English Edition
Dhivehi Edition
މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ރައްޔިތުންގެ މަޖިލީހުގެ މަޖިލިސް ކުރާ ގޭގައި ބޭއްވުމަށް ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ 03 ފެބްރުއަރީ ވާ ހޯމަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ.

އަދި އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިހާރު ކުރަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ 03 ފެބްރުއަރީ 2020 އަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވަވާފައި ވަނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ. އެއީ ރައީސް ޞާލިޙް ރިޔާސީ ބަޔާން އިއްވެވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ފަހަރު މަޖިލިސް ފެށުމުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ ދަރުބާރުގޭގަ އެވެ.