English Edition
Dhivehi Edition

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުން ދިރާސީ އާ އަހަރު ފެށީ ވަރަށް ތަފާތުކޮށެވެ. އެގޮތުން މިއަދު އެ ސްކޫލުގެ ކިޔެވުން ފަށާފައި ވަނީ ދަރިވަރުން ބޮޑު ޖަމާއަތަކުން ފަތިސްނަމާދުންނެވެ. އެ ސްކޫލުގެ ދަރިވަރުން ފަތިސްނަމާދު ކުރާތަނުގެ ފޮޓޯއާއި އެކު ރެހެންދި ސްކޫލުން މީސްމީޑިޔާއަށް ލާފައިވާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުލަން ދަނީ ލިބެމުންނެވެ.

ރެހެންދި ސްކޫލުން މިއަދު އެ ސްކޫލުގެ ފޭސްބުކް ޕޭޖަށް ލާފައިވާ ފޮޓޯތަކުގައި ބުނެފައި ވަނީ “ފަތިސް ނަމާދުން ދުވަސް ފެއްޓުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވަމުން 2020 ވަނަ އަހަރުގެ ކިޔެވުން ރެހެންދި ސްކޫލުން ފައްޓައިފި” މިހެންނެވެ.

އެތައް ސަތޭކަ ދަރިވަރުންނެއް ކިޔަވަމުން އަންނަ ރެހެންދި ސްކޫލުން އާ އަހަރުގެ ކިޔެވުން މިގޮތަށް ފަށާފައި ވާއިރު ގިނަ ބަޔަކު ދަނީ ސްކޫލަށް ތަޢުރީފު ކުރަމުންނެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް ފަތިސްނަމާދާއި އެކު ސްކޫލްގެ ކިޔެވުން ފެއްޓުމަށް ގިނަ ބަޔަކު ދަނީ ސްކޫލުގައި އެދެމުންނެވެ.

މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ސްކޫލްތަކުގައިވެސް ކިޔެވުން ފެށިފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި މި އަހަރު 212 ސްކޫލެއްގައި 73067 ދަރިވަރުން ތައުލީމު ހާސިލް ކުރާނެ ކަމަށެވެ.