English Edition
Dhivehi Edition
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް - ފޮޓޯ: ޖުމްހޫރީ ޕާޓީ

2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭޕީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެބްރުއަރީ5 ވާ ބުދަ ދުވަހުގެ ރޭގަނޑު 20:20 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ޖޭޕީގެ ޓިކެޓް ހޯދުމަށް ބޭނުންވާ އެ ޕާޓީގެ މެންބަރުން، އެބޭފުޅާކު ކުރިމަތިލައްވަން ބޭނުންފުޅުވާ ދާއިރާއަކަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު އެ ޕާޓީގެ ހެޑްކުއާޓަރޒް (މ. ކުނޫޒް) އަށް ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށް ހުށަހަޅަންވާނެ އެވެ.

ޖޭޕީ އިން ބުނީ އެ ޕާޓީގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2020 އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު އެވެ.