English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން - ފޮޓޯ: މަޖިލިސް

ޖަލުތައް އިސްލާހު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާއިރު، އެ މަސައްކަތް އެންމެ ރަނގަޅަށް ހިންގަމުންދާ ކަމަކަށް ފެނިވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ.

 

ޢަލީ ޙުސައިން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ޖަލުތައް އިސްލާހުކުރުމަށްޓަކައި ޖަލު ހިންގުމަށް ޤާބިލް އަދި ޕްރޮފެޝަނަލް މީހުން އިސްކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޢަލި ޙުސައިން މިހެން ވިދާޅުވިއިރު، މިދިޔަ ހުކުރު ދުވަހުން ފެށިގެން މާފުށީ ޖަލުގައި ދަނީ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ.

މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގި ރިމާންޑް މީހުންގެ ޝަކުވާ އަކީ ތަޙުޤީޤު ބަންދުގެ މުއްދަތު ދިގުވަމުންދިއުމާއި ބޭސްފަރުވާގެ އިންތިޒާމްތައް އެމީހުން އެދޭ ގޮތަށް ކުރިއަށް ނުދިއުން ކަމަށެވެ.

އެ ކަންތައްތަކަކީ ކަރެކްޝަންސްގެވެސް ކަންބޮޑުވުންތަކެއް ކަމަށާއި، އައިސީއެސް އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޢާސިފް ރިމާންޑްގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް ހޮނިހިރު ދުވަހު ޖަލަށް ޒިޔާރަތްކުރައްވާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި ފުލުހުންގެ ދެ އޮފިސަރުން ޖަލަށް ޒިޔާރަތްކުރައްވާފައި ވަނީ ރިމާންޑްގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން މީހުން އަނިޔާކުރި މައްސަލައެއް ތަޙުޤީޤު ކުރުމަށްޓަކައި ކަމަށައި، ރިމާންޑްގައި ތިބި މީހުންނާއި އޮފިސަރުންނާއި ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކަރެކްޝަންސް އިން ބުނީ ރިމާންޑް މީހުން ހިތްހަމަނުޖެހި އޮފިސަރުންގެ ގަޔަށް ކާބޯތަކެތި ޖަހަމުން ގެންދިޔަ ނަމަވެސް، ޖަލު އޮފިސަރުން ވަނީ ކެތްތެރިކަމާއެކު އެމީހުންނަށް ވިސްނައިދެވޭތޯ މަސައްކަތްކޮށްފައި ކަމަށެވެ.

ނަމަވެސް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، އަޙުމަދު މުޙައްމަދުފުޅު އިއްޔެ ވިދާޅުވީ ޖަލުގައި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރަށް އޮޅުންފިލުއްވުމަށްޓަކައި ގޮޅިތައް ބަލާފާސްކުރުމަށް ކަރެކްޝަންސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އެދިވަޑައިގަތުމުގެ މަތިން، މާފުށި ޖަލަށް ޒިޔާރަތްކުރައްވާފައިވާ ކަމަށެވެ. އަދި ގޮޅިތައް ބަލާފާސްކުރުމަށް އޮފިސަރުން ޙަރަކާތްތެރިވި މަންޒަރު ބައްލަވާލައްވާފައިވާ ކަމަށާއި، އިއްޔެގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބަންދުގައި ތިބި ބައެއް މީހުން ހުރަސް އަޅާފާއިވާތީ، ބާރުގެ ބޭނުން ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.