English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދު - ފޮޓޯ: މަޖިލިސް

ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ މަސައްކަތް ނިންމަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ޢަބްދުއްލަތީފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޢަބްދުއްލަތީފް ވިދާޅުވެފައި ވަނީ ދިއްދޫގައި އަޅާފައިވާ 250 ހައުސިންގ ޔުނިޓްގެ ބިންގާ އަޅުއްވައިދެއްވީ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒުކަން ދިއްދޫގެ ރައްޔިތުންގެ ހިތަކުން ނުފިލާނެ ކަމަށާއި، ހަނދާންވެސް ނުނެތޭނެ ކަމަށެވެ.

“ހުރިހާ ފްލެޓްތަކުގެ އެ މަސައްކަތް ކޮށްދެއްވައި ނިންމައިދެއްވީ ރައީސް ޔާމީންގެ ސަރުކާރުން. ޝުކުރިއްޔާ”، އޭނާ ވިދާޅުވެފައި ވެއެވެ.

ޢަބްދުއްލަތީފް މިހެން ވިދާޅުވިއިރު، ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމަށް ޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފާއާއިއެކު އަލުން ފޯމްތައް އިވެލުއޭޓްކޮށް، ލިސްޓް ތަރުތީބު ކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން އެކުލަވާފައިވާ ޓީމަކުން ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ވަނީ ބުނެފަ އެވެ.

ދިއްދޫގެ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ފަށާފައިމިވަނީ އޭސީސީގެ ލަފާގެ މަތިން އެ ފްލެޓްތައް ދޫކުރުން މަޑުޖައްސާލާފައި އޮންނަތާ އެތައް ދުވަހެއް ފަހުންނެވެ.

ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓްގެ ތެރެއިން މިހާތަނަށް 140 ފްލެޓް މީހުންނާއި ހަވަލުކޮށްފައިވާއިރު، އިތުރު 110 ފްލެޓް ދޭނެ ފަރާތްތައްވެސް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ލިސްޓް ބާތިލްކޮށް، އަލުން މާކުސް ދީފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި 110 ފްލެޓްގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިއްދޫ ކައުންސިލުން ހުޅުވާލުމާއެކު، އެ ލިސްޓަށް ގިނަ ބައެއްގެ ޝަކުވާ ވަނީ ލިބިފައެވެ. އަދި އޭގެ ސަބަބުން އެ ލިސްޓަށް ފްލެޓް ދިނުން މަޑުޖައްސާލުމަށް އޭސީސީ އިން ވަނީ އަންގާފައެވެ.