ވާހަކަ ލިޔުއްވީ: ފާތިމަތު ސައީދާ/ އުފާ.ސ،ފޭދޫ
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ތެރެއެވެ. ފުރާމީހުންގެ ފޮށިތައްމައްޗާއި ފުރާމީހުންނެވެ. އެއަރޕޯޓަކީ އަބަދުވެސް “ބިޒީ ޝެޑިއުލް” ގައި މީހުން މަސައްކަތްކުރާ ތަނަކަށް ވުމުން މިއަދުވެސް ފެންނަނީ ހަމަ އެމަންޒަރެވެ. ތަފާތު އެއްވެސް ކަމެއް ނެތެވެ. ޑޮމެސްޓިކް ޓާމިނަލްއިން ރާއްޖެތެރޭގެ ރަށްރަށަށް ފުރާ މީހުން އެބައިމީހުންގެ މަންޒިލަށް ދިއުމަށް ކެތްމަދުވެފައި ތިބިހެން ހީވާ ކަހަލައެވެ. ފިރިން އެބައިމީހުންގެ އަނބި ދަރިންނާއި ބައްދަލުވުމުގެ އުފަލުގައެވެ. ދަރިން މުސްކުޅި މައިންބަފައިންނާއި ބައްދަލު ވެވޭނެތީ ވާއުފަލެވެ. ނަމަވެސް ލޯބިވެރިޔާއާއި ވަކިވެވޭތީ ހިތާމަ ކުރާމިހުންވެސް މަދެއް ނޫނެވެ. ފިރިމީހާ އާއިދުރަށް ދާން ޖެހޭތީ މޮޅިން މޮޅިސާލު ލައިގެން ފުރަން އައިސްތިބި އަންހެންވެރިންވެސް ފެނެއެވެ. އާ ބައިވެރިއަކު ލިބި އާ މަންޒިލަކަށް ދަތުރު ފެށިމީހުންވެސް ތިއްބެވެ.
ޑޮމެސްޓިކް ޓާމިނަލްގައި ބަހައްޓަފައިވާ ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިން ދެވަން ފުރައިގެ ފިރިހެނެކެވެ. ހީވަނީ ވަކި މަންޒިލެއްނެތި ދަތުރުކުރާ މުސާފިރެއްހެންނެވެ. ކުއްލިއަކަށް ޓާމިނަލް ތެރެއަށް ވަނީ ބޮޑު އަންހެން ގުރޫޕެކެވެ. ހީނ، ސަމާސާ ކުރަމުންނެވެ. އަންހެނަކު ފުރުވުމަށް އައިގްރޫޕެކެވެ. ފުރާ މީހާ ދިޔައީ ޗެކިން ވެލާށެވެ. ނަމަވެސް ދެން ތިބި މީހުން މިސްރާބު ޖެހީ އެއްކަލަ ގޮނޑިގައި އިށިދެގެން އިން ފިރިހެން މީހާއާއި ދިމާއަށެވެ. އެތަނުން އެކަކުގޮސް އޭނާ އާއި ވާހަކަ ދައްކަން ފެށިއެވެ. އެއީ ދެނެފަރިތަ ރައްޓެހިންތަކެއްކަން ދެއްކި ވާހަކަތަކުން އެނގުނެވެ.
“ވަހީދު ހާދަ ދުވަހެއް ވެއްޖެއޭ ، ކޮންތާކު ތިއުޅެނީ؟” އެތަނުން އަންހެނަކު އެފިރިހެން މީހާ ކުރެން އަހާލިއެވެ.
“މިހާރު މަސައްކަތް ކުރަނީ ރާއްޖޭންބޭރުގައި…” ވަހީދު ޖަވާބުދިނެވެ. “ހައްވަވެސް މިހާރު ހަބަރެއްވެސް ނުވޭ، ނަންބަރު ބަދަލުވީތަ…” ވަހީދު އަހާލިއެވެ.
” ނޫން.. ހަމަ ސޭމް …. މަށަކީ ހެދުން ބަދަލުކުރާހެން ނަންބަރު ބަދަލު ކުރާމީހެއްނޫން….” ހައްވަ ނަންބަރު ބަދަލު ނުވާކަން ޔަގީން ކޮށްދިނެވެ.
އެތައް ޒަމާނެއްގެ ރައަޓެހިންތަކެއް ބައްދަލުވުމުން ދައްކާނެ ހުރިހާ ވާހަކަ ތަކެއް ދެކެވުނެވެ. އަދި އެންމެފަހުން ރައްޓެހިންތައް ވަކިވެގެން ދިޔައީ ކޮފީއަކުންނެވެ.
ޗެކިން ނިންމާފަ އެތަނަށް އައީ ސަމީރާއެވެ. ސަމީރާ ދަނީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅަށެވެ. ސަމީރާ ވެސް ގޮވައިގެން އެންމެން ދިޔައީ ކޮފިއަކަށެވެ. ސަމީރާ ފެނުމުން ވަހީދުގެ ވާހަކަ ބަދަލު ވިއެވެ. ކޮންމެވެސް ކަހަލަ އުނދަގުލެއް ވާހެން ހީވާކަހަލައެވެ. ދަންނަ، އެހެން ނަމަވެސް މާބޮޑު މައުލޫމާތެއް ސަމީރާ އާއި ބެހޭ ގޮތުން ނޭނގޭކަހަލައެވެ. ހައްވަ، ސަމީރާ އަކީ ކާކުކަން ވާހީދު އަށް ތަޢާރަފުކޮށް ދިނެވެ. އެވަގުތު ވަހީދު ބުނެލީ ސަމީރާ އަކީ ކުޑައިރު ވަރަށް ދެކޭ މީހެއް ކަމަށެވެ. ނަމަވެސް ކިޔަވަން އުޅުނު ދުވަސްވަރު ސަމީރާ އަށް ވަހީދު ފެނުނުކަމެއް ހަނދާން ނުވާ ވާހަކަ، ސަމީރާ ބުންޏެވެ. އެވަގުތު ވަހީދުގެ ހިތުގެ ވިންދު އަވަސްވިކަހަލައެވެ. ނަމަވެސް ވަހީދުނޫން އެހެން އެއްވެސް މީހަކަށް އެކަމެއް ނޭނގުނެވެ. އެތައް އަހަރުތަކެއް ވަންދެން ސިއްރުކޮށްފައިވާ، “އެވާހަކަ” ފަޅާ އަރާފާނެތީ ވަހީދު ގެ ގައިން ހީބިހި ނެގިއެވެ. އެއީ ދެން ދުވަހަކުވެސް އެވާހަކަ އެހެން މީހެއްގެ ގާތުގައި ހިއްސާކުރަން ބޭނުންވާ، ނުވަތަ ހިއްސާ ކުރެވޭވަރުގެ ހިއްވަރެއް ވަހީދުއަށް ލިބިގެންވާ ވާހަކައެއް ނޫނެވެ.
ފުރާގަނޑިޖެހުމުން އެތެރެއަށް ދާން ހިނގައިގަތީ ވަހީދުއާއި ސަމީރާއި އެކު އެކީކަހަލަ ގޮތަކަށެވެ. “ހީވަނީ ދެމަފިރިންހެން… ވަރަށް ގުޅޭ ތި ދެމީހުން….” އެވަގުތު ހައްވަ ސަމީރާއާއި ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ. އެންމެން އެކީ، ހީނ ގަތެވެ. ސަމީރާ ވަރަށް ލަދުގަތެވެ. އެކަން އެނގުނީ އޭނާގެ ހަރަކާތްތަކުންނެވެ.
ބޯޑިން ވުމަށް ފަހު އަނެއްކާވެސް ވަހީދުގޮސް އިށީނީ އެހެން މީހުންނާއި ތަންކޮޅެއް ދުރުގައި ހުރި ގޮނޑި އެއްގައެވެ. ސަމީރާ ބޯޑިން ވެލުމަށްފަހު އިށީންނާނެ ގޮނޑިއަކަށް ނަޒަރު ހިންގާލިއެވެ. ވަހީދު އެކަނި މާދުރުގައި އިންތަން ފެނުމުން ވަހީދު ކައިރީގައި ހުރި ގޮނޑީގައި އިށިނުމަށް ދިޔައެވެ. އަދި ވަހީދުކުރެން ހުއްދައަށް އެދުނެވެ. “މި ގޮނޑީގަ އިށިދެ ވިދާނެތަ؟” “ކޮބާ މައްސަލައަކީ އަވަހަށް އިށީނދޭ…” ވަހީދު ބުނެލިއެވެ.
ކުއްލިއަކަށް އިވިގެން ދިޔައީ ފުރަން ހަމަ ޖެހިފައިވާ 2 ފުލައިޓެއް ފުރުން ލަސްވިވާހަކަ އެވެ. އެވަގުތު ސަމީރާ ވަރަށް މާޔޫސްވިއެވެ. “އަޅެ، ހައްވަ މެންވެސް މާލެ ދިޔައީ… ފުރުން ލަސްވީ..” ސަމީރާ ފުރަން ހަމަޖެހިފައިވާ ބޯޓު ލަސްވިކަން ވަހީދުއަށް އެނގުނެވެ. ނުރުހުންވެ ހުރެނަމަވެސް އެއްރަށު މީހަކަށް ވާތީ ސަމީރާގެ އެކަން ބޮޑުވުން ހަމައަކަށް އެޅުވޭތޯ ވަހީދު ބެލިއެވެ. “ވަރަށް ދެރަ ….އެކަމަކު މަވެސް މިހިރީއެއްނޫން…. މަގޭ ފުރުންވެސް ލަސްވީ…..” ” ވަހީދު ފުރާ ބޯޓުވެސް ލަސްވިކަން އެނގުމުން ސަމީރާ ކުޑަކޮށް ހަމަޖެހިލިއެވެ. އެއީ ހައްވަގެ ފަރާތުން ނަމަވެސް ވަގުތީ ރަހުމަތް ތެރިއަކު ލިބުނީތީއެވެ. އަދި ވަހީދު އަކީ ރަށުން ފެންނަ، ރީތި މަދު ފިރިހެނުންގެ ތެރޭގައި ހިމެނޭ މީހަކަށް ވުމުން ސަމީރާ ވެސް ވަހީދުއާއި ވާހަކަ ދައްކާލާ ހިތްވާތީވެސް މެއެވެ. ވަހީދު އަޅައިގެން އިން އަވި އައިނުގެ ނަގައި ބޯމަތީ ބާއްވާލިއެވެ. އަދި ވަރަށް ހަމަ ޖެހޭގޮތް ދައްކާލިއެވެ.
“ކީއްވެތަ އޭރު ބުނީ ކުޑަ އިރު ދެކެމޭ…. އެއްކޮށްނޭ ކިޔަވަން އުޅުނީ…. މަށަށް އެނގޭ ތިއީ ރަށު މީހެއްކަން…. އެކަމަކު ކިޔަވަން އެކީ އުޅުނު ހަނދާނެއް ހަމަ ނުވޭ…” ސަމީރާ ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނާލިއެވެ.
“ހަގީގަތުވެސް އަހަރެން ނުދެކެންތަ؟… އަހަރެން…. ކުއްޖަކު ފޮނުވާ …… ” ސަމީރު ބުނަން އުޅުނު ވާހަކަތައް މެދު ކަނޑާލުމަށް ފަހު ގޮނޑިގައި އަނެއްކާވެސް ހަމަ ޖެހިލިއެވެ.
“ނުދެކެން…. އެކަމަކު ތިގެވެސް މަށަށް އެނގޭ… ތިގޭ އެންމެންވެސް އެނގޭ….. އަންހެނުންވެސް އެނގޭ….. ހީވަނީ 2 ކުދިންވެސް ތިބޭހެން…. ރަނގަޅުތަ؟….” ސަމީރާގެ ވާހަކަ އަނެއްކާވެސް ފެށިއެވެ.
“މިހާރު އަންބެއް ނުހުންނާނެ….2 ނުން.. 3 ތިބޭނެ…..” ވަހީދު ބުނެލިއެވެ.
“ސަމީރާގެ ފިރިމީހާ ކޮބާ؟… ކިތައް ކުދިން ތިބޭތަ؟…” މިފަހަރު ވަހީދު ސަމީރާއާއި ކުރުވީ ސުވާލު ތަކެކެވެ.
“2 ކުދިން ތިބޭ… ކުދިން ބޮޑެތި ވެއްޖެ…. ފިރިއަކު ނުހުރޭ…. ” ސަމީރާ ވަޙީދުގެ ސުވާލުތަކަށް ޖަވާބު ދިނެވެ.
ސަމީރާ ދިން ޖަވާބަކީ ވަހީދު ސަމީރާއި ވާހަކަ ދައްކަން ލިބުނު ހިއްވަރަކަށް ވެގެން ދިޔައެވެ. ވަހީދު އަނގަ ހުޅުވާލުމުގެ ކުރިން އަނެއްކާވެސް ސަމީރާ އަހާލިއެވެ.
“ނުދެކެންހޭ ތިއަހަނީ ކީއްވެތަ؟… ކާކު ފޮނުވި…. ކޮންތާކަށް ފޮނުވި ވާހަކަ އެއްތަ؟….”
