English Edition
Dhivehi Edition
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް - ފޮޓޯ: ޕީއެސްއެމް

ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕެއިން ދަތުރުތަކުގެ ޚަރަދު ކުރަނީ އެ ޕާޓީން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް މި ސަރުކާރުން ބޭނުންކުރަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނުމާއި ގުޅިގެން، އެކަމަށް ރައްދުދެއްވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެގޮތުން ހަސަން ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކަށް ޚަރަދުކުރަނީ އެ ޕާޓީން ކަމަށާއި، އެކަމަށް ސަރުކާރުން ޚަރަދެއް ނުކުރާނެ ކަމަށެވެ.

“މި ޕާޓީގެ ޙަރަކާތްތައް ހިންގަނީ މެންބަރުންނާއި ޕާޓީ އަށް ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި. މިއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ”، އެ ޓްވީޓްގައި ހަސަން ވިދާޅުވެފައި ވެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވިއިރު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ސަރުކާރަކީ ނުފުއްދޭ ވަޢުތުތައް ވަމުންދާ ސަރުކާރެއްކަން ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ދަނީ ރައްޔިތުންނަށް އަނެއްކާވެސް ގިނަ ހުވަފެންތަކެއް ދެއްކުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އަދި ސަރުކާރުގެ ފައިސާއާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓާލުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ހިންގާ ކަންތައްތައް ބަލައިނުގަންނަ ކަމަށްވެސް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.