13 ސެޕްޓެމްބަރުގެ ބަޔާގުޅޭ……. (މިއީ ވިލިމާލޭގައި ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ)
ޝިޔަމް އަވަސް އަވަހަށް ދޮރުހުޅުވާލިއެވެ. އަދި އޭނަގެ ކުރިމަތީގައި ހުރި އަވާން އާ ދިމާއަށް ހައިރާންކަން އެކުލެވޭ ނަޒަރަކުން ބަލަން ފެށިއެވެ.
“އަވާން..؟ މިގަޑީގައި؟ ކީއްކުރަން؟” އެއްނޭވައިން އޭނަ ސުވާލު ފަތިވަރެއް އަމުނާލިއެވެ.
“އާނ..އަހަރެން. އަހަރެން އައިސްގެން ނުވަނީތަ؟” ދެއަތް ފުރަގަހަށް ލައިގެން ހުރެ ހިތްގައިމު ގޮތަކަށް ހިނިތުންވެލަމުން އަވާން ޖަވާބުދިން ގޮތުން ޝިޔަމްގެ ހިތާ ކުޅެލިކަހަލައެވެ.
“ނޫން..އެހެނެއް ނޫން. މިގަޑީގައި” ޝިޔަމަށް އެހެން ބުނެވުނީ ބޭ އިޚްތިޔާރުގައެވެ. އަސްލުގައި ޝިޔަމް އުޅުނީ އަވާން މިގަޑީގައި އެތަނަށް އައުމުން އެކަމާ ހިތްހަމަ ނުޖެހޭކަން ފާޅުކުރާށެވެ. ނަމަވެސް އޭނަގެ ދޫ އެނަގެ ސިކުނޑިއާއި އެއްބައި ނުވީކަހަލައެވެ.
“މަންމަ ހޭލަފާނެތީ ކަންބޮޑުވީ ދޯ؟ އަޅާނުލާ..މަންމައަކަށް ހެއެއްނުލެވޭނެ” ފަރުވާކުޑަ ރާގަކަށް އަވާން ބުނެލިއެވެ.
“ކިހިނެއް އަވާން އަށް އެނގެނީ މަންމަ ހޭނުލާނެކަން؟؟ މަންމައަކީ ވަރަށް ނިދި މަޑުމީހެކޭ” އަދިވެސް ޝިޔަމް ހުރީ ކަންބޮޑުވެފައެވެ. މަންމަ ބޭރަށް ނިކުމެއްޖެނަމަ ކަންތައްތައް ވާނެގޮތް އޭނައަށް ރަނގަޅަށްވެސް އެނގެއެވެ.
“މީ ޝިޔަމަށް” ޝިޔަމް ދެއްކި ވާހަކަ އަށް ޖަވާބު ދިނުމުގެ ބަދަލުގައި އަވާން ދިއްކޮށްލީ ރަތް ލޭކުލައިގެ ފިނިފެންމަލެކެވެ.
“ވާހް..ލޯބި..އަވާން ކޮންތާކުން ހޯދި މަލެއް؟ ” މަލުގައި ހިފަމުން ޝިޔަމް އޭގެ ވަސް ބަލާލިއެވެ.
“ހަމަ ޝިޔަމަށް ދޭން ގެނައި އެއްޗެއް. ހޯދި ތަނެއް ބެލުމުގެ ބޭނުމެއް ނެތެއްނު” ސީދާ ޝިޔަމްގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެ އަވާން ބުނެލިއެވެ.
” މަށަށް؟؟؟ ކީއްވެ؟؟ ” އަވާން ބުނާނީ ކީކޭކަން އެނގޭއިރުވެސް ޝިޔަމް ސުވާލުކޮށްލިއެވެ.