ވަހީދު ވަގުތުގެ ބޭނުން ހިފިއެވެ. މާލަސްވެދާނެތީއެވެ. މިހާރުވެސް މާލަސްވެއެޖެވެ. ދުވަހަކުވެސް އެހެން މީހަކަށް އެވާހަކަ ހިއްސާކުރަން ބޭނުން ނުވާ ވާހަކަ، ކަށިން ހިތްވަރު ލިބިގެން ފުރުސަތު ނަގާ ނުލާ ވަހީދު ކިޔައިދޭން ނިންމިއެވެ. އެތައް ޒަމާނެއްވަންދެން ހިތުގައި ފޮރުވާފައިވާ އެމީހަކު ދެކެ އިންތިހާއަށް ލޯބިވި މީހާގެ ވާހަކަތައް ސީދާ އެމީހާ ގާތުގައި ކިޔައި ދިނެވެ. އެވާހަކަތައް، އެމީހެއްގާތުގައި ދައްކަން ބޭނުންވާ މީހާ މިހިރީ ކުރިމަތީގައެވެ. ބައެއްފަހަރު މިއީ ފެންނަ ހުވަނެކޭވެސް ހިތައް އަރައެވެ. މިއީ އިއްތިފާގެއް ބާވައޭވެސް ހިތައް އަރައެވެ. ނަސީބު އަތުގައި ހިފީއޭވެސް ހިތައް އަރައެވެ. ހިތުގައި އޮންނަ ކަމެއްނަމަ ކޮންމެވެސް ދުވަހަކުން ވާނެއޭ މީހުން ބުނެ އުޅޭ ވާހަކަ އަކީ ތެދު ވާހަކައެއްކަން ވަހީދު ޤަބުލުކުރިއެވެ.
އެއީ ވަޙީދު ގެ ޒުވާން ދުވަސް ވަރެވެ. ނުވަތަ “ޓީން” އޭ މިކިޔާ އަހަރުތައް ގުނަމުން ދިޔަ ދުވަސް ވަރެވެ. ތައުލީމު ހާސިލް ކުރަމުން ދިޔައީ މާލޭގެ ސްކޫލެއްގައެވެ. އަންހެން ކުދިންނަށް އެންމެ ހިތް ކިޔާލާހިތްވާ ދުވަސްވަރެވެ. ވަހީދުގެ ހިތުގައިވެސް ޒުވާން ކަމުގެ ވިންދު ޖަހާކަން އެނގުނީ ވަހީދުއަށް ސަމީރާ ފެނުނު ދުވަހުއެވެ. ސަމީރާ ވެސް ކިޔަވަމުން ދިޔައީ މާލޭގެ ސްކޫލެއްގައެވެ. ނަމަވެސް ދުވަހަކުވެސް ސަމީރާ ގެއިން ބޭރަށް ނުކުމެ ހަދާތަނެއް ނުފެނެއެވެ. ސްކޫލަށް ދިޔުން ފިޔަވައި އެހެން ތަނަކަށް ސަމީރާ ދާތަން ވަހީދުއަށް ފެނިފައެއް ނުވެއެވެ. އަބަދުވެސް ސަމީރާ ސްކޫލަށް ދާ އިރު މަގުގެ ކޮންމެވެސް ހިސާބެއްގައި ވަހީދު ސަމީރާ ދެކިލުމުގެ ފޮނި އުއްމީދުގައި ގޮސް ހުންނަކަމަށް ވެއެވެ. ސަމީރާގެ ބައްޕަ އަކީ ހަރުކަށި ގޮތްތަކެއް ދަރިން ބެލުމުގައި ގެން ގުޅޭ މީހެއްކަން ވަޙީދުއަށް އެނގޭތީ ސަމީރާއާއި ބައްދަލުކޮށް ވާހަކަ ދައްކާލާކަށް ނުކެރެއެވެ. އަދި ސަމީރާ ފެންނަ ހިސާބަކަށް ވެސް ދާކަށް ނުކެރެއެވެ. ސަމީރާމެން މާލޭގައި ތިބޭ ގެއަކީ އެރަށު ވަރަށް ގިނަ ކުދިން ކިޔަވަން މާލެގޮސް ތިބޭ ގެއެކެވެ. ދޭތެރެއަކުން ވަހީދުވެސް ސަމީރާ މެންގޭ ދޮރައަށި ކައިރީގައި އެގޭގައި ތިބޭ އެހެން ފިރިހެން ކުދިންނާއި ވާހަކަދައްކާލަން ގޮސް ހުންނަ ކަމަށް ވެއެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. ސަމީރާ ފެނޭތޯއެވެ. ހިޔަންޏަށް މުޑި ނެގުމުގައެވެ. އެންމެފަހުން ވަހީދު ގޮތެއް ނިންމިއެވެ. އެއީ ސަމީރާ ދެކެ ލޯބިވާކަން އޭނައަށް އެންގުމެވެ. ސަމީރާމެންގެ ގޭގައި އުޅޭ އެރަށު ކުއްޖަކު ލައްވާ ސަމީރާއަށް ލޯބި ހުށަހެޅުމަށެވެ.
