ކޮވިޑް-19 ޕެންޑެމިކްއަށްފަހު، އެޓަރނީ ޖެނަރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުންނަށް އަމާޒުކޮށްގެން އޮންލައިންކޮށް މިހާތަނަށް 8 ޓެރެއިނިންގ ސެޝަނެއް ބާއްވައިފިއެވެ.
އޭޖީ އޮފީހުން ހާމަކުރާ ގޮތުގައި އެ ޓްރެއިނިންގ ސެޝަންތަކުގެ ބޭނުމަކީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެ އޮފީހުގެ ޤާނޫނީ ވަކީލުން އަހުލުވެރިކޮށް، ޤާބިލުކަން އިތުރު ކުރުމަށް ކޮންމެހެން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ސެޝަންގައި އަލިއަޅުވާލާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 އަދި 2014/SC-A/30 ޤަޟިއްޔާގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމާއި، ފާޅުކަންބޮޑު ޣައިރު ސުލޫކު، މި މައުޟޫއަށް ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.
އޭޖީ އޮފީހުން އިތުރަށް ބުނީ އެ އޮފީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ އެފަދަ ޓްރެއިނިންގ ޕްރޮގްރާމްތަކަކީ ސިލްސިލާކޮށް، ކުރިއަށްގެންދާނެ ޕްރޮގްރާމްތަކެއް ކަމަށެވެ.