English Edition
Dhivehi Edition

ކުރިން ނުފެންނަ ފަންޏެއް އައްޑޫގައި ފެތުރެން ފެށީ 2014 ވަނަ އަހަރުގެ ތެރޭ އައްޑޫ ކޮންވެންޝަން ސެންޓަރ ޢިމާރާތް ހުރި ސަރަޙައްދުގައެވެ. އެހިސާބުގައި ދިރިއުޅޭ މީހުނަށް ފަނީގެ އުނދަގޫ ފޯރައިގެން އެތައް ޝަކުވާއެއް ވަނީ އުފުލާފައެވެ. މިހާރު މިފަނި ވަނީ ހިތަދޫގެ އެކި ސަރަޙައްދުތަކަށް ފެތުރިފައެވެ. އެކި ދުވަސްވަރު އެކި ހިސާބުތަކުގައި މިތަކެތި ތިލަވެ އުޅޭ މަންޒަރު ފެންނަމުން ދެއެވެ. ވިއްސާރަ މޫސުމުގައި މިތަކެތި އާލާވާމިންވަރު ބޮޑުކަން ފާހަގަ ވެފައިވެއެވެ.

އިއްޔެ އަޅުގަނޑު އޮޑައްސައު ސަރަޙައްދުގައި އުޅޭ ރައްޓެއްސެއްގެ ގެއާއި އަރާ ހަމަކޮށް ސައިކަލް މަޑުކޮށްލީ އެގެއަށް ވަދެލުމަށެވެ. ސައިކަލުން ނުފޭބެނީސް ލޮލުގައި އަޅައިގަތީ މުޅި މަގުގެ އެކި ދިމަދިމާލަށް މިސްރާބު ޖަހަމުންދިޔަ މިދެންނެވި ފަނިތަކެވެ. އަޅާ ފިޔަވަޅުގެ ދަށުންވެސް ފެންނަނީ މަރަށް ތެޅެމުންދާ ފަނިތަކެވެ. އެހިސާބުގެ ގޭގޭގެ މީހުން ތިބެނީ ފަންޏާއިހެދި ދޮރު ލައްޕައިގެން އެތެރޭގައެވެ. އެދަނޑިވަޅު އެހިސާބު މީހަކު އައިސް ވަރަށް އަސަރާއެކު ވާހަކަ ދައްކަން ފެށިއެވެ. އޭނާ ކިޔައިދިނީ ފަނީގެ އުނދަގުލާހެދި ދިރި އުޅުމަށް ދަތި ވެފައިވާ ވާހަކައެވެ.

” ހެނދުނު ހޭލާގޮތަށް މުޅިގޭތެރެއާއި އެނދު ތަންދޮށާއި އަންނައުނަށް އަރާތިބޭ ފަނިތައް ނަގާ ހުސްކުރުމާއިގެން އުޅެންޖެހެނީ. ނާސްތާ ނުކޮށް މިކަމާ އުޅެއުޅެ 10 ޖަހާއިރުވެސް ސަލާމަތެއް ނުވޭ. ހެނދުނު ވާއިރު މިސަރަޙައްދަށް ހީވާނީ ފަނީގެ ތޫފާނެއް އައިސް އުޅޭހެން.”

އޮޑައްސައު ސަރަޙައްދަކީ ހިތަދޫގައި އަލަށް އާބާދުވާ ސަރަޙައްދެއްކަމުން ފަޅު ގޯތްޗާއި މީހުން ނޫޅޭ ގެތަކާއި ވާ ހެދިފައިހުރި ތަންތަން ގިނައެވެ.

