31 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިންގ ކޯސް ނިންމާލައިފި އެވެ. 27 އެޕްރީލް 2019 އިން ފެށިގެން 8 ޖަނަވަރީ 2020 އަށް ދ. ވާނީ ގައި ކުރިޔަށް ގެންދިޔަ މި ކޯހުގައި 119 ދަރިވަރުން(20 އަންހެން ބައިވެރިއަކާއި 99 ފިރިހެން ބައިވެރިން)، އަދި 33 މުދައްރިބުން ބައިވެރިވެފައި ވެއެވެ.
މި ކޯހުގެ ތެރޭގައި ދަރިވަރުންނަށް 16 މޮޑިއުލްގެ މައްޗަށް ބިނާކޮށް ތިއަރީ އެސެސްމަންޓްތަކާއި ޕްރެކްޓިކަލް އެސެސްމަންޓްތައް ދެވިފައިވާކަމަށާއި މި ކޯހުގައި ބައިވެރިވި 119 ދަރިވަރުންގެ ތެރެއިން ކޯހުން ކަނޑައަޅާފައިވާ މިންގަނޑަށް ފާސްވެފައިވަނީ 91 (12 އަންހެން ބައިވެރިއަކާއި 79 ފިރިހެން ބައިވެރިން) ދަރިވަރުން ކަމަށެވެ.
ފުލުހުން ވިދާޅުވީ ޕޮލިސް ރެކްރޫޓް ޓްރެއިންގ ކޯސް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ފާއިތުވި މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތުން، 2016 ވަނަ އަހަރު ކޯހުގެ ކޮންޓެއްޓާއި މުއްދަތަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން ކޯހުގެ ކެމްޕަސް ޓްރެއިނިންގ 6 މަސްދުވަހަށް އިތުރު ކުރެވި، ފީލްޑް އެޓޭޗްމަންޓްގެ ގޮތުގައި 6 މަސްދުވަހާއި އެކު ކޯހުގެ ޖުމްލަ މުއްދަތަކީ 1 އަހަރު ދުވަސް ކަމަށެވެ.
ފުލުހުންގެ އަސާސީ ތަމްރީން ކޯސް ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ކަނޑައަޅާފައިވާ ސެޓްފިކެޓް ލެވެލް 4 ގެ ގޮތުގައި ފާސްކުރެވިފައި އެވެ. މި ކޯސް ފަރުމާކުރެވުނުއިރު ޒަމާނީ ގޮންޖެހުންތަކާއި އެކު ރައްޔިތުންނަށް އެންމެ އެކަށޭނެ ޚިދުމަތެއް ފޯރުކޮށް ދެވޭނެ، ފުލުހުންނަށް ރައްޔިރުން ކުރާ އިތުބާރާއި ޔަޤީންކަން ދެމެހެއްޓަނިވި ޝަޚްޞިއްޔަތުތަކެއް ބިނާކުރުމަށް ބޭނުންވާ އެންމެހާ ބައިތަށް ހިމެނިފައިވާނޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ކޯހުގެ މުހިންމު އަސާސްތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިން މަތިކޮށްފައިވާ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި، މުހިންމު ހުނަރާއި އިލްމު، އަދި މައުލޫމާތު އުގަންނައި ދިނުމާއި، ޕޮލިސް އެކެޑެމީގެ ބެލުމުގެ ދަށުން ތަމްރީނުވެގެން ފުލުހުންގެ މުއައްސަސާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ނިކުންނަ ކޮންމެ ފުލުހަކީ އަޚުލާގާއި ސުލޫކު އެންމެ މަތީދަރަޖާއިގައި އަށަގަނެފައިވާ، ޒަމާނީ ހުނަރާއި އިލްމު ލިބިފައިވާ، ފުލުހެއްގެ ވަޒީފާގެ ނުރައްކަލާއި ގޮންޖެހުންތަކަށް، ފުރިހަމައަށް ތައްޔާރުވެފައިވާ ދުޅަހެޔޮ ވިސްނުންތެރި ފުލުހަކަށް ހެދުން މިކޯހުގެ، އެންމެ މުހިންމު އަސާސްކަމުގައި ބެލިފައިވެއެވެ.
އަދި ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގައި ދަރިވަރުން ތަމްރީނުކުރުމުގައި މައިގަނޑު އަސާސްތަކެއްގެ ގޮތުގައި ބަލައިފައިވަނީ ދީނީ ވާޖިބުތަކާއި، އިސްލާމީ ރިވެތި އަޚުލާގާއި، މޯލްޑްވިސް ޕޮލިސް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓް، ކޯޑް އޮފް އެތިކްސް އަދި ކޯ ވެލިއުސްތަކުގެ މައްޗަށެވެ.