English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު، އަހްމަދު އަކްރަމް - ފޮޓޯ: ފަޔާޒް މޫސާ (ސަން)

ހދ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ވޯޓުލާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަދި ތަރުޖަމާނު، އަޙްމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އަކްރަމް ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހދ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ވޯޓު ލާންޖެހޭ ކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތެވެ. އެގޮތުން އެމާއްދާގައި ބުނެފައިވަނީ އަތޮޅު ކައުންސިލް އެކުލެވިގެންވަނީ އެކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ދިމިގްރާތީ އުސޫލުތަކުގެ މަތިން ސިއްރު ވޯޓަކުން ނަގާ އަތޮޅު ކައުންސިލްގެ ރައީސް އާއި އެއިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް އަދި އެ އިދާރީ ދާއިރާއެއްގައި ސިޓީއެއް ހިމެނޭނަމަ އެ ސިޓީއެއްގެ މޭޔަރުގެ މައްޗަށް ކަމަށެވެ.

އަދި މޭޔަރަކީ އަތޮޅު ކައުންސިލްގެ މެންބަރެއް ކަމަށާއި، އަދި އަތޮޅު ކައުންސިލްގެ ރައީސް ހޮވާނީ އެ އަތޮޅުގެ އެންމެން ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް މިހެން ވިދާޅުވުމާއެކު ގިނަ ބަޔަކު ދަނީ ކ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް، މާލޭ ސިޓީގެ ރައްޔިތުންވެސް ވޯޓުލާނެތޯ ސުވާލުކުރަމުންނެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އަކްރަމް ވިދާޅުވީ ކ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް މާލެ ސިޓީގެ ރައްޔިތުން ވޯޓުނުލާނެ ކަމަށާއި، އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ވޯޓުލާނީ އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ތަންތަން ކަމަށެވެ.

މިއާއެކު މިއަދު އީސީ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މާލެ ސިޓީ އަކީ އިދާރީ ގޮތުން ކ. އަތޮޅުގެ ބައެއް ނޫން ކަމަށާއި، މާލެ ސިޓީގެ ރައްޔިތުން ކ. އަތޮޅު ކައުންސިލްގެ ރައީސް ހޮވަން ވޯޓުލާން ނުޖެހޭނެ ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ސިޓީއެއްގެ ދަރަޖަ ލިބުމާއެކު ކުޅުދުއްފުށްޓަށްވެސް މޭޔަރަކު އިންތިޚާބު ކުރަންޖެހޭނެ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވާނީ މޭޔަރަކާއި އަންހެން ދެ ކައުންސިލަރުންނާއެކު ޖުމްލަ ހަތް ބޭފުޅުންނެވެ. ކުރިން ވެސް ކައުންސިލްގައި ތިއްބެވީ ހަތް މެންބަރުންނެވެ.

އީސީ އިން ބުނީ ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް އިއުލާން ކުރުމާއި، އަންހެން މެންބަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން މިއަންނަ ހަފްތާ ބަންދުގައި އެ ސިޓީގައި ބޭއްވުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެންދިޔުމުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދުގެ ޢަދަދު 4 އަކަށް ބަދަލުވެގެންދިޔައީއެވެ.