English Edition
Dhivehi Edition
ހިތަދޫ ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ އެސެމްބްލީގެ ތެރެއިން

ދިރާސީ އައު އަހަރުގެ ކިޔެވުމަށް މަރުޙަބާ ކިޔައި، ދަރިވަރުންނަށް ހިތްވަރުދެއްވުމަށް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލްތަކުގެ އެސެމްބްލީގައި ބައިވެރިވެވަޑައިގެންފިއެވެ.
ސަރުކާރުން ތައުލީމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމާއެކު، ދިރާސީ އައު އަހަރުގެ ކިޔެވުމަށް މަރުޙަބާ ކިޔައި ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި މިއަދު ބޭއްވި ސްކޫލްތަކުގެ އެސެމްބްލީތަކުގައި ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 19 އަތޮޅުގެ ސްކޫލްތަކަށް ވަޒީރުން ވަޑައިގެން ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިގެންދިއުމާއެކު އައު އަޒުމަކާ އައު އުއްމީދުތަކާއެކު މިއަހަރުއިތުރަށް މަސައްކަތްކޮށް ކާމިޔާބު ހޯދުމަށް ދަރިވަރުންނަށް ހިތްވަރުދެއްވާނެއެވެ. އަދި މަދަރުސީ ދައުރަކީ މަސައްކަތުގެ މާހައުލަށް ނުކުތުމުގެކުރިން މުސްތަޤުބަލަށް އެޅޭ މުހިއްމު ބިންގަލެއް ކަމުން، ކުރިޔަށްދާނެ ދާއިރާއެއް އިޙްތިޔާރުކުރުމުގައި ވިސްނުންތެރިކަމާއެކު ކުރިޔަށް ދިއުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.

ރައީސް އޮފީހުން ވިދާޅުވީ ދިރާސީ އައު އަހަރުގެ ފުރަތަމަ އެސެމްބްލީގައި ވަޒީރުން ދައްކަވާ ވާހަކަފުޅުގައި، ތަޢުލީމީ އައު އަހަރުގެ ކިޔެވުން ފެށިގެންދިއުމާއެކުދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުން ސަމާލުކަންދޭންވާ މުހިއްމު ނުކުތާތަކުގެ މައްޗަށް އަލިއަޅުވާލައްވާނެ ކަމަށެވެ. ސަރުކާރުން ތަޢުލީމީ ސިޔާސަތުގެ އެންމެ މުހިއްމު އެއްބައި ކަމަށްވާ ހުރިހާ ކުދިން ޝާމިލްކުރުމުގެ ސިޔާސަތުގެ ތެރެއިން ހުރިހާ ދަރިވަރުންނަށްވެސް ތަޢުލީމު ހާޞިލްކުރުމުގައި ހަމަހަމަ ފުރުޞަތުތައް ހޯދަދިނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެބޭފުޅުން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ތަޢުލީމީ މަންހަޖުގެ ތެރޭގައި އިސްލާމީ އަޤީދާ ކުރިއެރުވުމާއި މަދަރުސީ ދައުރު ނިމޭ ކޮންމެ ކުއްޖަކީ އެކުއްޖަކު ކުރިއަރަން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ދިއުމުގެ މަގިފަހިކޮށްދީ، ސްކޫލުނިންމާއިރު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމުގެ އިތުރުން މުޖުތަމަޢުގެ ތެރޭގައި ބައިވެރިވުންއޮތް ޒުވާނަކަށް ހެދުމުގެ މުހިއްމުކަމުގެ މައްޗަށް ވަޒީރުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާނެއެވެ.