English Edition
Dhivehi Edition
އެފްސީ ބޭރުމަތި އާޢި ކްލަބު ރިވެރިން ބައްދަލު ކުރި މެޗުގެ ތެރެއިން/ ފޮޓޯ: އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ، ރިވެރިން ބަލިކޮށް ބޭރުމަތި ހޯދައިފިއެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިދެޓީމު ބައްދަލު ކުރިއިރު، ބޭރުމަތި މިމެޗުން މޮޅުވީ 1-5ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ޖެހީ ބޭރުމަތީގެ މުހައްމަދު މިރާހުއެވެ. މެޗުގެ ދެވަނަ ލަނޑު ބޭރުމަތި ޓީމަށް ކާމިޔާބު ކޮށްދިނީ އެޓިމުގެ އިބްރާހީމް ސިރާޖުއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެ ދިޔައީ 0-2ގެ ނަތީޖާ އިންނެވެ. މިހާފުގައި ދެޓީމުން ގޯލެއް ޖެހުމަށް ގިނަ މަސައްކަތް ތަކެއް ކުރިއެވެ. ނަމަވެސް މިހާފުގައި ރިވެރިން ޓީމަށް ގޯލެއް ކާމިޔާބު ނުކުރެވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ، ބޭރުމަތި ޓީމުންނެވެ. މިމެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހަން އެޓީމުން މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. މިހާފުގައި ބޭރުމަތި ޓީމަށް ފުރަތަމަ ލަނޑު 51 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ، އަލީ ފަހުމީއެވެ. މިލަނޑު ޖެހިތާ މާގިނަ އިރެއް ނުވެ، ރިވެރިން އިން ވަނީ، ނަތީޖާ ހަމަ ކުރުމަށް ލަނޑެއް ޖަހާފައެވެ. އެޓީމަށް މިލަނޑު ޖަހައި ދިނީ، ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއާ ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ. ބޭރުމަތި ޓީމުގެ 4 ވަނަ ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ޖެހި ލަނޑެކެވެ. މިލަނޑު އެޓީމުން ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ކުޅުނު ވަގުތުގެ ތެރޭގައެވެ. ބޭރުމަތި ޓީމުގެ މެޗު ނިންމާލީ އެޓީމުގެ އިބްރާހިމް ސާމީ އިތުރު ގޯލެއް ކާމިޔާބު ކޮށް 4 ލަނޑުގެ ލީޑަކާއި އެކުއެވެ.

ތަފާތު ބޮޑު ނަތީޖާ އަކުން ރިވެރިން ބަލި ކުރިއިރު، ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ، ފޭދޫ ސްޕޯޓްސް އާއި ގޯދިއްޔާ ޓީމެވެ. މިމެޗް ކުޅޭނީ މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ދަނޑުގައެވެ. ފޭދު ސެމީ ފައިނަލަށް ދަތުރު ކުރީ، ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައެވެ. އަދި ގޯދިއްޔާ ސެމީ ފައިނަލުގައި ކުޅެނީ ބީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.