English Edition
Dhivehi Edition
މުފްތީ މެންކް އިސްލާމިކް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ފުރާވަޑައިގެންފިއެވެ.

އަންގާރަދުވަހުގެ ރޭ މުފްތީ މެންކް ފުރާ ވަޑައިގެންނެވިއިރު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީއާއި އަންގާރަ ދުވަހު ވަނީ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީން ދެއްވި ދައުވަތު ގަބޫލުކުރައްވާ ރާއްޖެއަށް ވަޑައިގެން މާލެއާއި އަތޮޅުތެރޭގައިވެސް ދީނީ ތަޤްރީރުތައް ދެއްވިކަމަށްޓަކައި އުފާކުރައްވާ އެކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. . އަދި މުފްތީ މެންކް ދަރުސްދެއްވި މައުޟޫޢުތަކަކީ ރާއްޖެއަށް ވަރަށް މުހިއްމު މައުޟޫތަކެއް ކަމަށާއި މުފްތީ މެންކަކީ ދިވެހިންގެ ނުހަނު ލޯތްބާއި އިޚްތިރާމް ލިބިފައިވާ ބޭފުޅެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެހެންކަމުން މުފްތީ މެންކުގެ މިފަހަރުގެ ދަރުސްތަކުންވެސް ދިވެހިންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދިވެސް މާ ދުރުނޫން މުސްތަޤުބަލެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާނެ ކަމަށް މިނިސްޓަރ މި ބައްދަލުވުމުގައި ވިދާޅުވިއެވެ.

މެންކުގެ ވާހަަކަފުޅުގައި ރާއްޖެ އައުމަށް ދައުވަތު ދެއްވީތީ ވަރަށް އުފާ ކުރައްވާ ކަމަށާއި އަދި ރާއްޖެ އައުމުން ބެހެއްޓެވި ގާތްކަމާއި މެހްމާންދާރީއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެމަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރެއްވިއެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއާއި ގްރޭޓަރ މާލެ ސަރަހައްދުގައި ވަނީ ތަފާތު މައުޟޫޢުތަކަށް ދަރުސް ދެއްވާފައެވެ. މިއިން ކޮންމެ ދަރުހަކަށްވެސް އެތައް ބަޔަކު ހާޒިރުވި އިރު ރޭޑިއޯއާއި ޓީވީ އަދި އޮންލައިންކޮށްވެސް މި ދަރުސްތަކަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.