English Edition
Dhivehi Edition

ޕީޕީއެމުން މިއަދު އައްޑޫގައި ފައިސާ ދީގެން ޓެކްސީތަކާއި ޕިކަޕްތައް ހިމެނޭ ގޮތަށް ވެހިކަލް ބުރެއް ބާއްވަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ބަޔަކު ފަތުރައިގެން އުޅޭ ދޮގުވާހަކަތަކެއް ކަަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު ބާއްވާ ޙަރަކާތާއި ބެހޭ ގޮތުން އޭއޯނިއުސް އަށް މައުލޫމާތު ދެއްވަމުން އައިބީ ވިދާޅުވީ މިއީ ތަރައްގީއާއެކީގައި ރައްޔިތުން”ގެ ނަމުގައި ރާއްޖޭގެ އެކިި ހިސާބުތަކުގައި ޕީޕީއެމުން ހިންގާ ހަރަކާތުގައި އައްޑޫގެ ހަރަކާތްކަމަށެވެ. އަދި މި ހަރަކާތް އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި ހުންނަ ޔޫތް ސެންޓަރާއި އަދި ހުޅުމީދޫ ޖެޓީ ސަރަހައްދުގައި ކަމަށް ޕީޕީއެމުން ބުނެފިއެވެ.

“ސޯޝަލް މީޑިއާ ގައި ޕީޕީއެމްގެ މި ހަރަކާތާއި ގުޅިގެން ދޮގުވާހަކަތައް ފަތުރަމުން ގެންދަނީ އިދިކޮޅު ފަރާތްތަކުން. މިއަދު މި ބާއްވަނީ ރެލީއެއްވެސް ނޫން. ސައިކަލް ބުރެއް އަދި ކާރު ބުރެއްވެސް ޖަހާކަށް މިއަދުގެ ހަރަކާތުގައި ހަމަޖެހިފައި ނެތް. މި ހަރަކާތަކީ ރައްޔިތުން އަމިއްލައަށް ލޯބިން ބޭނުންވެގެން ބާއްވާ ހަރަކާތެއް . ޕީޕީއެމުން ނުޖެހޭނެ ފައިސާ ދީގެން އުޅަނދު ބައިވެރިކޮށްގެން ރެލީ ބާއްވާކަށް. ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވަވަމުން ގެންދަވާ ކަންތައްތަކަކީ ރައްޔިތުން ބަލައިގަންނަ ކަންތައްތަކެއްކަން އަންގައިދިނުމަށް ސަރުކާރަށް ތާއިދުކޮށް ބާއްވާ ބައްދަލުވުމެއް މިއީ” އައިބީ ވިދާޅުވިއެވެ.

މިއަދުގެ ހަރަކާތާއި ބެހޭގޮތުން ދޮގު ޚަބަރު ފަތުރަނީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އިއްޔެ އައްޑޫގައި އެފަރާތްތަކުން ސަރުކާރު ވައްޓާލަން ބޭއްވި އެއްވުން ވަރަށް ރީތިކޮށް ރައްޔިތުންނަށް ފެނިގެން ގޮސްފައިވާ ކަމަށް އައިބީ ވިދާޅުވިއެވެ.

“އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި އެއްވުމަށް އެކަށީގެންވާ ތާއިދު ނުލިބުމުން އެއުޅެނީ މިއަދު ޕީޕީއެމުން ހަރަކާތް ބާއްވާތީ ކަންބޮޑުވެގެން. އެމީހުން ދިޔައީ ސަރުކާރު ވައްޓާލަން އެއްވުން ބާއްވަން. ޕީޕީއެމުން މި ބާއްވާ ހަރަކާތަކީ ސަރުކާރުން ކޮށްދެއްވަވާ ކަންތައްތައް ފާހަގަކޮށް އެކަންތައްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ބާއްވާ ހަރަކާތެއް” އައިބީ ވިދާޅުވިއެވެ.

އައްޑޫގައި މިއަދު ކުރިއަށް ގެންދާ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ޕީޕީއެމްގެ ބައެއް އިސް މެންބަރުންވެސް ވަނީ އައްޑޫއަށް ވަޑައިގެންފައެވެ.

ޕީޕީއެމްގެ މި ހަރަކާތް އައްޑޫގައި ބާއްވަނީ ހިތަދޫ ޔޫތް ސެންޓަރާއި ހުޅުދޫ ޖެޓީ ސަރަހައްދުގައެވެ.

ޓެގު