ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އުނަގަނޑުގެ އޮޕަރޭޝަން ކުރާނީ އައްޑޫ ސިޓީ ހިތަދޫގައި މިހާރު އިމާރާތް ކުރަމުން އަންނަ ހޮސްޕިޓަލްގައި ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
މެމްބަރު އައިބީ މިގޮތަށް ވިދާޅުވީ، ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސް (ޕީޕީއެމް) އިން އައްޑޫ ސިޓީ ހިތަދޫގައި، “އަފިރިންނަސް ތައްޔާރަ”، މިނަމުގައި މިހާރު ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އައިބީ ވިދާޅުވީ އިނގިރޭސިވިލާތުން ވެސް އަދި އަވައްޓެރި ގައުމަކުން ވެސް ރައީސް ނަޝީދުގެ އޮޕަރޭޝަން ނުކުރެވުނު ކަމަށާއި އެހެންކަމުން ރައީސް ނަޝީދުގެ އޮޕަރޭޝަން ކުރާނީ އައްޑޫ ހޮސްޕިޓަލްގައި ކަމަށެވެ.
“އެކަން ކުރެވޭނެ ވަސީލަތްތައް އައްޑޫ ހޮސްޕިޓަލުގައި ހުންނާނެ. އެމްއާރްއައި ހުންނާނެ. ސީޓީ ސްކޭން ކުރެވެން ހުންނާނެ. ހުރިހާ ވަސީލަތެއް ހުންނާނެ. ” އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވީ އައްޑޫގެ ތަރައްގީގެ ވާހަކަ ފާއިތުވި ހުރިހާ ސަރުކާރުތަކުން ވެސް ދެއްކި ކަމަށާއި ނަމަވެސް އައްޑޫ އަށް ތަރައްގީ ގެނެސް ދެއްވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށެވެ.
“މާލެ ފިޔަވާ އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީގައި. މީގެ ކުރީގެ ސަރުކާރުތަކުންވެސް މިވާހަކަ ދެއްކި. އެއްވެސް ކަމެއް ނުކުރެވުނު. ބަނދަރެއް ނޭޅުނު، ސްކޫލެއް ނޭޅުނު، ނަރުދަމާއެއް ޤާއިމެއް ނުވި. ކޮން ކަމެއްތޯ އެބޭފުޅުންނަށް ކޮށްދެވުނީ،” މެމްބަރު އައިބީ ވިދާޅުވިއެވެ.
އައިބީ އިތުރަށް ވިދާޅުވީ، ކުރީގެ ހުރިހާ ސަރުކާރުތައްވެސް ދިޔައިރު، ނުކޮށްދެވި ހުރި ހުރިހާ ކަމެއްވެސް ކޮށްދެއްވީ މި ސަރުކާރުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރައްޔިތުން ތާއީދުކުރައްވަނީ އެހެން ވެގެން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްވެސް ބައިވެރިވެ ވަޑައިގަންނަވާ މިރޭގެ ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މެމްބަރު އައިބީ ވަނީ، އެކަމަނާ އައްޑޫ ސިޓީއަށް ވަޑއިގެންނެވުމުން، އެ ސިޓީން އެކަމަނާއަށް ލިބިވަޑައިގެންވި ތަރުހީބާ ރައްޔިތުން ކީ މަރުޙަބާއަށް ޝުކުރު ދަންނަވާފައެވެ.