English Edition
Dhivehi Edition
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އީސީ

ލޯކަލް ކައުންސިލް އިންތިޚާބު 2020ގެ ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް އަންނަ ހަފްތާ ބަންދުގައި އިއުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް އިއުލާން ކުރުމާއި، އަންހެން މެންބަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން މިއަންނަ ހަފްތާ ބަންދުގައި އެ ސިޓީގައި ބޭއްވުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު އީސީ އިން ބުނީ ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކަނޑައެޅުއްވުމާއި ގުޅިގެން، ޤާނޫނުގައިވާ ގޮތުގެ މަތިން ކުޅުދުއްފުށީގައި ސިޓީ ކައުނސިލެއް އިންތިޚާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ސިޓީއެއްގެ ދަރަޖަ ލިބުމާއެކު ކުޅުދުއްފުށްޓަށްވެސް މޭޔަރަކު އިންތިޚާބު ކުރަންޖެހޭނެ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވާނީ މޭޔަރަކާއި އަންހެން ދެ ކައުންސިލަރުންނާއެކު ޖުމްލަ ހަތް ބޭފުޅުންނެވެ. ކުރިން ވެސް ކައުންސިލްގައި ތިއްބެވީ ހަތް މެންބަރުންނެވެ.

ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެންދިޔުމުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދުގެ ޢަދަދު 4 އަކަށް ބަދަލުވެގެންދިޔައީއެވެ.