ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ރާއްޖެ ވަޑައިގެން ތިން ސިޓީއެއްގައި ދަރުސް ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމައަށް މުފްތީ މެންކް ރާއްޖޭގައި ހުންނަވާނެ ކަމަށެވެ. އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި އައްޑޫ ސިޓީ އަދި ކުޅުއްދުއްފުށީ ސިޓީގައި ދީނީ ދަރުސް ދެއްވާނެއެވެ. މީގެ އިތުރުން ޒުވާނުންނަށާއި ދީނީ ޢިލްމުވެރިންނަށް ހާއްސަ ދީނީ ޕްރޮގްރާމްތަކެއްވެސް ކުރިއައް ގެންދަން ހަމަޖެހިފައިވާ ކަަމަށްވެސް މިިނިސްޓްރީން ބުންޏެވެ.
މުފްތީ މެންކު ވަނީ 2018 ވަނަ އަހަރުގެ މެއި މަހު ވެސް ރާއްޖެ ވަޑައިގެން އައްޑޫ ސިޓީގައި ދީނީ ދަރުހެއް ދެއްވައިފަ އެވެ. އައްޑޫގެ އިތުރުން މާލޭގައި ވެސް މީގެ ކުރިން މުފްތީ މެންކް ވަނީ ދީނީ ދަރުސްތަކެއް ދެއްވާފައެވެ.
އިރުމަތީ އެފްރިކާ އަދި އެނޫން ސަރަހައްދުތަކުގެ ގައުމުތަކުގައިވެސް ގިނަ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ ޝެއިޚް މުފްތީ އަކީ ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.މިފްތީ މެންކް ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ޝަރީއާ ލޯއިން ޑިގްރީއެއް ހާސިލްކުރައްވާފައެވެ