English Edition
Dhivehi Edition
ފޭދޫ ސްޕޯޓްސް އާއި ގޯދިއްޔާ ބައްދަލު ކުރި މެޗުގެ ތެރެއިން / ފޮޓޯ: އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ފޭދޫ ސްޕޯޓްސް، ފަސޭހަ މޮޅަކާއި އެކު ދަތުރުކޮށްފިއެވެ.

މިމުބާރުތުގެ ފައިނަލަށް ފޭދޫ ސްޕޯޓްސް ދަތުރު ކުރީ މަރަދޫ، ގޯދިއްޔާ ޓީމާއި އެކު ކުޅުނު މެޗު، 0-5 ލަނޑުން ކާމިޔާބު ކުރުމުންނެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިދެޓީމުގެ ބައްދަލު ކުރި އިރު، މެޗުގައި ފެނިގެން ދިޔައީ ފޭދޫ ޓީމުން މެޗު ކޮންޓްރޯލް ކުރަމުން ދިޔަ ތަނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާގިނަ ލަނޑު ތަކެއް ޖެހިފައި ނުވެއެވެ. ނަމަވެސް ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ފޭދޫ ޓީމުގެ އަލީ ލިރުއާމް ވަނީ ލަނޑެއް ޖަހައި އެޓީމަށް ގޯދިއްޔާގެ ގޯލު ހުޅުވައި ދީފައެވެ. މެޗުގެ ދެވަނަ ލަނޑަކީ، ފޭދޫގެ އަލީ ނާފިއު އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެ ދިޔައީ 0-2 ގެ ނަތީޖާ އަކުންނެވެ.

މިމެޗުގެ ދެވަނަ ހާފުގައި، ގިނަ ހަމަލާތަކެއް ފޭދޫ ޓީމުން ގޯދިއްޔާ ގޯލަށާް ވަނީ އަމާޒު ކޮށްފައެވެ. މީގެ އިތުރުން ގޯދިއްޔާއިންވެސް ހަމަލާ ތަކެއް ދޭން މަސައްކަތް ކުރި ނަމަވެސް ގޯލާއި އަމާޒުވީ މަދު ހަމަލާތެކެވެ. ފޭދޫގެ 3 ވަނަ ލަނޑު 55 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ސަޔަމްއެވެ. ސަޔަމް ވަނީ މިލަނޑުގެ އިތުރު 66 ވަނަ މިނެޓުގައި އެޓީމުގެ 5 ވަނަ ލަނޑުވެސް ކާމިޔާބު ކޮށްދީފައެވެ. އެޓީމުގެ 4 ވަނަ ލަނޑު ފޭދޫ އަށް ކާމިޔާބު ކޮށްދިނީ، ފުރަތަމަ ލަނޑު ޖެހި އަލީ ލިރުއާމްއެވެ. މެޗު ނިމިގެން ދިޔައީ ގޯދިއްޔާ އަށް ސުންވެސް ކަނޑުވާނުލެވިއެވެ.

ސެމީ ފައިނަލުގެ ދެ މެޗު މިހާތަނަށް ކުޅެ ނިމިފައިވާއިރު، ފޭދޫ ސްޕޯޓްސް ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ، އެފްސީ ބޭރުމަތި އާއި އެވެ. މި ދެޓީމަކީ މިމުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިވާ ދެޓީމު ނޫނެވެ. މިދެޓީމުގެ ވާދަވެރި ފައިނަލް މެޗު އޮންނާނީ، 13ވާ ހޯމަ ދުވަހު ހަވީރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައެވެ. އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތުގެ ފައިނަލަށް ވީހާވެސް ގިނަ ސަޕޯޓަރުން އައިސް ސަޕޯޓް ކުރުމަށް ދެޓީމުން ވެސް ވަރަށް ބޮޑަށް އެދެއެވެ.