ރުވާންޑާގެ ރިޔާސީ އިންތިޚާބު އެ ގައުމުގައި މިހާރުވެސް ވެރިކަން ކުރައްވަމުން ގެންދަވާ ޕައުލް ކަގަމޭ ކާމިޔާބު ކުރައްވައި 3 ވަނަ ދައުރަކަށް ހޮވި ވަޑައިގެންފިއެވެ.
ރުވާންޑާގެ އިންތިޚާބާބެހޭ އިދާރާގެ ރައީސް ހުކުރުދުވަހު ވިދާޅުވީ ވޯޓުލީ މީހުންގެ %99 ވޯޓު ކަގަމޭއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ކަގަމޭ ވެރިކަމުގައި ހުންވާތާ މިހާރު 17 އަހަރު ވަނީ ވެފައެވެ. 1994 އިން ފެށިގެން ކަގަމޭ ރުވާންޑާ އަށް ގެނެސްފައިވާ ތަރައްގީ އެގައުމުގެ ރައްޔިތުން ބަލައި ގަންނަކަމަށް ގިނަމީހުން ގަބޫލް ކުރެއެވެ. އޭގެ ކުރިން އެގައުމުގައިވަނީ 8 ލައްކަ މީހުން މަރާލެވުނު ގަތުލްއާމެއް ހިންގައިފައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ ކަގަމޭ ވެރިކަން ކުރައްވަނީ އަމުރުވެރި އެއްޕާޓީ އޮންނަ އުސޫލުން ކަމަށެވެ. އިންތިޚާބުގެ ނަތީޖާއަކީވެސް ސައްހަ އެއްޗެއް ނޫންކަމަށް އެމީހުން ބުނެއެވެ. ހުކުރު ދުވަހު އިންތިޚާބު ބާއްވާފައިވަނީ ރުވާންޑާގެ ގާނޫނު އަސާސީއަށް އިސްލާހެއްވެސް ގެނައުމަށް ފަހުއެވެ. އެ އިސްލާހަކީ ގާނުނުގައި ރައީސަކަށް ހުރެވޭނީ ދެ ދައުރު ކަމަށް ބުނެފައި އޮތްއޮތުން ބަދަލު ކުރުމެވެ. މިހާރު ގެނެސްފައިވާ އިސްލާހުގެ ސަބަބުން ކަގަމޭއަށް 2034 ވަނަ އަހަރާ ހަމައަށް ރައީސް ކަމުގައި ހުންނެވޭނެއެވެ. އެ އިސްލާހަށް ވަނީ 98 އިންސައްތަ މީހުންގެ ތާއިދު ލިބިފައެވެ.
މި އިންތިޚާބުގައި އިދިކޮޅު އެއް ކެންޑިޑޭޓް އަދި މިނިވަން އެއް ކެންޑިޑޭޓެއް ވާދަ ކުރެއްވިއެވެ. މީގެ ހަފްތާއެއް ކުރިން އިދިކޮޅު ފަރާތްތަކުން ވަނީ ރުވާންޑާ ސަރުކާރު އެމީހުން ބަލައިގަންނަން ފަށައިފައިވާ ކަމަށް ބުނެފައެވެ. އެއީ އިންތިޚާބާ ގުޅިގެން އެމީހުންގެ އެއްވެސް މީހެއް ހައްޔަރު ނުކޮށް އަދި ދައުވާއެއްވެސް ކޮށްފައި ނުވާތީ ކަމަށް އެމީހުން ބުނެއެވެ.
އިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން ކަގަމޭވަނީ އެގައުމުގެ އިގްތިސާދީ ކުރިއެރުން ދަމަހައްޓަން ވައުދު ވެފައެވެ. އޭނާގެ ވެރިކަމުގައި ފާއިތުވި ދުސްތަކުގައި ރުވާންޑާގެ ފަގީރުކަމުގެ ނިސްބަތާއި، ޅަފަތުގައި ދަރިން މަރުވާ ނިސްބަތްވަނީ ވަރަށް ބޮޑަށް މަދުކުރެވިފައެވެ.
1994 އަހަރު ހިންގި ގަތުލްއާމް ހުއްޓުވުމަށް ކަގަމޭ އިސްކޮށް ހުންނަވައިގެން ހަނގުރާމަ ކުރެއްވިއެވެ. އަދި 2010 ވަނަ އަހަރު ބޭއްވުނު އިންތިހާބުގައި %93 ހޯއްދަވައި އޭނާ ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައިފައެވެ. ކަގަމޭ އާ މެދު ހިތްހަމަ ނުޖެހުންތަކެއް ހުރި ނަމަވެސް އޭނާއަކީ ރުވާންޑާގައި އިންތިހާއަށް މަޤްބޫލު ލީޑަރެކެވެ.