިން ޑައިމަންޑްސް އަތުރުގަ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ދިވެހި ޗެނަލްތަކާއި ސްޕޯޓްސް ޗެނަލްތަކުގެ އިތުރުން ސްޓާރ ޕެކޭޖްގެ ޗެނަލްތަކާއި އިތުރު އެހެން ޗެނަލްތައް ހިމެނޭގޮތަށް 15 (ފަނަރަ) ޗެނަލެއް ބޭނުންކޮށްގެން އެއަރޓެލް މެދުވެރިކޮށް ޚިދުމަތް ދެމުންދާކަމަށް ޑައިމަންޑްސް އަތުރުގަ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓްއިން އެ ކޮމިޝަނަށް ދީފައިވާ މައުލޫމާތާއި ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން “ސްޕެލެންޑަރ” އަކީ ޑައިމަންޑްސް އަތުރުގަ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް އެ ކޮމިޝަނުން މިހަތާނަށް ލައިސަންސް ދޫކޮށްފައިވާ ފަރާތެއް ނޫންކަމަށްވާތީ، “ސްޕެލެންޑަރ” އިން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދީފައިވާތީ 2,000ރ. ގެ މަގުން 15 ޗެނަލަށް 30,000ރ. އިން “ސްޕެލެންޑަރ” ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

އަދި “ސްޕެލެންޑަރ” އިން ޑައިމަންޑްސް އަތުރުގަ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓުގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް 15 (ފަނަރަ) ޗެނަލެއް ހިމަނައިގެން ޚިދުމަތް ދެމުންގޮސްފައިވާކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 15 (ފަނަރަ) ޗެނަލަށް ޖުމްލަ 30,000ރ (ތިރީސް ހާސް ރުފިޔާ) އިން ‘ސްޕެލެންޑަރ’ ޖޫރިމަނާކުރުމަށްވެސް ބްރޯޑްކޮމް އިން ވަނީ ނިންމައިފަ އެވެ.

އެހެންކަމުން އެއާއެކު ޖުމްލަ 60،000ރ. އިން “ސްޕްލެންޑަރ” ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ދެއްކުމަށާއި، ލައިސަންސް ލިބިގެން މެނުވީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ކުރިއަށް ނުގެންދިއުމަށާއި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކަމުންދާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށްވެސް ބްރޯޑްކޮމް އިން ބުނެއެވެ.