ޒަމާނަކީ މިހާރުގެ މިގެންގުޅޭ މުއާސަލާތީ ޚިދުމަތްތަކެއް ގެންގުޅޭ ޒަމާނެއް ނޫނެވެ. ސިޓީ އެއް ފޮނުވާކަށް ވަޙީދު ބޭނުމެއް ނޫނެވެ. ސަބަބަކީ އެސިޓީ އެހެން މީހަކަށް ފެނިދާނެތީއެވެ. ނޫންނަމަ ސަމީރާ ނޫންބަސް ބުނެ ބޭޒާރު ކޮށްލާނެތީވެއެވެ. އެހެން ކަމުން އާދައިގެ މަތިން ސަމީރާމެންގޭ ދޮރައަށި ކައިރިއަށް ދިޔަ ރެއެކެވެ. ވަހީދު އެގޭގައި ތިބޭ ކުދިންގެ ތެރެއިން ކުއްޖެއްގެ ގާތުގައި މިވާހަކަ ބުނެލިއެވެ. އަދި ސަމީރާ ގާތު އެވާހަކަ ބުނެލަ ދިނުމަށާއި އަދި އޭނާ ދޭ ޖަވާބެއް ގެނެސްދިނުމަށް އެދުނެވެ. އެރޭ ވަރަށް ގިނަ އިރު ވަހީދު ސަމީރާމެންގޭ ދޮރުމަތީގައި ކުރު ކާލި ކަނޑަލާ ކަނޑަލާ ހުއްޓެވެ. އެކުއްޖާ ޖަވާބު ހިފައިގެން އަންނަ އިރަކަށެވެ. ގިނަ އިރުތަކެއްފަހުން އެކުއްޖާ ވަހީދު އާއި ހަމައަށް ގެނެސްދިން ޖަވާބަކީ “ނޫން” މިލަފްޒެވެ. އެވަގުތު ވަހީދުގެ ހިތް ހަލާކުވިއެވެ. އަލުން މަރާމާތު ނުކުރެވޭވަރަށެވެ. މަންޒިލެއްނެތް ދަތުރު ވެރިއަކަށް ވަހީދު ވީ އެހާހިސާބުންނެވެ. ލަދެއްގައި ނުބެދި ސަލާމަތްވީ ހަމަ ކިރިޔާއެވެ. ސިޓީއެއް ފޮނުވި ނަމަ އެސިޓީ ބޭޒާރުކޮށްލީސްކަން ކަށަވަރެވެ. ނަމަވެސް ވަހީދުވެސް ދުނިޔޭގައި އުޅޭނެއެވެ. އަޖަލުހަމަވަންދެން އުޅޭނެއެވެ. ހަމަ ޔަގީނުންވެސް ސަމީރާ ނުލިބިގެން ވަހީދު އަމިއްލައަށް މަރެއް ނުވާނެއެވެ. އެއަށްވުރެން ވަހީދުގެ އީމާން ތެރިކަން ވަރުގަދައެވެ. އެރެއަށްފަހުން އެގޭ ހުންނަ ހިސާބަށްވެސް ނުދިޔުމަށް ވަހީދުނިންމިއެވެ. ނަމަވެސް ދުނިޔޭގައި އުޅޭނީ ވަކި މަންޒިލެއް ހާސިލުކުރުމުގެ ބޭނުމެއްގައެއްނޫނެވެ. އަދި ވަކި މީހަކަށްޓަކައެއްވެސް ނޫނެވެ. އަދިވެސް ވަހީދުގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
ތައުލީމީ ހަޔާތް ނިންމުމަށްފަހު ވަހީދު ކުރިމަތިލީ ރިސޯޓު ގެ ވަޒީފާއާއެވެ. ތަފާތު އެތައް މަގާމުތަކެއް ފުރިއެވެ. ކާމިޔާބުކަމާއި އެކުގައެވެ. ލޯބީގައި ނާކާމިޔާބުވެފައި ވީނަމަވެސް ވަޒީފާގެ މާހައުލުގައި ވަހީދު އަކީ ކާމިޔާބު މީހެކެވެ. ލޯބިވި އަދި ލޯބިވާ މީހާ ނުލިބުމުން ހަޔާތް ބޭކާރުކޮށްލާކަށްވެސް ވަހީދު ބޭނުމެއްނުވިއެވެ. އޭނާ ރަށު ކުއްޖަކާ ކައިވެނިވެސް ކުރިއެވ. އެކައިވެންޏަށް ތިން ކުދިންވެސް ވަނީ ލިބިފައެވެ. އެއްވެސް އަންހެނަކު ތިމާގެ ފިރިމީހާ އާއި ދުރުގައި ހުންނަން ނޭދޭ ފަދައިން ވަހީދުގެ އަންހެނުންވެސް އެދުނީ ރަށަށް އައިސް ރަށުގައި ހުރެގެން ކޮންމެވެސް މަސައްކަތެއް ކުރުމަށެވެ. ނަމަވެސް އެއީ ވަހީދުއަށް އެހާ ފަސޭހަކަމެއްނޫނެވެ. ރަށަށް ދިރިއުޅުން ބަދަލު ނުކުރުން ވީ ވަހީދުގެ ކައިވެނީގެ ނިމުން ކަމުގައެވެ. ވަހީދު މިހާރު ނޭވާ ލަނީ އެ ތިން ކުދިންނަށްޓަކައި ކަހަލައެވެ. ލިބިފައިވާ ތިން ކުދިންނާއި މައިންބަފައިންގެ ޙައްޤުގައި އަހަރަކު އެއްފަހަރު ރަށަށް އާދެއެވެ. 3 ދުވަހަށެވެ. 2 ދުވަހަށެވެ.
ހަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރަމުން އަންނަނީ އަމިއްލަ ވަޒަނާއި އެތައް މޭލުދުރެއްގައެވެ. އަމިއްލަ ރަށަށް ދާން ބޭނުން ވެއެވެ. ނަމަވެސް ރަށުގައި ހުރުމަކީ ވަހީދުއަށް އެހާ ފަސޭހަކަމެއް ނޫނެވެ. ސަބަބަކަށް ވެފައި ވަނީ ސަމީރާއާއި އެތައް ތާކުން މުޑި އެރުމެވެ. ފިހާރަތަކުންނެވެ. މަގުމަތިންނެވެ. ސްކޫލުދޮށުންނެވެ. އެއިން ކޮންމެ ފަހަރަކުވެސް ވަހީދުގެ ހިތުގައިވާ ފަރުވާ ނުލިބިފައިވާ ފާރުގަނޑު އިތުރަށް ބޮޑުވެ، އެފާރުގަނޑުން އެތައް ލެއެއް އޮހޮރެއެވެ. އެކަން ދަންނަ އެކަކުވެސް ނުހެރެއެވެ. އެހެންކަމުން ވަހީދު ނިންމާފައިވަނީ ދުވަހަކުވެސް ރަށުގައި ގާއިމުވެ ނުހުރުމަށެވެ.
އެތައް އަހަރުތަކެއްވޭތުވެ ދިޔަފަހުން އަނެއްކާވެސް ވަހީދުގެ ހިތުގައި ސަމީރާގެ ތަސްވީރުގެ ކުރެހުމުގެ ކުލަގަދަވާން ފަށައިފިއެވެ. އެހެންކަމުން އަނެއްކާވެސް އެއްކަލަ ކުޑައިރުވެސް ދޭތެރެއަކަށް މެދުވެރިވި މެދުވެރިޔާ އަށް ވަހީދު ގުޅިއެވެ. އަދި ސަމީރާގެ ވާހަކަ އަހާލިއެވެ. މިފަހަރުގެ ޖަވާބު ތަފާތެވެ. ސަމީރާ އުޅޭ އުފާވެރި ދިރި އުޅުމުގެ ވާހަކަ އެވެ. ލިބިފައި ވާ ރަނގަޅު ފިރިމީހާގެ ވާހަކައެވެ. ސަމީރާއަށް ލިބިފައި ވާ އުފާވެރި ދިރި އުޅުމާއި ރަނގަޅު ފިރިމީހާ އާއި އެކު މުޅި އުމުރު ހޭދަ ވުމަށް އެދި ވަހީދު ސަމީރާއަށް ހެޔޮ ދުޢާ ކުރިއެވެ. ވަހީދުއަށް ސަމީރާގެ ލޯބި ނުލިބުނު ނަމަވެސް ސަމީރާ އުފަލުގައި އުޅުމަކީ ވަހީދު އެދޭ ވަރަށް ބޮޑު އެދުމެކެވެ. އެހާހިސާބުން ވަހީދު، ސަމީރާ ގެ ނަން އޭނާގެ ހިތުން ފޮހެލުމަށް އަޒުމު ކަނޑައެޅިއެވެ. އަދި ދިވެހިރާއްޖެ ދޫކޮށް ބޭރު ޤައުމެއްގައި ވަޒީފާ އަދާކުރަން ފެށިއެވެ. މިދަތުރަކީވެސް އެގޮތުގެމަތިން ވަޒީފާގައި