English Edition
Dhivehi Edition
ކްލަބު ރިވެރިންގް އާއި އެފްސީ ޒެފިއާ ބައްދަލު ކުރި މެޗުގެ ތެރެއިން / ފޮޓޯ: އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ މުބަރާތުގައި ގްރޫޕް ” ބީ ” ގެ ސެމީފައިނަަލުގެ ދެވަނަ ޖާގަ އެފްސީ ޒެފިއާ ކަޓުވާލުމަށް ފަހު ކްލަބު ރިވެރިން ހޯދައިފިއެވެ.

ރިވެރިން ސެމީފައިނަލުފެ ޖާގަ ކަށަވަރު ކުރީ، ޒެފިއާ 2-5 އިން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ކްލަބު ރިވެރިންގެ ހަސަން އަލްފާފްއެވެ. އޭނާ މިމެޗުގައި ހެޓްރިކް ހެދި އިރު، ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 12 ވަނަ މިނެޓުގައެވެ. ދެވަނަ ލަނޑު 23 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިން އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވެސް އޭނާ ވަނީ ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. މިހާފުގައި ރިވެރިން އަށް ލަނޑު ޖަހަން އިތުރު ފުރުސަތުތަކެއް ވެސް ލިބުނެވެ. ނަމަވެސް ނިންމާ ނުލެވުނީއެވެ.

ރިވެރިން އެއްކޮށްހެން ކޮންޓްރޯލް ކުރި މިމެޗުގެ ދެވަނަ ހާފުގައި ވެސް އެޓީމުން އިތުރު ދެ ލަނޑު ވަނީ ޖަހާފައެވެ. ކްލަބު ރިވެރިންގެ 4 ވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ، ހަސަން އައިކްއެވެ. ޒެފިއާ ޓިމުން މެޗުގައި ލަނޑުތަކެއް ޖަހަން މަސައްކަތް ކުރި ތަން ފެނިގެން ދިޔައެވެ. އެގޮތުން ކައުންޓާ އެޓޭކް ތަށް އެޓީމުން އިތުރު ކުރިއެވެ. ނަމަވެސް ރިވެރިންގެ ގޯލު ފޫއަޅުވާލުންވީ އުނދަގޫ ކަމަކަށެވެ. ރިވެރިންގެ 5 ވަނަ ލަނޑު69 ވަނަ މިނެޓުގައި ކާމިޔާބު ކުރީ، އަހުމަދު ދާނިޝްއެވެ. މެޗުގައި ޒެފިއާ ޖެހި ދެ ލަނޑުވެސް ކާމިޔާބު ކުރީ މިހާފުގައެވެ. އެގޮތުން ޒެފިއާގެ އީމާން ނަޒީރު 75ވަނަ މިނެޓުގައި ލަނޑެއް ޖެހި އިރު، މުހައްމަދު އިމްޝާލް 88 ވަނަ މިނެޓުގައި ވަނީ ލަނޑެއް ޖަހާފައެވެ.

މިމެޗާއި އެކު ޒެފިއާ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ ކަޓައިގެން ދިޔަ އިރު، ކްލަބު ރިވެރިން އެއްމެޗު ބާކީ އޮވެ 6 ޕޮއިންޓާއި އެކު މިވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައެވެ. ރިވެރިން ދެން ކުޅެން ޖެހޭނީ މިހާރު ގްރޫޕުގެ އެއްވަނައިގެ ގޮތުގައި އޮތް ފޭދޫ ސްޕޯޓްސް އާއިއެވެ. މިމެޗުން ރިވެރިން ފަރަޤު ބޮޑު ކޮށް މޮޅުވެއްޖެ ނަމަ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދާނެއެވެ.