English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރު ޝިޔާމް

ރާއްޖޭގެ އުތުރުގެ އިގްތިސާދީ ނާރެހަކީ ހދ. ކުޅުދުއްފުށި ކަމަށާއި، އެ ސަރަހައްދަށް އެންމެ ގިނަ ޑޮލަރާއި ފައިސާ ވެއްދޭނީ އެކަން ކުރަން އެނގޭ ބަޔަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، އުތުރުގެ އެންމެ ވަރުގަދަ އިގްތިސާދެއް އޮތް ރަށަކީ ކުޅުދުއްފުށި ކަމަށެވެ. އަދި އުތުރުގެ ތަރައްގީގެ ދޮރާށިން ވަންނަ ފައިސާ އެންމެ ބޮޑަށް ލިބިގެންދާނީ އެ ސިޓީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ބޭނުމެއް ނޫން ފިނިއަށި އަޅާ ބައެއް މިއަދަކު. މި ކުޅުދުއްފުށި ސިޓީ މިއީ ބޮޑު ސިޓީއެއް. ވަރުގަދަ އިގްތިސާދެއް. ދިވެހިރާއްޖޭގެ އުތުރުގެ އިގްތިސާދީ ނާރެސް މިއީ. އުތުރުގެ ތަރައްގީގެ ދޮރާށިން އެންމެ ގިނަ ޑޮލަރާއި ފައިސާ ވެއްދޭނީ މިސިޓީއަށް،” ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް މިކަންކަން ހަގީގަތަކަށް ހެދޭނީ، އެކަން ކުރަން އެނގޭ އަދި ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ބަޔަކު އިންތިޚާބުކޮށްގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުން އެ ސިޓީއަށް ގެންނަން ބޭނުންވާ ތަރައްގީ ހޯދުމަށްޓަކައި، ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޭޔަރު ކެންޑިޑޭޓް އިބްރާހިމް ގަސަން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކެންޑިޑޭޓް ހަދީޖަތު މޫސާއަށް ވޯޓު ދެއްވުމަށް ޝިޔާމް ގޮވާލެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި ގޮތަށް އެކުލަވާލެވުނު ބަޖެޓެއް ނޫން ކަމަށާއި، އެހެންކަމުން ފާއިތުވި އަހަރު ދިޔައީ އުނދަގޫ ހާލަތެއްގައި ކަމަށެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ބަޖެޓަކީ ރައީސްގެ ފުރަތަމަ ބަޖެޓު ކަމަށާއި، މި ބަޖެޓާއެކު ރައީސްގެ ތަސައްވުރުތަކުގައި ކުލަޖެހިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.