English Edition
Dhivehi Edition

ޑައިމޯފިން ޓްރްފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ، ފިލްމީ ތަރި މަލީހާ ވަޙީދު (މަލް)ގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާ އި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 2019 ވަނަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި ހައްޔަރުކުރި މަލީހާ އާއި ހ.ސޯސަންޕްލާވާރ، ފާތިމަތު ރިފްޤާގެ ދަބަހުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ޕެކެޓެއް ވަނީ ފެނިފައެވެ. މަލީހާ ގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރްފިކް ކުރުމުގެ ކުށުގެ ދައުވާއާއި ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދަޢުވާއެވެ.

ދައުލަތުން އުފުލާފައިވާ ދައުވާ އާއި ގުޅިގެން މި މައްސަލައިގައި ހުކުމްގައި ބުނެފައި ވަނީ، މަލީހާ އާއި ރިފްގާގެ މައްޗަށް ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަށް، ދައުވާ ލިބޭ ފަރާތްތަކުން އިންކާރު ކުރުމާއި، ގުޅިގެން، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާ އިން ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މީހަކު ކުށެއް ކޮށްފިނަމަ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތު ކުރުމަށް ބޭނުންވާ މިންވަރަށް ޝަރީއަތަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށެވެ.

އެހެންކަމުން ދައުލަތުން އެ ދެ މީހުންގެ މައްޗަށް ކޮށްފައިވާ ޑައިމޯފުން ޓެރެފިކް ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ،