English Edition
Dhivehi Edition

ޖަންނަތު އިނީ ކްލާހުގައެވެ. މުދައްރިސް ފިލާވަޅު ކިޔައިދެއްވަނީއެވެ. އެހެންނަމަވެސް ކްލާހުގައި ހިނގަމުންދާ އެއްވެސް ކަމެއް ޖަންނަތަކަށް ނޭނގެއެވެ. އޭނަގެ ބޯއަނބުރަނީއެވެ. ހޮޑުލެވޭގޮތް ވަނީއެވެ. މިއީ ހެނދުނުއްސުރެން ފެށިގެން އޭނައަށް ވެގެން އުޅޭ ގޮތެކެވެ. އެކަމަކު އެއީ ކީއްވެގެން ކަމެއް ޚުދް ޖަންނަތަކަށްވެސް ނޭނގެއެވެ.

“މިސް..ޖަންނަތަށް ގޮތެއްވެއްޖެ..!” ޖަންނަތު އަރިއަޅާލިތަން ފެނިގެން ކައިރީގައި މަދީހާ، މިސްއަށް ގޮވާލިއެވެ.

ޖަންނަތު ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަވާހަކަ ސްކޫލްގެ ފަރާތުން މީހަކު އައިސް ބުނުމުން އޭނަގެ މަންމަ އަމީނާއާއި ބައްޕަ މޫސައަށް ހީވީ ބޮމެއްގޮވިހެންނެވެ. އަވަސް އަވަހަށް ދެފަޔަށް ލެވުނުހައި ބާާރެއް ލާފައި ދުވަމުން، ހޮސްޕިޓަލާ ދިމާއަށް އެދެމަފިރިން ދުއްވައިގަތެވެ. ޖަންނަތަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުޢާކުރަމުންނެވެ.

އަމީނާއާއި މޫސައަކީ މުޅި ހަވަރުތިނަދޫގައި ތިބި އެންމެ ފަގީރު ދެމަފިރިންނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެމީހުން އަތަކު ފައިސާއާއި މުދަލާއި ބޮޑު ގެއެއްނެތެވެ. މޫސަމަހަށް ގޮސްގެންލިބޭ މަދު ފައިސާކޮޅުން ބަނޑުފުރާނަ މުއްތިމު ކުރުމަށްފަހު އުނުއޮރިޔާން ނިވާކުރެވޭހައިވަނީ ހަމަ ކިރިޔާއެވެ. އެހެންނަމަވެސް އެމީހުން ތިބެނީ އުފަލުންނެވެ. އެމީހުންގެ މިލްކުގައި ލޯބީގެ ނިމުމެއްނެތް ޚަޒާނާވެއެވެ. ލޯބިން ކުރެވުނު ކައިވެންޏަށް ތިން އަހަރުވީއިރު ޖަންނަތު ދުނިޔެއަށް އައިސްފިއެވެ. އެއީ ހަމަ އެމީހުންގެ “ޖަންނަތެވެ”. ޖަންނަތުދެކެ އެދެމީހުން ލޯބިވަނީ އަމަށަކުވަރަކަށް ނޫނެވެ. ޖަންނަތުގެ އުމުރުން ތޭރަ އަހަރު ފުރުނު އިރުވެސް އެންމެ ފަހަރަކުވެސް އެކަނި ތަނަކަށް ފޮނުވާފައެއް ނެތެވެ. ލޯމަތިން ކަސިޔާރުވިޔަ ނުދޭމެއެވެ. ޖަންނަތަށް ކަމެއް ވެދާނެތީ އެމީހުންތިބެނީ އަބަދުހެން ފާރަޔަށެވެ!

“ޑޮކްޓަރ..!އަހަރެންގެ ޖަންނަތު..ޖަންނަތަށް ވީ ކީއް؟ ގިސްލަމުން މޫސަ ޑޮކްޓަރާ ސުވާލުކޮށްލިއެވެ. ޑޮކްޓަރު ފަރުވާތެރިކަމާއެކު އެދެމަފިރިންގެ މޫނަށް ބަލާލިއެވެ.

“ވަރަށް ބޮޑަށް މާފަށް އެދެން. އެކަމަކު މިކަން ސިއްރު ކުރުމުގެ ބޭނުމެއްނެތްކަމަށް ފެންނާތީ މި ބުނެދެނީ.. އެކަމަކު..ވަރަށް ބޮޑަށް ކެތްތެރިވާތި!. އިވޭ ޚަބަރަކުން މީހާގެ ސިކުނޑިއަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެ..އެކަމަކު ތިޔައީ ބޮޑެތިމީހުން..ރުޅި އިސްކުރުމުގެ ބަދަލުގައި ވިސްނުމުގެ ބޭނުން ރަނގަޅަށް ކުރާތި..!”

