English Edition
Dhivehi Edition
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަދި ޤާނޫނީ ވަކީލް، އަނަސް އަބްދުއް ސައްތާރު - ފޮޓޯ: ރާއްޖެ އެމްވީ

ވެރިކަމުގަ ތިބިއިރު ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި ބަޔަކަށް އެހެން މީހުންވެސް އެހެން ކެމްޕެއިން ކޮށްފާނެކަމަށް ހީވެދާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސެކްރެޓަރީ ޖެނެރަލް އަދި ޤާނޫނީ ވަކީލް، އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެ އެވެ.

އަނަސް މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް މި ސަރުކާރުން ބޭނުންކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރެއްވި ތުހުމަތުތަކާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓްތަކެއްގަ އެވެ.

އެގޮތުން އަނަސް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެމްޑީޕީގެ މެންބަރުންތައް ދަފްތަރުން އުނިކޮށް، ދައުލަތުގެ ބަޖެޓުން އެމްޑީޕީ އަށް ލިބެންޖެހޭ ބަޖެޓު ދަތިކުރިއިރު، އެ ޕާޓީގެ މެންބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން ވެދެއްވި އެހީތަކާއެކު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ކާމިޔާބުކޮށްފައިވާ ކަމަށެވެ.

އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް އެމްޑީޕީ އިން ކާމިޔާބު ކުރާނީވެސް ހަމަ އެ ޕާޓިގެ މެންބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން އެ ޕާޓީއަށް މެދުނުކެނޑި ވެދެއްވާ ތާޢީދާއެކު ކަމަށްވެސް އަނަސް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް މިއަދު ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކަށް ޚަރަދުކުރަނީ އެ ޕާޓީން ކަމަށާއި، އެކަމަށް ސަރުކާރުން ޚަރަދެއް ނުކުރާނެ ކަމަށެވެ. އަދި އެ ޕާޓީގެ ޙަރަކާތްތައް ހިންގަނީ މެންބަރުންނާއި ޕާޓީ އަށް ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ސަރުކާރަކީ ނުފުއްދޭ ވަޢުތުތައް ވަމުންދާ ސަރުކާރެއްކަން ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ދަނީ ރައްޔިތުންނަށް އަނެއްކާވެސް ގިނަ ހުވަފެންތަކެއް ދެއްކުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އަދި ސަރުކާރުގެ ފައިސާއާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓާލުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ހިންގާ ކަންތައްތައް ބަލައިނުގަންނަ ކަމަށްވެސް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.