ޤާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން، ތަފާތު ދަރަޖަތަކުގެ ކޯޓުތަކަށް ޙާޟިރުވެ ވަކާލާތުކުރުމުގެ ބޭނުމަށްޓަކައި، ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ގޮތުން އެކުލަވާލާފައިވާ ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ޤަވާޢިދުގެ 2 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ އެ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީ އެކުލަވާލުމަށްޓަކައި، ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހެޅުމަށް އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުޞަޠު ހުޅުވާލާފައިވާ ކަމަށެވެ.
އެ ކޮމިޓީއަށް ކުރިމަތިލާ ފަރާތަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއް ކަމުގައިވާން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެ ކޮމިޓީގެ މެންބަރުކަމަށް ހޮވޭ ފަރާތްތަކުގެ މަސްއޫލިއްޔަތަކީ ތަފާތު މަރުޙަލާތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހާޒިރުވެ ވަކާލާތު ކުރުމުގެ ބޭނުމަށްޓަކައި، ޤާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން، ޤާނޫނީ ވަކީލުން ދަރަޖަ ކުރުމެވެ.
އެ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 16 ޖެނުއަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބާ ކައުންސިލުގެ [email protected] އަށް އީ-މެއިލްކުރަން ޖެހޭނެ އެވެ.