“ޑޮކްޓަރ..އަހަރެންގެ ދަރިފުޅަށް …ނުރައްކާތެރި..!! ނޫން! ނޫން! ” ޑޮކްޓަރުގެ ވާހަކަ މެދުކަނޑާލަމުން އަމީނާ ހަޅޭލަވައިގަތެވެ.

“ޖަންނަތު އިނީ ބަލިވެ! ބަނޑަށް ދެމަސް!” ޑޮކްޓަރު އަވަސް އަވަހަށް ބުންޏެވެ.

“އޭނ؟؟ އޭނ؟؟ ކީކޭ ތިޔަ ކިޔަނީ..ތިޔައީ ހުސްދޮގު!” މޫސައަށް ހިފުނީ ޑޮކްޓަރުގެ ގަމީހުގައެވެ.

“ގަބޫލުކުރަން ދަތިވާނެކަންވެސް އެނގޭ…އެކަމަކު މިއީ ހަގީގަތް.ދެން އެންމެ ރަނގަޅުވާނީ ޖަންނަތާ ސުވާލުކުރިއްޔާ!” އެހެން ބުނެލުމަށްފަހު ޑޮކްޓަރު ހިނގައިގަތެވެ.

އަމީނާއާއި މޫސަ ތިބީއެވެ. ގަނޑުވެފައެވެ. ހުއްޓުން އަރާފައެވެ. ދެންމެ މިލިބުނީ ހަމަ ތެދު ޚަބަރެއްބާވައެވެ؟ އެހެން ވެއްޖެއްޔާ ދެންވާނީ ކިހިނެއްހެއްޔެވެ؟ ނޫނެކެވެ. އެމީހުންގެ ޖަންނަތަކީ އެކަހަލަ ކުއްޖެއްނޫނެވެ. އޭނާ ބަލިވެ އިންނަންވީ ކީއްވެގެންހެއްޔެވެ؟ ޖަންނަތަކީ ދުވަހަކުވެސް އެއްވެސް ފިރިހެނަކާ ވާހަކަދައްކާ ގުޅުން ބޭއްވި ކުއްޖެއްނޫނެވެ. އަދި އެގެއަކީ މާގިނަބަޔަކު ވަދެ ނިކުމެ އުޅޭގެއެއްވެސް ނުމެ ނޫންމެއެވެ. މޫސަގެ ރަހްމަތްތެރި ދެ ތިން މީހަކު ފިޔަވައި އެގެއަކަށް އިތުރު މީހަކު ނާދެއެވެ. އެމީހުންވެސް ޖަންނަތު ދެކެނީ އެމީހުންގެ އުފަން ދަރިއެއް ފަދައިންނެވެ….އެކަމަކު…މިވީ ކިހިނެއްހެއްޔެވެ؟

ދެތިން ބޭހަކާއި އިންޖެކްޝަނެއް ދިނުމަށްފަހު ޖަންނަތު ގެއަށް ފޮނުވާލިއެވެ. ގެއާހަމައަށް ދެވެންދެންވެސް އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ.

“ދަރިފުޅާ! އެއީ..އެއީ ތެދެއްތަ؟” ޖަންނަތު އޭނަގެ އެނދުގައި އޮށޯވެ ހަމަޖެހިލުމުން އަމީނާ ސުވާލުކޮށްލިއެވެ.

“މަންމާ..ކީކޭތަ؟ ކޮންކަމެއް؟” ޖަންނަތަކަށް އަދިއެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ.

“ޑޮކްޓަރު ބުނީ..ދަރިފުޅު…ދަރިފުޅުއިނީ ބަލިވެޔޭ” ބުނަން ކިތަންމެ އުނދަގޫވިޔަސް އަމީނާ އެ ޖުމުލަ އޭނަގެ ދުލުން ބޭރުކޮށްލިއެވެ. އަދި ޖަންނަތުގެ ޖަވާބަކަށް އިންތިޒާރުކުރަން ފެށިއެވެ. އެކަމަކު ޖަންނަތު އޮތީއެވެ. އަނގައިންވެސް ނުބުނެއެވެ. އޭނަގެ ހަމަހިމޭންކަން އަމީނާގެ ހިތުގައި ބިރުވެރިކަމުގެ ރަނގަބީލު ޖަހަންފެށިއެވެ.

“ދަރިފުޅާ..ކީއްވެ އަނގައިން ނުބުނީ..ކޮންމެވެސް އެއްޗެކޭ ކިޔާބަލަ..!” އަމީނާ ޖަންނަތުގެ ހަށިގަނޑުގައި ހިފައި ތަޅުވައިގަތެވެ.

“މަންމާ…އަހަރެން ބިރުގަނޭ..”ބާލީސް މައްޗަށް ދެލޮލުން ބޮޑު ދެތިކި ކަރުނަ ވައްޓާލަމުން ޖަންނަތު ރޮއިގަތެވެ.