“މިލިޕީޑްސް” އޭކިޔާ މިފަނި އޮންނަނީ ކޮކާ ފަންޏެއްގެ ބްރޭންޑަށެވެ. ކުދި ފައިތަކެއް ޖަހަމުން ހަލުވި ސްޕީޑެއްގައި ދުވާ މިފަނިތައް އެ ސަރަޙައްދުގައި އާލާވެ ގިނަ ވާން ފުރުސަތު ބޮޑެވެ. މިއީ ތެތް ފިނީގައި ދިރިއުޅޭ ސޫތްޕެއް ކަމުން ރޭގަނޑަށް މިތަކެތި ގާތަކުގެ ދަށަށާއި ތެތް ވެލިގަނޑާއި އަނދިރި ތަންތާ ހޮރު ހަދައިގެން ވަދެ ތިބުމަށް ފަހު އިރު އެރުމުން އެތަންތަނުން ނިކުމެ ހެލަމޭލައަށް އުޅެންފަށައެވެ. މި ފަނީގެ އަންހެން އެތީގެ ކިބައިގައި ލައިފްޓައިމްގައި 500 ބިސް އެޅުމުގެ ގާބިލުކަން ހުރުމުން ފަނި ގިނަވާނެ ވަރު ވަޒަން ކޮށްލެވެއެވެ. ގޭގޭގައި ކާތަކެތި ގެންގުޅެން ފެށުމުންވެސް އެދިމާއަކަށް ގިނަ ޢަދަދަކަށް ފަނި ޖަމާވާކަމަށް އެހިސާބު މީހުން ބުނެއެވެ.

އެ ސަރަޙައްދުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މީގެ އުނދަގޫ ބޮޑުވެ ޢާއިލާތަކުގެ އުފާވެރިކަމަށް މިކަމުން ވަނީ އަސަރުކޮށްފައެވެ.” ކުޑަކުދިންނަކަށް ބޭރަކަށް ނުނިކުމެވޭ. ގޭތެރޭ އުޅެނިކޮށްވެސް މީގެން އެއްޗެއް މަތިންވެސް ވެއްޓި އެއިން ކުއްޖެއްގެ ގައިގައި ޖެހިއްޖެ ނަމަ “ފިއްގަނޑު” ނަގާ.ހަމުގެ މައްސަލަ ހުންނަ ކުއްޖެއް ވެއްޖިއްޔާ ވަރަށް ބޮޑުވަރުވޭ.”

މިފަނީގައި އަތްލާއިރަށް ކުރުގެޅި ހަރުވެ އޮވެ ވަސްނުބައި ޒާތުގެ ކަޅު ދިޔައެއް ބޭރުކޮށްލައެވެ. އެސަރަޙައްދުގެ މީހުން ބުނާ ގޮތުން އޭގެ ނުބައި ވަހުން މުޅި ގޭތެރެ އެއްވަސް ވެފައި ވެއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ މިތަކެއްޗަށް އޮތް ޙައްލަކީ ކޮބައިބާވައެވެ. އޮޑައްސަލުގެ މީހުން ބުނާ ގޮތުގައި ހެނދުނު ހޭލާ ގޮތަށް ” ކަރާސީނި ތެޔޮ” ސާފުތެޔޮ ގޯތި ތެރެއަށް އެޅުމުން ކުޑަ ލުޔެއް ލިބެއެވެ. އެކަމަކު މަދިރީގެ އުނދަގޫވެސް އިންތިހާއަށް ބޮޑު ވެފައިވާ އިރު އޮޅިގެންވެސް މަދިރިން ސަލާމަތްވާން އެއްޗެއްގައި ރޯކޮށްފިނަމަ މިއީ އަލިފާނުގެ ޙާދިސާއަކަށް މަގުފަހިވާނެ ފަދަ ނުރައްކާތެރި ކަމެކެވެ. ބައެއް ހިސާބުތަކުގައި އަލިފާން ރޯކޮށް އަންދައިގެން ވެސް ފަނި މަދުކުރުމަށް މަސައްކަތް ކޮށްފައި އެބަހުއްޓެވެ.

މިއިން އެއްވެސް ކަމަކުން ވާ ފައިދާއެއް ނުފެނެއެވެ. ވާރޭ ކޮޅެއް ވެހިލާއިރަށް މިސޫފި ތިލަވެގަންނަނީ ޙައިރާން ވާހާ ދަރަޖައަށެވެ.

” އިއްޔެ ފުލުހަށް ރިޕޯޓް ކުރިން މިމައްސަލަ. އެބޭފުޅުން ބައްލަވާފަ ވިދާޅުވީ ސިޓީ ކައުންސިލާއި މަޝްވަރާ ކުރުމަށް. ކައުންސިލްގެ ބޭފުޅަކު ފޯނު ނުނަންގަވާތީ އަދި އެކަން ކުރެވިފައެއް ނެތް. ” އެސަރަޙައްދުން ވާހަކަ ދެއްކި މީހުން ބުނެފައި ވެއެވެ.

