English Edition
Dhivehi Edition

އިރާޤުގެ ވެރިރަށް ބަޣުދާދުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދީ އީރާންގެ އަލް-ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން މެދުއިރުމަތީގެ ގައުމުތަކާއި އެމެރިކާ އާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެ އެމެރިކާ ކިބައިން އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެކަމުގެ ބަދަލު ހިތިގޮތަކަށް ހިފާނެ ކަމުގައި އިރާނުން ބުނެފައިވާއިރު އީރާގުގެ ބާރުގަދަ ޝިއާއީ ޖަމާއަތުގެ ލީޑަރު މުގުތަދާ އަލް ސަދްރް ވިދާޅުވީ، ކޮމާންޑަރު އަވަހާރަކުރުމުން އެ ހަމަލާ ދެވުނީ އީރާގުގެ އިދިކޮޅު ފަރާތްތަކަށާއި، ޖިހާދު ކުރާ ފަރާތްތަތަކަށްކަމަށެވެ.

މި ހަމަލާއާއި ގުޅިގެން ގިނަ ގައުމުތަކުން އިރާނަށް ތައުޒިޔާގެ މެސެޖުތައް ފޮނުވާފައިވާއިރު ގިނަ ގައުމުތަކުންވަނީ ސުލްހަވެރިކަން އިސްކުރުމަށްވެސް ގޮވާލާފައެވެ.މި ގޮތުން ހުރިހާ ފަރާތްތަކުން ވެސް އިތުރަށް މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ނުކުރުމަށް އިނގިރޭސިވިލާތުން ވަނީ ގޮވާލާފައެވެ.

އީރާގުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެމެރިކާގެ ހަމަލާ ކުށްވެރި ކޮށްފައިވާއިރު އީރާގްގެ ސުންނީ އެންމެ ބާރުގަދަ ސިޔާސީ ލީޑަރު ވަނީ އެމެރިކާ އިން ދިން ފަދަ ހަމަލާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.މީގެ އިތުރުން ޖެނެރަލް ސުލައިމާނީ އަކީ އަލްގައިދާ އަދި އައިއެސް އާއި ދެކޮޅަށް ކުރި ހަނގުރާމައިގައި އެންމެ އިސްކޮށް ހުރި ޖެނެރަލް ކަމަށް ފާހަގަކުރަމުން އީރާންގެ ފޮރިން މިނިސްޓަރ މުހައްމަދު ޖަވާދު ޒާރިފް ވަނީ ސުލައިމާނީ އަވަހާރަކޮށްލުމަކީ ބައިނަލްއަޤުވާމީ ނިރުބުވެރި ހަމަލާއެއް ކަމުގައި ސިފަކުރައްވާފައެވެ. މީގެ އިތުރުން އެމެރިކާއިން އީރާގަށް ދިން ހަމަލާ އީރާގުގެ ރައީސް ކުށްވެރި ކުރައްވާފައިވާއިރު އީރާގުގެ ރައީސް ބަރްހަމް ސާލިހު ވިދާޅުވީ، އީރާންގެ ކޮމާންޑަރު އަވަރާކޮށްލުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި މަސްރަހު އިތުރަށް ހޫނު ނުކުރުމަށް ގޮވާލައްވާ އީރާގު ރައްޔިތުން ހިޔާލު ތަފާތުވުންތައް އެއްފަރާތް ކުރުމަށްފަހު ގައުމުގެ މިނިވަންކަމާއި ސަލާމަތަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ދިން ހަމަލާ ސީރިއާއިން ކުށްވެރިކޮށްފައިވާއިރު ސީރިއާގެ ދައުލަތުގެ ޓީވީން ބުނީ، އީރާގުގެ ހަމަޖެހުން ނަގާލުމުގެ ޒިންމާ އެމެރިކާއިން ނަގަން ޖެހޭ ކަމަށެވެ. އަދި އީރާންގެ ޖެނެރަލް ސުލައިމާން އަވަހާރަކޮށްލުމަކީ ލާއިންސާނިއްޔަތު، އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހުރިހާ ގޮތަކުން ހިލާފު ވެފައިވާ އަމަލެއް ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވަނީ ވިދާޅުވެފައެވެ. ބައްޝާރުލް އައްސަދު މިހެން ވިދާޅުވެފައިވާއިރު ސުލެއިމާނީ އަވަހާރަ ކޮށްލުމުން ސީރިޔާގެ އިދިކޮޅު ފަރާތްތަކުން އުފާ ފާޅު ކުރަމުންދާއިރު ސީރިޔާގެ އިދިކޮޅުގައި ގިނައީ ސުންނީ މުސްލިމުންނެވެ. ސީރިޔާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި ސިޓީ ގެ މަގުތަކުގައި އުފާ ފާޅުކޮށް ފޮނިކާ އެއްޗެހި ބަހަމުންދާއިރު “އަހަރެމެން ސުލައިމާނީގެ މަރަށް މަރުޙަބާ ކިޔަން، އުއްމީދު ކުރަނީ އައްސަދު އަށް ވެސް އެގޮތްވުން” މި ފަދައިން ފޮނިކާތަކެތި އަޅާފައިވާ ތައްޓެއްގައި ލިޔެފައިވެއެވެ.

