English Edition
Dhivehi Edition
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ހިތަދޫ ކޮރޮވައު ދާއިރާއިން ކުރިމަތިލައްވަވާ ކެންޑިޑޭޓް ފޯމު ހުށަހަޅުއްވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރުމަށް 958 ފަރާތަކުން ފޯމު ހުށަހަޅައިފިކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން ބުނެފައިވަނީ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން ހޮވުމަށްޓަކައި 30 ޑިސެންބަރު 2019 ވަނަ ދުވަހު ކުރި އިޢުލާނާ ގުޅިގެން މިވީ ނުވަ ދުވަހުގެ ތެރޭގައި ޖުމުލަ 958 ފޯމު ލިބިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އޮތް 3 ސިޓީގެ ތެރެއިން މާލެ ސިޓީގެ މޭޔަރު ކަމަށް 03 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށާއި އެ ސިޓީއަށް 09 ކައުންސިލަރުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ މޭޔަރު ކަމަށް 03 ބޭފުޅުން ކުރިމަތިލާފައިވާއިރު، ކައުންސިލަރު ކަމަށް 34 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށާއި ފުވައްމުލައް ސިޓީއަށް 03 މޭޔަރު ކުރިމަތިލާފާއިވާއިރު، ކައުންސިލް މެންބަރު ކަމަށް 09 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ހަމަ އެއާއެކު އަތޮޅު ކައުންސިލްގެ ރައީސް ކަމަށް 22 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށާއި ރަށްރަށުގެ ކައުންސިލްތަކަށް ޖުމުލަ 866 ފާރާތަކުން ކުރިމަތިލާފައިވާ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 10 ވަނަ ދުވަހުގައެވެ.

އެމްޑީޕީން ބުނެފައިވަނީ ކެންޑިޑޭޓުންގެ ލިސްޓު 13 ޖެނުއަރީވާ ހޯމަ ދުވަހު ޢާންމުކުރާނެ ކަމަށާއި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރާނީ 15 ޖެނުއަރީވާ ބުދަ ދުވަހު ކަމަށެވެ.

އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށް ގެންދާއިރު އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގެ ވޯޓުލުން، މިހިނގާ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިޚާބަކީ މިފަހުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އާ އިޞްލާޙުތަކަށް ފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ.