English Edition
Dhivehi Edition

ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރި ކަމުގެ ދައުވާ ފިލްމީތަރި މަލީހާ ވަހީދު (މަލް)ގެ މައްޗަށް އުފުލައިފި އެވެ.

ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސް އެއްގައި ބަނގުރާ ބޯންތިބި ކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި އަންހެނެއްގެ މައްޗަށް ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.

މަލްއާއެކު އެ ރޭ ހައްޔަރު ކުރި ހަ ފިރިހެނެއްގެ މައްޗަށް ވެސް ކެނެބިސް ބޭނުންކުރުމުގެ ދައުވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި އެ މައްސަލާގައި އިތުރު ފިރިހެނެއްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ޑްރަގް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ކުޑަކަމުދާ ތަކެތި ދޭން މަލް އިންކާރު ކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު އެކަން ސާބިތުވެއްޖެނަމަ އެއް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

 

މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސް އަކުން މަލް އާއި އިތުރު 11 މީހަކު ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ގެސްޓްހައުސްއެއްގައި ބަނގުރާ ބޭނުންކޮށް، ޕާޓީކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

މިދިޔަ އޮގަސްޓުމަހުގެ ތެރޭ މަސްތުވާތަކެއްޗާއެކު އދ. މާމިގިލިންވެސް މަލް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތްވެސް ފަށާފަ އެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ މަލްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމަކާއި 100،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ޖޫރިމަނާއެއް އަންނާނެއެވެ. އަދި ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް އަންނާނެ އެވެ.