ރަޝިއާއިން އީރާނުގެ ސަރުކާރަށް ތައުޒިޔާ ފޮނުވާފައިވާއިރު ރަޝިއާގެ ފޮރިން މިނިސްޓްރީން ވިދާޅުވީ، އެމެރިކާއިން އީރާނުގެ ކޮމާންޑަރު އަވަހާރަކޮށްލުމުން މެދުއިރުމަތީގެ ހަމަނުޖެހުން ބޮޑުވެގެން ދާނެ ކަމަށެވެ. އަދި ސުލެއިމަނީ ހިދުމަތް ކުރެއްވީ އީރާނުގެ މަސްލަހަތު ދިފާއު ކުރަން ކަމަށާއި އެމެރިކާގެ ހަމަލާ އާ ގުޅިގެން މަސްރަހު ވަރަށް ބޮޑަށް ގޯސްވާނެ ކަމުށެވެ.އަދި މަސްރަހު ގޯސްވެއްޖެނަމަ އޭގެ އަސަރު އެތައް މިލިއަން ބަޔަކަށް ކުރާނެ ކަމަށްވެސް ރަޝިޔާގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން މިހާރުގެ ހާލަތާއި، ބެހޭ ގޮތުން ފޯނު މެދުވެރިކޮށް މަޝްވަރާ ކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދެން ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

އެމެރިކާ އިން ދިން ހަމަލާ ލުބްނާން އިން ކުށްވެރިކޮށްފައިވާއިރު ލުބްނާން އިން ބުނީ އެގައުމަށް ހަމަލާ ދިނުމަކީ އެގައުމުގެ މިނިވަންކަން ނަގާލުން ކަމަށެވެ. މީގެ އިތުރުން އިންޑީއާއިން ބުނީ މެދުއިރުމަތީގެ ހަމަޖެހުން އޮތުމަކީ އިންޑިއާ އިން ބޭނުންވާ ގޮތް ކަމަށާއި މަޝްރަހު އިތުރަށް ގޯސް ނުވާނެ ފަދަ ގޮތަކަށް އަމަލުކުރުން މުހިއްމު ކަމަށެވެ. މެދުއިރުމަތީގެ ހަމަޖެހުން ނަގާލަަން އިތުރު ފިޔަވަޅެއް ނޭޅުމަށް ޗައިނާ އިން ވެސް ވަނީ އެމެރިކާއަށް ގޮވާލައިފައެވެ.

މަސްރަހު ފިނިކުރަން މަސައްކަތް ކުރުމަށް ކެނެޑާ އިން ގޮވާލާފައިވާއިރު ކެނެޑާގެ ފޮރިން މިނިސްޓްރީން ވިދާޅުވީ އީރާންގެ ރިވޮލިއުޝަނަރީ ގާޑާއި ގުދުސް ފޯސްގެ އަމަލުތަކާއި މެދު އެގައުމުން އަބަދުވެސް ކަންބޮޑުވާ ކަމަށެވެ. ނަމަވެސް އެމެރިކާ އިން ދިން ހަމަލާ އާއި މެދު ކެނެޑާ އިން އިތުރު އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު މިހާރުވެސް ކެނެޑާގެ 850 ސިފައިން އިރާޤުގައި އެބަތިއްބެވެ.

ހަމަލާ އާއި ގުޅިގެން ޕާކިސްތާނުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެގައުމުން ބުނީ ހަމަލާގެ ސަބަބުން މެދުއިރުމަތީގެ ސުލްހަ އާއި ހަމަޖެހުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި ގައުމެއްގެ މިނިވަންކަމަށް އިހުތިރާމް ކުރުމަކީ އދ.ގެ ޗާޓަރުގައި ހިމެނިފައިވާ ކަމެއްކަން ޕާކިސްތާނުން ވަނީ ވިދާޅުވެފައެވެ.

ލުބްނާނުގެ ހިޒްބުﷲ އަށް ތާއިދު ކުރާ ނޫހެއްގައި ބުނެފައި ވަނީ ކޮމާންޑާ އަވަހާރަ ކުރުމަކީ ހަނގުރާމައެއްއެއް ކަމަށެވެ. ހިޒްބުﷲގެ ލީޑަރު ނަސްރުﷲ ވިދާޅުވީ އެމެރިކާގެ ޖަރީމާގެ ސަބަބުން އެ ގައުމުން ބޭނުންވާ މަގްސަދު ހާސިލް ނުވާނެ ކަމަށާއި އަދި އޮތް ހައްލަކީ ހުރިހާ ހަނގުރާމަވެރިން އެެމެރިކާއަށް އަދަބު ދިނުންކަމަށެވެ.

މި ހަމަލާއާއި ގުޅިގެން އިސްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ ޓްރަމްޕް އަށް ތައުރީފް ކޮށްފައިވާއިރު ނަތަންޔާހޫ ބުނީ ހަމަލާ އާއި ގުޅިގެން އެގައުމު އޮތީ ޓްރަމްޕްއާއި އެކު ކަމަށެވެ. އަދި އެއީ ސުލްހަ އާއި ސަލާމަތާއި އަމިއްލަ ދިފާއުގައި ދިން ހަމަލާ އެއްގެ ގޮތުގައި އިސްރާއިލުންވަނީ ސިފަކޮށްފައެވެ.

ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލުމުން “ނުރައްކާތެރި ފައްތަރަކަށް ދުނިޔެ އައިސްފި” ކަމަށް ޖަރުމަންވިލާތުގެ ސަރުކާރުން ބުނެފައިވާއިރު އެ ގައުމުން ވަނީ ސުލައިމާނީ އަވަހާރަކޮށްލަން ދިން ހަމަލާއަށް ނުސީދާކޮށް ތާއިދުކޮށްފައެވެ. ޖަރުމަންވިލާތު ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ އީރާނުން ދުނިޔެއަށް ނުރައްކާ ކުރަމުން ގެންދާ ކަމަށެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަންބޮޑުވުން ފާޅު ކުރައްވާފައިވާއިރު ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ޗައިނާ އިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ އިރާޤުގެ މިނިވަންކަމާއި އިސްތިޤުލާލަށް އެހެން ގައުމުތަކުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.