“ކީއްވެ ބިރުގަންނަންވީ؟ ކާކުދެކެ؟؟ ބުނެބަލަ..މަންމަ މިހިރީނު..!” ޖަންނަތުގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން އަމީނާ ބުންޏެވެ.

“މަންމާ..އެއުޅޭ..އަލިބޭ…އަލިބެ…އަހަރެން ބިރުގަނޭ މަންމާ” ޖަންނަތު އޭނަގެ މަންމަގެ މޭގައި މޫނުފޮރުވާލިއެވެ.

ކަންތައްވެގެން އުޅޭގޮތް މިހާާރު އެދެމަފިރިންނަށް ވިސްނެން ފަށައިފިއެވެ. އެ އަލިބެއަކީ މޫސަގެ ރައްޓެހި ކަމުގައި އެގެއަށް ވަރަށް ގިނައިން އަންނަ މީހެކެވެ. ޖަންނަތު ދެކެ އޭނަ ވަރަށް ލޯބިވާނެއެވެ. އެއީ ކީއްވެގެންކަން މިއެނގުނީ އަދިކިރިޔާއެވެ. އެމީހުންގެ ރަޙްމަތްތެރިކަމުގެ ނިވަލުގައި ހުރެގެން އެދެމަފިރިންގެ ލޮލުގެ ކޮއިފަދަ ދަރިފުޅުގެ ދިރިއުޅުމާ ކުޅެލީއެވެ. އެމީހުންގެ އަތުގައި އޮތް ހަމައެކަނި މުދާގަނޑުން ވައްކަން ކުރީއެވެ!! އެކުށަށް އޭނައަށް އަދަބު ލިބެންޖެހޭނެއެވެ!

އައިސްފައިވާ ރުޅީގައި މޫސަ ބާރަށް ހިނގައިގަތީ އަލިބެ އުޅޭ ވަޑާންގެއާއި ދިމާއަށެވެ. މިއަދު އޭނަ އަލިބެއަށް ފިލާވަޅެއް ދޭނެއެވެ. ދަރިފުޅަށް ދިން އަނިޔާގެ ބަދަލު ހިފާނެއެވެ. މޫސަ ދިޔައިރު އަލިބެ އިނީ ފުރޮއަކުން އެއްޗެއް ބުރިކުރާށެވެ. މޫސަ އެދިޔަގޮތަށްގޮސް އަލިބެ އަތުން ފުރޯ ޖަހައިގަތެވެ. އަދި ގޮތެއް ގޮތެއް ނުބަލާ ފުރޯގެ ތޫނު މިޔައިން އަލިބެއާ ހަމަލަދޭން ފެށިއެވެ. އަލިބެ ރޮމުން އާދޭސް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް ލެއިންކަޅިވަމުން ދިޔަ އަލިބެގެ އާދޭސް މޫސައަށް ނީވޭ ކަހަލައެވެ. އޭނަގެ ދެލޮލުގެ ކުރިމަތީގައިވަނީ ލޯބިވާ ދަރިފުޅު ޖަންނަތުގެ ކުށެއްނެތް މައުސޫމް މޫނެވެ.

“މޫސަ ހިފަހައްޓާ! އަލިބެ މަރާލައިފި!” އެއްވެފައިވާ މީހުންގެ ތެރެއިން ބަޔަކު އައިސް މޫސަގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓައިގަތެވެ. މޫސަ ފުރޯ ދުރަށް އެއްލާލުމަށްފަހު ކުރިމަތީގައި މަރަށް ތެޅިތެޅިއޮތް އަލިބެއާ ދިމާއަށް ނަފްރަތުގެ ލޮލަކުން ބަލާލިއެވެ. ދެން އެ އަލިބެއަކަށް އިތުރު އެއްވެސް ކުއްޖެއްގެ ދިރިއުޅުމަކާ ނުކުޅެވޭނެއެވެ. އެނުބައި އިންސާނާގެ ސަބަބުން އިތުރު މަޔަކު ނުވަތަ ބަފަޔަކުވިޔަސް ރޯކަށް ނުޖެހޭނެއެވެ!

އަލިބެ މަރާލިކަމުގެ ކުށުގައި މޫސަ މާލެ ގެންގޮސްފިއެވެ. އެޚަބަރު ލިބުމާއެކު އަމީނާއަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނު ހެންނެވެ. އެއްވަރުގެ ދެ ހިތާމަ އެއްވަގުތަކާ ކުރިމަތިވުމުން އޭނަގެ ބަލިހިތަށް އެކަމަކަށް ކުޅަދާނައެއް ނުވިއެވެ. ލިބުނު ކުއްލި ޝޮކެއްގައި އޭނަގެ ހިތުގެ ހިނގުން ހުއްޓުނީއެވެ. ޖަންނަތު އެކަނިކޮށްފައި މަންމަޔާއި ބައްޕަވެސް ދިޔައީއެވެ! ނުނިމޭ