“ހެޕީ ބާތްޑޭ!..އެންމެ ފުރަތަމަ ވިޝް ކުރެވުނީ މަށަކަށްނު” ޝިޔަމްގެ މަޑުމަޑު އަތްތިލައިގައި ހިފައި ބާރުކޮށްލަމުން އަވާން ބުންޏެވެ.
“ކިހިނެއް މަގޭ ބާތްޑޭ އެނގުނީ؟ ” އުފާވިމިންވަރާ އެއްވަރަކަށް ޝިޔަމްގެ ހައިރާންކަންވެސް ދިޔައީ އިތުރުވަމުންނެވެ.
“ބުނީމެއްނު ހޯދަން އުޅޭމީހަކަށް ނޭނގޭނެ އެއްވެސް އެއްޗެއް ނޯންނާނެއޭ. މިރޭ މިގޮތަށް އަންނަން ޖެހުނީވެސް ޝިޔަމަށް ވިޝްކުރަން ބޭނުންވާތީއޭ” އަދިވެސް ޝިޔަމްގެ މަޑުއަތްތިލަ އޮތީ އަވާންގެ އަތުގެ ތެރޭގައެވެ.
“ތޭންކްސް…އަސްލު އަހަރެންގެ އުފަންދުވަސް އެއްވެސް މީހަކު ފާހަގައެއް ނުކުރޭ. އެހެންވެ ހަނދާނެއްވެސް ނެތް” އުފަލުންގޮސް އަވާންގެ އަތުގައި ޝިޔަމަށްވެސް ހިފާލެވުނެވެ.
“ހިނގާ ސެލެބްރޭޓް ކުރަމާ” އަވާން ޝިޔަމްގެ އަތަށް ފިތާލަމުން ބުންޏެވެ.
“ކިހިނެއް؟” ޝިޔަމް އަނެއްކާވެސް ވަށައިގެން ހޯދާލިއެވެ.
“ބޭރަށް ހިނގާބަލަ” އަވާން އޭނަގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ.
“މަންމައަށް ހޭލެވިދާނެ. އަދި މީހަކަށް ފެނިއްޖެއްޔާޔޯ” ބޭރަށް ދާން ޝިޔަމް ބިރުގަތެވެ.
“ހޭ ނުލެވޭނެ ކަމަށް ބަލާ. ގޮސް ކޮޓަރި ތަޅުލާފައި ތަޅުދަނޑި ހިފައިގެން އާދޭ. މަންމައަށް ހީވާނީ ޝިޔަމް އޮތީ ދޮރު ތަޅުލައިގެން ނިދާފައި ކަމަކަށް ނު” ހަދަންވާ ގޮތް އަވާން ބުނެދިނެވެ.
ޝިޔަމް ހެދީ އަވާން ބުނި ގޮތަށެވެ. އެންމެ ދުވަހެއްގެ ކުޑަ ހިނދުކޮޅެއްގެ ބައްދަލުވުމަކުން އޭނައާއި އަވާން އާއި މިފަދަ ގާތް ގުޅުމެއް އުފެދުނީކިހިނެއް ކަމެއް ޚުދު އޭނައަކަށް ވެސް ނޭނގެއެވެ. އަވާންގެ ހިތްގައިމު ހިނިތުންވުމާއި ބަލާލުމުގައި އެހުންނަ އަސަރަކުން ކަންނޭނގެއެވެ. ޝިޔަމަށް އަވާންގެ ކޮންމެ ހަރަކާތަކީ އަދި ކޮންމެ ވާހަކައަކީ ރަނގަޅު ކަންތައްތައް ކަމުގައި ވާންފެށިއެވެ.
ޝިޔަމާއި އަވާން އެކުއެކީގައި އަތާއަތް ގުޅާލައިގެން ހިނގާފައި ދިޔައީ ފުނަގަސްދޮށުގައި ހުރި ޖޯލިފައްޗާ ދިމާ އަށެވެ.
