ނަމާދަށް ފަރުވާކުޑަ ނުކުރުމަށް މުފްތީ މެންކް ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
އައްޑޫ ސިޓީގައި ބޭއްވި ދަރުސްގައި ތަޤްރީރުކުރައްވަމުން މުފްތީ ވިދާޅުވީ ކޮންމެ ކަމަކަށްވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު އެގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭކަމަށެވެ. އަދި މުފްތީ މެންކް ވަނީ އެގޮތުން އަޅުކަމާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ވަގުތު ހުސްކުރުމުގައި ވިސްނުންތެރިކަމާއިއެކު މަސައްކަތްކުރުމަށާއި ތިމާއަކީ ނަމާދުކުރުމުގައި ކަންނެތް މީހެއްކަމުގައިވާނަމަ އެމީހަކު އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
“އުފެއްދުންތެރި މުސްލިކަމަށްވުމުގެ މައްޗަށް” ވާހަކަދައްކަވަމުން މުފްތީ ވިދާޅުވީ މާތްﷲ އިންސާނާއަށް ރިވެތިވެގެންވާ ހަށިގަނޑެއް ދެއްވާފައިވާއިރު އެއީ އެމީހަކު ބޭނުންގޮތަކަށް ބައްޓަންކުރެވޭނެ ހަށިގަނޑެއް ކަމަށާއި އެހެންކަމުން ނަމާދަށް ހޭ ނުލެވޭނަމަ، ހޭލާން މަސައްކަތްކުރަން ފެށުމުން މާތްﷲގެ ކުޅަދުންވަންތަކަމުން އިންސާނާއަށް އަމިއްލައަށް އެގޮތަކަށް ބައްޓަންވެވޭކަމަށް ވިދާޅުވި އެވެ.
“އަބަދުވެސް ނަމާދުތައް އެ ނަމާދެއްގެ ވަގުތުގައި އަދާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭ. ނަމާދަކީ ދުނިޔެއާއި އާޚިރަތަށްޓަކައި ކޮންމެ މުސްލިމަކުވެސް ކުރަން މާތްﷲ ކަނޑައަޅުއްވާފައިވާކަމެއް. އެކަމުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދޭ.” މުފްތީ ވިދާޅުވި އެވެ.
މުސްލިމަކު ކުރާ ކުޑަކުޑަ ހެޔޮ ކަމަކުންވެސް އެތައް ސަވާބަކާއި ދަރުމައެއް ލިބޭކަން ފާހަގަކުރައްވަމުން ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމާއި ފުރިހަމަ މުސްލިމެއްގެ ގޮތުގައި އެކުދިން ބޮޑުކުރުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބުކަމަކަށްވާއިރު، އެންމެ ފުރަތަމަކަމަށް ދަރިންނަށް ދީން އުނގަންނައި ދޭންޖެހޭކަމަށް ވިދާޅުވި އެވެ.
ދަރިން ތަރުބިއްޔަތުކުރުމުގައި މިހާރު ޓެކްނޯލޮޖީއާއި ގާތް ޒަމާނެއްގައި ދަރިންނަށް ދޭންޖެހޭ ވަގުތު ދީ، ދަރިންގެ ކަންކަމުގައި ވަގުތު ހޭދަކުރާއިރު ފޯނާއި އެފަދަ ޓެކްނޯލޮޖީއާއި ދުރުވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އިސްލާމްދީނުގައި އަޅުކަމަށް ވަގުތު ލިބޭފަދައިން އެހެންކަންކަމަށްވެސް ވަގުތު އޮންނަކަމަށާއި އެފަދައިން ޢަމަލުކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ހަމަ އެފަދައިން ކުޑަކުދިންވެސް އެފަދަ ތަކެއްޗާއި ގާތްވުމަށް ވަކި ވަގުތުތަކެއް ކަނޑައަޅައި، އެގޮތް ގަބޫލުނުކޮށްފިނަމަ އެކުދިންނަށް ހެޔޮ ނަސޭހަތްދީ ވިސްނުވައިދިނުމަށް ވިދާޅުވި އެވެ. ދަރިން ތަރުބިއްޔަތު ކުރާއިރު އުފެއްދުންތެރި މުސްލިމަކަށް ވާންޖެހޭކަމަށާއި އެކުދިންނަށް ހެޔޮގޮތުގައި ކަންކަމުގައި ވިސްނުވައިދޭން ޖެހޭކަމަށް ވިދާޅުވި އެވެ.
އިންސާނުންނަކީ ކުށްކުރެވޭ ބަޔަކަށްވާއިރު އެކެއްގެ ފުށުން ތިމާއަށް ދެރަގޮތެއް ދިމާވެ، ތަކުލީފު އުފުލަންޖެހުނަސް، އެކަންކަން ހިތުގައި ނުބާއްވާ، މަޢާފުކޮށް އެކަމެއް ހަނދާން ނައްތާލުމަކީ އެންމެ ރަނގަޅުގޮތްކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. އިސްލާމްދީނުގައި މަޢާފަށް އެދުމާއި މަޢާފްކުރުން ލައްވާފައިވަނީ އެތައް ސަބަބެއް އޭގައި އެކުލެވޭތީކަން މުފްތީ މެންކް ފާހަގަކުރެއްވި އެވެ.
މިފަދައިން ޢަމަލުކޮށްފިނަމަ ވިސްނަންޖެހޭ ވިސްނުމާ ދުރުވާނެކަމަށާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމާއިގެން އުފެއްދުންތެރިކަމާއިއެކު ކުރިއަށް ދެވޭނެކަމަށްވެސް ވިދާޅުވި އެވެ. އަދި އެންމެ ބާރުގަދަ މީހަކީ އެމީހާގެ ރުޅި ކޮންޓްރޯލްކުރާ މީހާއަށްވާއިރު މާފުކުރުމަކީވެސް ހަމަ މިފަދަ ކަމެއްކަމަށް މުފްތީ މެންކް ވިދާޅުވި އެވެ.
އެހެންމީހުންގެ ދިރިއުޅުމުގައި ތިމާގެ ހިއްސާ އޮންނަންވާނީ ހެޔޮ ގޮތުގައިކަމަށާއި މީހެއްގެ ފުށުން ނުރަނގަޅުކަމެއް ފެނިއްޖެނަމަ އެމީހަކަށްޓަކައި ހެޔޮ ދުޢާކުރުމަށް މުފްތީ މެންކް ވަނީ މި ދަރުސްގައި އެދިވަޑައިގެންފަ އެވެ. އެއީ އުފެއްދުންތެރި މުސްލިމަކަށް ވެވޭ ގޮތެއްކަން ފާހަގަކުރައްވާ މި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެކަކު އަނެކެއްގެ ސިއްރު ހާމަކުރާކަން ފާހަގަކުރެއްވި އެވެ.
އެކަމަށް ބައްލަވާލައްވަމުން މީހުންގެ ސިއްރު ހިފަހައްޓައިފިނަމަ މާތްﷲ އެމީހާގެ ސިއްރުތައްވެސް ހިފަހައްޓާނެކަން އަންގަވާފައިވާކަމަށް ވިދާޅުވި އެވެ. އެ ނޫން ހާލަތެއް ދިމާވެއްޖެނަމަ އެކަމަކުން އެމީހަކު ދުރުކުރުމަށް ހެޔޮގޮތުގައި މަސައްކަތްކުރުން މުހިންމުކަމަށާއި އެކަކު އަނެކަކަށް ހެޔޮ ފޯރުކޮށްދިނުމަށްވެސް މުފްތީ މެންކް އެދިވަޑައިގެންނެވި އެވެ.