English Edition
Dhivehi Edition
22 އޮގަސްޓް 2019 ގައި އެމްޑީޕީ އިން އެ ޕާޓީގެ ކައުންސިލަރުންނަށް ބޭއްވި ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޕްރައިމަރީގެ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމުގެ ލިންކާއެކު އެމްޑީޕީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޝަކުވާ ބަލައިގަނެވޭނެ އެންމެ ފަހުގެ ސުންގަޑި އަކީ 10 ޖެނުއަރީ 2020 ވާ (ހުކުރު) ދުވަހުގެ މެންދުރުފަހު 18:00 ކަމަށެވެ.

އަދި ޝަކުވާ ފޯމް [email protected] އަށް އީމެއިލް ކުރެއްވުމުން ފޯމް ބަލައިގަނެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދު ކުރަނީ 10 ޖެނުއަރީ 2020 ވަނަ ދުވަހުކަމަށް އެޕާޓީން ބުނެއެވެ. ވޯޓާރސް ލިސްޓް އިއްޔެ އާންމުކޮށްފައިވާއިރު، ކެންޑިޑޭޓުންގެ ލިސްޓު އާންމުކުރުން 13 ޖެނުއަރީގައި ބޭއްވުމަށްވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް ޖެނުއަރީ 15 ވަނަ ދުވަހު އާންމުކުރާނެ ކަމަށްވެސް އެމްޑީޕީ އިން ބުނެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ކަމުގައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.