ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވަވާ 3 ވަނަ ފަހަރަށް އައްޑޫސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަބްދުﷲ ޞޯދިގް ( ސޯބެ) ކާމިޔާބު ކުރައްވަވައިފިއެވެ. އައްޑޫސިޓީގެ މޭޔަރުކަމުގެ މަގާމު ފުރުއްވަވަމުން ގެންދަވާ ސޯބެ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވެވީ ބޮޑު ތަފާތަކުން ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓް ޝަފާއަތު މުޙައްމަދާއި ވާދަކޮށްގެންނެވެ. ފާއިތުވެ ދިޔަ ދެ ދައުރުގައި ވެސް އައްޑޫސިޓީގައި އޮތީ އެމްޑީޕީގެ މެޖޯރިޓީއޮތް ކައުންސިލެކެވެ. އަދި މޭޔަރުގެ މަގާމުގައި ހުންނެވީ ސޯބެއެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އައްޑޫއަށް އަންނަންޖެހޭ ފުރިހަމަ ތަރައްގީ އައްޑޫއަށް ނުލިބުމުގެ ސިއްރަކީ ސަރުކާރަށް ކައުންސިލުން އެއްބާރުލުން ނުދިނުން ކަމަށާއި އައްޑޫސިޓީކައުންސިލަކީ ސަރުކާރަށް ޖެއްސުންކުރާ ކައުންސިލެއް ކަމަށެވެ. އަދި މި ފަހަރުގެ އިންތިޚާބުގައި ސަރުކާރު ނިސްބަތްވާ ޕީޕީއެމަށް އައްޑޫސިޓީ ކައުންސިލްގެ މެޖޯރިޓީ ހޯދުމަށް ޕީޕީއެމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ސަޕޯޓް ވަރަށް ބޮޑަށް އޮންނަ ދާއިރާއެއް ކަމަށާއި އެދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓެއްނޫން ކެންޑިޑޭޓަކު ނުހޮވޭނެ ކަމަށް އިންތިޚާބުގެ ކުރިންވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އައްޑޫސިޓީ ކައުންސިލަށް 7 ދާއިރާއަކުން ނަވާރަ ކެންޑިޑޭޓުން ކުރިމަތިލެއްވެވި އިރު އިންތިޚާބު އެމްޑީޕީން ވަނީ ކައުންސިލްގެ 7ގޮނޑި ވެސް ކާމިޔާބު ކޮށްފައެވެ.