އޭގެ ފަހުން ކޮންމެ ރެއަކީ ޝިޔަމާއި އަވާން އަށް އަންނަ އުފާވެރި ރޭތަކެއް ކަމުގައި ވާން ފެށިއެވެ. ކޮންމެ ރެއަކު މަންމަމެން ނިދުމުން އަވާން އޭނަ ބަލާ އާދެއެވެ. ނުވަތަ އޭނަ އަމިއްލައަށް ސިއްރު ސިއްރުން ގެއިން ނިކުމެގެން އަވާން އޭނަގެ އިންތިޒާރުގައި ހުންނަ ތަނަށް ދެއެވެ. އެހެންމީހުންގެ ލޯތަކަށް ސިއްރުން ކޮންމެ ރެއަކު އެދެމީހުން ބައްދަލުވާ ތަނަކީ ފުނަގަސްދޮށުގައި ހުންނަ ޖޯލިފަތިކަމުގައިވެއްޖެއެވެ. މަންމަ އަށް އެގުޅުމުގެ ޚަބަރު އެނގިދާނެތީ ދުވާލުގަޑީގައި ޝިޔަމް އަވާން އާއި ބައްދަލެއް ނުކުރެއެވެ. އަވާން އުޅެނީ އެރަށުގައި ކޮންމެވެސް އޮފީހެއްގެ ވަޒީފާއެއްގައި ކަމަށް އަވާން އޮތީ އޭނަ ގާތު ބުނެފައެވެ. އެހެންކަމުން ދުވާލުގަޑީގައި އަވާންއަކާއި ދުވަހަކުވެސް އަދި ބައްދަލެއް ނުވެއެވެ. ނަމަވެސް ޝިޔަމް ކޮލެޖުން އަންނައިރު ބައެއްފަހަރު އަވާން އާއި ފުނަގަސް ތައް ހެދިފައި އޮންނަ އޭނަ ޝޯޓްކަޓް ނަގާ މަގުން ބައްދަލުވެއެވެ. ބައެއްފަހަރު ދުރުގައި ހުރެގެން އަވާން އޭނައަށް ހަނާއަޅާލައެވެ. ނުވަތަ ހީނލައެވެ. ގެއަށް އައިސްވެސް އޭނަ ހުންނަނީ ގަޑީގެ ކަށީގެ ބުރު ލަސްވެފައެވެ. 12 ޖަހަނީ ކޮންއިރަކުތޯ ބެލުމަށް ގަޑިއަށް ބެލޭ ވަރެއްވެސް އޭނައަކަށް ނޭނގެއެވެ. ރޭގަނޑުގެ ކެއުމާއި ޑްރާމާ ބެލުމާއި މިފަދަ ކަންތައްތަކުން ޝިޔަމް މުޅިންހެން ދުރުހެލިވެ އަވާންގެ ޚިޔާލަށް ގެއްލިފައި އިންނަން ފެށިއެވެ.
“ޝިޔަމް؟ ނުވެސް ކައިތަ ނިދަނީ؟ މިހާރު ކޮލެޖުން އަންނަ ގޮތަށް ހެދުންވެސް ބަދަލުނުކޮށް އޮވެ ތި ނިދަނީ ކީއްވެ؟ އަނެއްކާ ރޭގަނޑު ރަނގަޅަށް ނުނިދަނީތަ؟ ޝިޔަމްގެ އުޅުމަށް އަންނަ ބަދަލު މަންމައަށް ފާޙަގަކުރެވޭތާ ދުވަސކޮޅެއް ވެއްޖެއެވެ.
“އާނ..ބޮލުގައި ރިއްސާތީ މިއޮތީ” ނިދިއެކުލެވޭ އަޑަކުން ޝިޔަމް މަންމައަށް ޖަވާބުދިނެވެ.