ރާއްޖެއިން ބޭރުގައި ހުރެފައ،ި ރަށަށްގޮސް އެނބުރި ރާއްޖޭން ބޭރަށް ދިޔުމުގެ ކުރިން، ޗުއްޓިގައި ބާކީ އޮތް ދުވަސްތައް ހޭދަކޮށްލުމަށް ރިސޯޓަކަށް ދާދިޔުމެއްކަމަށް ސަމީރާ ގާތު ބުންޏެވެ. އަދި ސަމީރާ އެއަރޕޯޓުން ފެނުމުން ވަރަށް ލަދުގަތް ވާހަކަވެސް ބުންޏެވެ. ސަބަބަކީ އޭނާ އާށް “ނޫން” ބަސް ބުނެފަ ހުރި އޭނާ އެހާ ލޯބި ވާމީހަކަށް ސަމީރާވުން ކަމުގައިވެސް ބުންޏެވެ. ވަހީދު ގެ ވާހަކަތައް ނިންމާލަމުން ހިތްހަމަ ޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެތައް އަހަރުތަކެއްވަންދެން ހިތުގައި ފާރުވެފައިވާ ފާރުގަނޑަށް ޝިފާއެއް ލިބުނު ކަހަލައެވެ.
ސަމީރާ ދައްކާނެ ވާހަކަ ނެތި ހުއްޓުން އެރިއެވެ. އޭނާ ފަށަންވީ ކޮން ހިސާބަކުން ހެއްޔެވެ؟ އެބުނާ މީހަކީ ކާކުތޯ އަހާ އޮޅުން ފިލުވިއެވެ. އަދި އެމީހަކު ދުވަހަކުވެސް އެކަހަލަ ވާހަކަ އެއް ސަމީރާ ގާތު ދައްކާފައި ނުވާ ކަމަށް އެތައް ފަހަރަކު ބުންޏެވެ. އަދި އެމީހާ ގެ ގާތު ދެމީހުން އެއްތާ ތިބެގެން އެވާހަކަތައް އެހުމަށް ވަހީދު ގާތުން އެދުނެވެ. ވަހީދު އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. އަނެއްކާވެސް ވަހީދު އަށް ހިތްވަރު ލިބުނެވެ. އެހެން ކަމުން ފިރިމީހާ ވަރިކުރީ ކީއްވެތޯ އަހާ އޮޅުން ފިލުވިއެވެ.
ސަމީރާގެ ވާހަކަ ފެށިއެވެ. މާލޭގައި ކިޔަވަން އުޅުނުއިރު ސަމީރާ ދުވަހަކުވެސް ވަހީދު ފެނިފައިވާ ހަނދާނެއް ނުވާ ވާހަކަ ބުންޏެވެ. ކިޔެވުމަކީ ސަމީރާ ވަރަށް ކުރާ ހިތުން ކުރި ކަމަކަށް ވުމުން އެހެން ކަންކަމަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނެތްވާހަކަތަކެވެ. އަދި ގޭ ދޮށަށް ގޮސް އުޅޭ ކުދިންނަށް މާބޮޑު ޝައުޤުވެރި ކަމެއް ނުހުންނަ ވާހަކައެވެ. މައިންބަފައިންގެ ހަރުދަނާ ތަރުބިއްޔަތުގެ ސަބަބުން ސަމީރާ ބޮޑުވެފައިވަނީ ޒުވާން ކުދިން ކުރަމުންދާ އެފަދަ އެއްވެސް “ޒުވާންކަމުގެ” މަޅިއެއްގައި ނުޖެހިއެވެ. ސްކޫލު ނިންމުމަށްފަހު މާލޭގެ އޮފީހަކުން ރަނަގަޅު ވަޒީފާއެއް ހޯދިވާހައެވެ. ކުއްލިގޮތަކަށް ބައްޕަ މިދުނިޔެދޫކުރި ވާހައެވެ. އެހިތާމައިގައި މަންމައާއި ކުޑައަށް ތިބި ހަތަރު ކޮއްކޮއަށް އެހީތެރި ކަމުގެ އަތެއް ދިއްކޮށްލި، ސަމީރާ އާއި އުމުރުގެ ގޮތުން އެތައް އަހަރެއް ދޮށީ މީހަކާއި ކައިވެނި ކުރަން ޖެހުނު