އައްޑޫސިޓީ މަރަދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑަކާއި ސީޕީޔޫއެއް ވަގަށް ނަގައިފިއެވެ.
މި ހާދިސާ ހިނގާފައި މި ވަނީ ވެކްސިން ނުޖެހިޔަސް ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އޭނާ މިހެން ވިދާޅުވީ، ދޮޅު އަހަރު ފަހުން ރާއްޖެއިން ހިމަބިހި ފެނުމާއި ގުޅިގެން ބައެއް މީހުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަދައްކަމުންނެވެ.
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިއްޔެ ވިދާޅުވެފައިވަނީ އައްޑޫގައި ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް ހުންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ސްކޫލެއް ކަމެއް ފައިސަލް ފާހަގަ ނުކުރެއެވެ.
މަރަދޫފޭދޫ ދަމަނަވެށިން ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެތައް ފަހަރެއްގެ މަތީން ވައްކަންކޮށްފައިވާއިރު އެތަނުން ނެގި އެއްވެސް އެއްޗެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. ދަމަނަވެށި ހިންގެވުމާ ހަވާލުވެ ހުންނަވަނީ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު އިހުތިޝާމް ނަޖީބު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު އެ އޮފީހުން ނެގި އެއްޗެހީގެ ތެރޭގައި ވެކްސިން ތައްގަނޑާއި އޮފީހުގެ ރަސްމީ ތައްގަނޑާއި ރަސްމީ ލިޔުންތައް ހުރި ސީޕީޔޫ ހިމެނެއެވެ. މި އެއްޗެހީގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުން ކޮށްފާނެ ކަމަށް އިހުތިޝާމް ނަޖީބު ވިދާޅުވެއެވެ.
ފުލުހުންނަށް މި މައްސަލަ ހުށައަޅާފައިވާ ކަމަށް ދަމަނަވެއްޓާއި ހަވާލުވެގެން ހުރި ފަރާތުން ވިދާޅުވެއެވެ.