“ކޮންމެ ރެއަކުވެސް ބޮލުގައި ރިއްސަނީތަ؟ މިހާރު ހަފްތާއަކަށް ވުރެ ގިނަ މިވަނީ ތިހެން އޮއްސޭ އިރާއެކު ނިދާތާ. އަނެއްކާ ނުބައެއް އުޅެނީތަ؟ ޝިޔަމް ކޮންމެވެސް ކަމެއް ފޮރުވާހެން މަންމައަށް ހީވިއެވެ.
މަންމަ އެހެން ބުނުމުން ޝިޔަމްގެ ހިތް ބިރުވެރިގޮތަކަށް ތެޅިލިއެވެ. މަންމައަށް އަވާން އާއި އޭނަގެ ކަންތައް އެނގުނީ ކަމަށްވެސް ވެދާނެއެވެ. ރޭނގަޑު ދަންވަރު އޭނަ ގެއިން ނިކުމެގެ ދާތަން މީހަކަށް ފެނިގެން މަންމަ ގާތު ބުނީ ކަންނޭނގެއެވެ. އެހެންވެއްޖެއްޔާ މަންމަ އޭނަ މަރާލާނެވެ. ދެން އަވާންއާ ބައްދަލުވިޔަކަވެސް ނުދޭނެއެވެ.
“ޝިޔަމް….މިހާރު ނިދީތަ؟ މަންމަ ވާހަކަ އެބަ ދައްކަމޭ..ދޭ ބަލަ ތެދުވެގެން ރަމްޝާގެ ހޯމްވޯކް ހަދަން އެހީވާން. ދެންމެވެސް އެއްޗެއް ނޭނގިގެން ދޮންތަކޮބާހޭ އެހި” މަންމަ ބޭނުންވީ ޝިޔަމް އެނދުން ތެދުކުރާށެވެ.
“އިރުކޮޅަކުން އެބަދަން..” އޭނަގެ ދެލޮލުގައި ވަނީ ވަރުބަލިކަމެވެ. ކޮންމެ ދުވަހަކު ކޮލެޖުން އަންނަ ގޮތަކަށް އޭނަ ނިދަނީ އެހެންވެގެންނެވެ. ރޭގަނޑު މުޅިންހެން ހޭލާ އަވާން އާއެކު ވަގުތު ހޭދަކުރާތީ ދުވާލު ގަޑީގައި އޭނަ ހުންނަނީ ވަރުބަލިވެފައެވެ. ކޮލެޖްގައި ވެސް ހާލަކީ އެއީއެވެ. އެހެންނަމަވެސް އަވާން އާ ބައްދަލުކުރަން އޮންނަ ގަޑީގައި އެނަގެ ހަށިގަނޑަށް ތާޒާކަން ވެރިވެ ލޮޑުކަން ފިލައިގެން ދެއެވެ. ބަރާބަރު 12 ޖަހާއިރު އޭނަ ހުންނަނީ އަވާން ގާތުގައެވެ. ފުނަގަސްދޮށުގައި ހުންނަ ޖޯލިފަތީގައެވެ.
އެރެއަކީ ވަރަށް ވިއްސާރަ ރެއެކެވެ. ބޯކޮށް ވާރޭ ވެހި ވިދާ ގުގުރަން ފެށުމުން ޝިޔަމް ހުރީ ވަރަށް ދެރަވެފައެވެ. އަވާން އާ އެކީގައި އުޅޭތާ 2 ހަފްތާވީއިރުވެސް ދެމީހުން ކުރެ އެކެއްގެވެސް ފޯނު ނަމްބަރެއް އަނެކަކަށް ނުދެއެވެ. އެހެންކަމުން ގުޅާލާނެ ގޮތެއްވެސް ނޭނގި ޝިޔަމް އިނީ ކަންބޮޑުވެފައެވެ. އިރުއިރުކޮޅާ އޭނައަށް ބެލެނީ ގަޑިއަށެވެ. މިހާރު 12 ޖަހަން ކުޑައިރުކޮޅަކަށް ވެއްޖެއެވެ. (ނުނިމޭ)