ރޭލު ފަނީގެ މައްސަލައަށް ޙައްލު ހޯއްދެވުމަށް އައްޑޫ ސިޓީގެ ކައުންސިލުންވެސް މިހާތަނަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް މިކަމަށް އަލި މަގެއް އަދި މިހާތަނަށް ވެސް ފެނިފައި ނުވާ ކަމަށް ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް އޭއޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅު ވެފައި ވެއެވެ.

ޔަސްރިފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫއިން ފެނުނު މި ފަންޏަށް ޙައްލެއް ހޯދުމަށް އޭރުގެ އެގްރިކަލްޗަރ މިނިސްޓްރީ އާއި ތިބާވެއްޓާއި ބެހޭ މިނިސްޓްރީގެ ސަމާލުކަމަށް މިކަން ގެންނެވި ކަމަށާއި މާލެއަށް ކުރެއްވި ދަތުރު ތަކުގައި ޚުދު އޭނާ އަމިއްލަ އަށް ވެސް މިތަކެތީގެ ވީޑިއޯއާއި ފޮޓޯ އެފަރާތް ތަކާއި ޙިއްސާ ކޮށް މަޝްވަރާކުރެއްވި ކަމަށެވެ. އަދި ޓްރޭނިން އަކަށް އައްޑުއަށް ވަޑައިގެންނެވި ކަމާބެހޭ މާހިރެއްގެ ލަފާވެސް މިކަމުގައި ހޯއްދެވިކަމަށާއި އެގޮތުން ކުރެއްވި ދިރާސާ ތަކަކުން މިއީ ވެޓްލޭންޑްގައި ދިރިއުޅޭ އެހާ އަވަހަށް ގިނަވާ ސޫތްޕަކަށް ވެފައި މީގައިވާ ބޯފަށަލައިގެ ސަބަބުން ފޮގް ކުރުން ކަހަލަ ކަންކަމުން ވެސް މަރުނުވާ އެއްޗެއް ކަން އެނގި ފައިވާ ކަމަށެވެ.

 

” އައްޑޫސިޓީއަކީ ވަރަށް ބިންބޮޑު ތަނެއް. ޗަސްބިމާއި އޮޅު ކުޅި ފަދަ ތަންތަން މިހާ ގިނައިން އޮންނަ އިރު ކިހިނެއްތޯ މިހުރިހާ ތަނެއް ސާފުކޮށްގެން ބަލަހައްޓައިގެން މިކަމަށް ޙައްލު ގެންނާނީ. އޭރު މިނިސްޓްރީއިން އެރުވީ އެކަހަލަ ގޮތަކަށް މިކަން ކޮންޓްރޯލް ކުރުމުގެ މަޝްވަރާއެއް. ”

އެގްރިކަލްޗަރ މިނިސްޓްރިއިން ނެރުނު އިޢުލާނެއްގައި ވަނީ ރޭލުފަނި ކޮންޓްރޯލް ކުރާނެ 4 ގޮތެއް ބަޔާން ކޮށްދީފައެވެ. އެއީ މިތަކެތި ކާނާގެ ގޮތުގައި ބޭނުންކުރާ ފީވަކަރު ނުވަތަ މަރުވެފައި ނުވަތަ ކަނޑާ ކޮށާފައިވާ ގަސްބުޑު ފަދަ ތަކެތި ނަގާ ހުސްކުރުމާއި ހޮރުހޮރުފަދަ ތަންތަން ބަންދުކޮށް ތަތްމަކުނު ފަދަ ދިރޭ ތަކެތިން ގެއާއި ގޯތި ތެރެ ސަލާމަތްކޮށް ބެލެހެއްޓުމެވެ. އެ އިޢުލާނުގައި ރޭލު ފަނި ދުރު ކުރާ ސްޕްރޭ އެއް ޖެހުމަށް ވެސް އިލްތިމާސް ކޮށްފައިވާއިރު މިއީ ރާއްޖޭގެ އެއްވެސް ތާކުން ލިބެން ހުރި ކަން އެނގެން ނެތް އެއްޗެކެވެ.

ޑެޕިއުޓީ މޭޔަރ ވިދާޅުވީ އައްޑޫގެ މިމައްސަލައަށް ޙައްލެއް ހޯދުމަށް އަނެއްކާވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިއީ އޭނާ އަމިއްލައަށްވެސް ކޮންމެ ދުވަހަކުހެން ތަޖުރިބާ ކުރަންޖެހިފައިވާ އުނދަގޫ މައްސަލައެއް ކަމަށެވެ. ” ދަރިފުޅު ސްކޫލަށް ލާފަ ގެއަށް އައިސް ލިބޭ ހުސްވަގުތެއް ވިއްޔާ އަޅުގަނޑުގެވެސް ކަމަކަށް އޮންނަނީ ގެއަށް ވަންނަ ފަނިމެރުން.”

ރޭލުފަނި އައްޑޫސިޓީގެ ގުޅިފައިވާ ގިނަ ރަށްތަކަކުން މިހާރު ވަނީ ފެނިފައެވެ. އެންމެ ފުރަތަމަ މިފަނި ފެނުނު މާމެންދޫގައި އާލާވި ގޮތެއް އެނގޭކަށް ނެތެވެ. މިފަނި އެހެން ހިސާބުތަކަށް ފެތުރުމަށް މެދުވެރިވީ މާމެންދޫ ތެރެއިން ގަސް އިންދުމަށްޓަކައި އެކި ހިސާބުތަކަށް މީހުން ފަސް ގެންދިއުމުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ލަފާ ކުރެއެވެ. އޭގައި ކުދިފަންޏާއި ބިސް ހުރެގެން އެހެން ދިމަދިމާގައި އާލާވަނީ އެވެ.

މިއީ މިހާރުވެސް އައްޑޫސިޓީ އެކަމަކުން ސަލާމަތް ނުވެވިއޮތް މަދިރީ ގެ އުނދަގުލަށްވުރެ ބޮޑު ކަމެއް ކަމަށް މިފަނީގެ ތަޖުރިބާ ކުރެވިފައިވާ ފަރާތްތަކުން ލަފާކުރެއެވެ. ރޭލު ފަނީގެ އުނދަގުލުން ސަލާމަތް ވުމަށް އެދިއެދި ތިބި އެތައް ބަޔަކު ތިބި އިރު ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަކީ އެއެންމެން ކުރާ އާދޭހެކެވެ.

4 ކޮމެންޓް
މުޙއްމަދު ޙަސަން
މާޗް 8, 2020
ކުރީގެ އައްޑޫ ކޮންވެންޝަން ސެންޓަރ، މިހާރުގެ ހޮސްޕިޓަލުގައި ތީގެ ވަރަށް ގިނަ ފަނި ހުރި. ނަމަވެސް މިހާރު އެތަނަކުން ނުފެނޭ ތިއެއް... އެތަނުގަ ހުރި ފަންޏަށް ކިހިނެއްވީ؟ އެ ކިހިނެއް އެ މަރާލީ؟ ހަމަ ތެޔޯތަ ބޭނުންކުރީ؟
Aku
ޖެނުއަރީ 17, 2020
https://youtu.be/rxNDysYmlmE Kaalan varah meeru eche. Kai huskurey.
boduthakurufaanu
ޖެނުއަރީ 16, 2020
Ajaibeh fahe nuvaane tha? Yaameenuge verikamugai fenunu fanyeko...
Kaalhu
ޖެނުއަރީ 16, 2020
Komme kameh goasveema RY. Bala kenereegey Nasheed ey thiyathaa jangali ovvaa thiyathanuga jaliyaajahaa imaaraatheh sarc summit ashey kiyaigen elhee. Thiyathanah fani genaee eyna. Eyge kiyakun adding meehun bunaa reylehves when ehchehves thiyathanakun nudhekeyne. Ei meehun ulhun sarahahdhu nooniyyaa. Buninama RY midhuniyeah ufanveetheeye fanifakhsaa dhuniyeyga ves levee. Thiyafani furathama rayyithun dheken feshee vettun sarukaarun elhi jaliyaa centre hurithanun. Ethanun mulhi rashuthereah thiyafethurigen ulhenee. ??? dhoguhedhiyas boduvaru