English Edition
Dhivehi Edition
އަޙްމަދު އަކްރަމް، ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވަނީ - ފޮޓޯ: ޓްވިޓާ

އަޙްމަދު ކަރަމް، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޯޑުންނާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް)ގެ ބޯޑުން އިސްތިއުފާދެއްވައިފި އެވެ.

ޖީއޭއެމްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ކަރަމް އަކީ އަކީ އެމްއެމްޕީއާރުސީގައި ގެސްޓްހައުސް އިންޑަސްޓްރީ ތަމްސީލްކުރައްވާ ފަރާތް ކަމަށްވާއިރު، އޭނާ އަކީ އެމްއެމްޕީއާރުސީގެ ބޯޑުގެ އިންޓެރިމް ޗެއާމަންވެސް މެއެވެ.

ކަރަމް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަށް މިދިޔަ ހުކުރު ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު އެމްޑީޕީ އިން ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޕްރައިމަރީގައި އއ. ތޮއްޑޫ ރަށު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލުމަށް ނިންމަވާފައިވާތީ، އެމްއެމްޕީއާރުސީގެ ބޯޑުން ހުކުރު ދުވަހުން ފެށިގެން އިސްތިއުފާ ދެއްވުމަށް ނިންމަވައި، އެކަން ޕްރައިވެޓަރިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުގެ ރައީސް އަށް އަންގަވާފައިވާ ކަމަށެވެ.

އަދި އިސްތިއުފާދެއްވީ މަޤާމުގެ ނުފޫޒެއް ޕްރައިމަރީ އިންތިޚާބުގައި ވެސް ނޯންނާނޭކަން ވާދަވެރި ކެންޑިޑޭޓުންނަށާއި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް އެ ސިޓީގައި ކަރަމް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ކަރަމް ވަނީ އެމްއެމްޕީއާރުސީގެ ބޯޑުން ހުސްވި މެންބަރުކަމަށް، ގެސްޓްހައުސް އިންޑަސްޓްރީ ތަމްސީލްކޮށްދޭނެ ފަރާތެއް ޢައްޔަންކޮށްދެއްވުމަށްވެސް ކަރަމް ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.