ގޮތެވެ. ކައިވެންޏަށް ފަހު ވަޒީފާ ދޫކޮށްލި ވާހައެވެ. އެމީހާއަށް 2 ކުދިން ލިބިފައި ވާ ވާހަކައެވެ. ކުދިން ރަނގަޅުގޮތުގައި ބޮޑުވެފައި ތިބިކަމަށްޓަކައި ﷲ އަށް ސަމީރާ ހެޔޮދުޢާ ކުރިއެވެ. އުމުރުން ކިތައްމެ ދޮށީ މީހަކާއި ނަމަވެސް ކައިވެންޏެއް ކުރެވުމުން، ރީތި ރަނގަޅު ދިރި އުޅުމެއް އުޅުމަށް ނިންމައި ރަށަށް ބަދަލުވިވާހަކައެވެ. ނަމަވެސް ތަފާތު އެތައް މައްސަލަތައް ޖެހެމުން ދިޔަވާހަކަތަކެވެ. އެންމެފަހުން އިނދެގެން 20 އަހަރު ވުމުން އެމީހާ އަނެއްކާވެސް އެހެން އަންހެން ކުއްޖަކާއި ކައިވެނި ކުރި ވާހަކައެވެ. އެކައިވެންޏާއި ސަމީރާ ދެކޮޅުހެދުން ވީ ސަމީރާގެ ކައިވެނީގެ ސިއްކަޖެހުން ކަމުގައެވެ.
ދިރި އުޅުމުގެ ހިތްދަތި ވާހަތައް ލިޔެފައިވާ ޞަފުޙާތައް ސަމީރާ ވަހީދުގެ ކުރިމަތީގައި ހުޅުވާލީ އެއްވެސް ޖެހިލުމެއް ނެތިއެވެ. މާސިންގާ ކަނޑުގައި، ދަތުރުގެ އެއްވެސް މަންޒިލެއް ފެންނަންނެތި އޮޔާ ބެހެމުން ދިޔަ ދޯންޏެއް ގައި އެކަނި މާއެކަނި އިންދާ ސަލާމަތް ކުރުމަށް އައި މީހަކު ފެނުމުން ވާ އުފާ ސަމީރާގެ މޫނުމަތިން ފެންނަ ކަހަލައެވެ. ދަތުރުގެ މަންޒިލް ފެނިއްޖެއޭ ބުނާކަހަލަ ގޮތަކަށެވެ. ސަމީރާ، ވަހީދުއާއި ޝަކުވާތަކެއްވެސް ކުރިއެވެ. ދެމީހުންގެ ދޭތެރެއަށް އިތުރު މީހަކު ގެނައި ސަބަބަބެވެ.
ފުރަން ބޯޑަށް އެރުމަށް ގޮވާލެވުނެވެ. ދެމީހުންވެސް އެކުއެކީ ކަހަލަ ގޮތަކަށް ފުރައިގެން ރާއްޖޭގެ ދެ ހިސާބަކަށް ދަތުރު ކުރިއެވެ. އެކަކު އަނެކަކު އެދަތުރުގައި ދެ މަންޒިލަކަށް ފުރައިގެން ދިޔަ ކަމުގައި ވިޔަސް ދެމީހުން އެކުއެކީ އުމުރުގެ ބާކީއޮތް މަންޒިލަށް ދަތުރުކުރުމަށް ނިންމައިގެންނެވެ. …….
(ނިމުނީ)
ނޯޓް: އައްޑޫއޮންލައިން ނޫހުން މި ރަމަޟާން މަހު ކުރިއަށް ގެންދާ ކުރުވާހަކަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާ ވާހަކަ ދެންނެވީމެވެ. ބައިވެރިކުރުމަށް ބޭނުންވާ ވާހަކަތައް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބައިވެރިކުރާ ވާހަކަތައް ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކުވެސް އަޕްލޯޑް ކުރަމުން ގެންދާނެއެވެ. މި މުބާރާތުގެ އެއްވަނަ އިނާމަކަށް 3000ރުފިޔާ، 2 ވަނަ އިނާމަކަށް 2000 ރުފިޔާ އަދި ތިންވަނަ އިނާމަކަށް 1000 ރުފިޔާ ހުށަހެޅިފައިވާނެއެވެ،