މިހިނގާ jޖަނަވަރީ މަހު 10 ވަނަ ދުވަހު ރިލީޒް ކުރަން ތައްޔާރު ވަމުން އަންނަ ބޮލީވުޑް ފިލްމް “ޗަޕާކް” ގެ ސެޓްގައި ޕެނިކް އެޓޭކެއް ޖެހުނުކަމަށް އެފިލްމް ގެ ލީޑްރޯލުން ފެނިގެންދާ ބޮލީވުޑްގެ ކުޅަދާނަ ތަރި ދީޕިކާ ޕަޑުކޯން ބުނެފިއެވެ.
ދީޕިކާ ބުނެފައިވަނީ، އޭނަގެ ހަޔާތުގައި މިހާތަނަށް ކުޅެންލިބުނު އެންމެ އުނދަގޫ އަދި އަސަރުގަދަ މި ފިލްމެގެ ސެޓްގައި ކުއްލިއަކަށް އޭނަގެ މުޅިގައިން ދާހިއްލަން ފެށިކަމަށާއި އަދި ބޮލުންފެށިގެން ފައިތިލައާ ހަމައަށް ލޭހިނގުން އަވަސްވާހެން ހީވެ ފިނިވި ކަމަށެވެ. އަދި އޭނަގެ ނޭފަތުގެ އެއްފަޅި ބްލޮކްވެ ރަނގަޅަށް ނޭވާ ނުލެވި އެދުވަހު ރަނގަޅަށް އަނގަ ނުހުޅުވުމުގެ ސަބަބުން ނުވެސް ކެވުނުކަމަށްއޭނަ ބުންޏެވެ. ޕެނިކް އެޓޭކް އައުމުން އެވަގުތު މި މަސައްކަތް އޭނައަށް ދެން ނުވާނެކަމަށް ބުނެވުނު ހަނދާން ވެސް ވާކަމަށް ދީޕިކާ ބުންޏެވެ.
މި ފިލްމާ ބެހޭގޮތުން ދީޕިކާ ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ، މި ފިލްމްގެ ޝޫޓިންގ އަށް ތައްޔާރު ވުމަށް ކޮސްޓިއުމްތައް އެޅުމާއި އަދި ފިލްމްގެ ވާހަކަ ރަނގަޅަށް ކިޔައި މިފިލްމްގެ ވާހަކަ ބިނާވެގެންދާ އެސިޑްގެ ހަމަލާގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލް އާއި އެކު ވަރަށްގިނަ ވަގުތު އޭނަ ހެދަކުރިކަމަށެވެ. “އެވަގުތު ވެސް ހިތަށް އެރީ އަހަރެން މިކުޅެނީ ހަގީގަތުގައި އެސިޑް ހަމަލާގެ ޝިކާރައަކަށް ވާ މީހެއްގެ ރޯލު. އެހީ ވޭންދެނިވި އަނިޔާއެއް ހަގީގަތުގައި އެކަންތައް ދިމާވި ކުއްޖާގެ ވޭން އަހަންނަށް އިހްސާސްވާ ކަހަލަ” ދީޕިކާ ބުންޏެވެ.
“ޗަޕާކް” އަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ. އުމުރުން އެންމެ 15 އަހަރުގައި އެސިޑު ހަމަލާއެއްގެ ޝިކާރައަށް ލަކްޝްމީ ވީ، އުމުރުން 32 އަހަރުގެ ފިރިހެނަކު އޭނާއަށް ލޯބި ހުށަހެޅުމުން އެހުށަހެޅުން ގަބޫލުނުކުރުމުން ނެވެ.
ދީޕިކާ އަށް ޗަޕާކްގެ ސެޓްގައި ޕެނިކް އެޓޭކެއް ޖެހިފައިވާ އިރު އޭނައަކީ މީގެ ކުރިން ވަރަށް ގިނަދުވަސް ވަންދެން ޑިޕްރެޝަން އަށް ފަރުވާ ހޯދައި މިހާރު އެއްކޮށް ރަނގަޅުވެފައިވާ ފަންނާނެކެވެ.