ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމީދޫ އަށް ކަނޑައެޅި ތިން ދާއިރާތަކުގެ ތެރެއިން އެއް ދާއިރާ އުނިކޮށް ހުޅުދޫ އަދި މީދޫ ދެ ދާއިރާއަކަށް ހެދުމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމާއި ދެކޮޅަށް މީދޫގައި އެއްވުމެއް ބާއްވައިފިއެވެ.
އިއްޔެ ހަވީރު މީދޫގައި ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ މެމްބަރުން އިސްވެ ބޭއްވި މި އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ހުޅުދޫ މީދޫ ސިޓީ އިން ވަކިކޮށް ރަށު ކައުންސިލެއް ހޯދުމަށް ގޮވާލާފައެވެ. އަދި ހުޅުމީދޫ އަށް ކަނޑައެޅި ތިން ގޮނޑީގެ ތެރެއިން އެއް ގޮނޑި އުނިކުރި ކުރުމަކީ ގިނަ ބައެއްގެ ހައްގުތައް ގެއްލިގެން ދިޔަ ކަމެއް ކަމުގައި މި އެއްވުމުގެ ބައިވެރިންވަނީ ބުނެފައެވެ.
މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް އަންހެނުންނަށް%33 ގޮނޑިލިބޭގޮތަށް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނެގި ގުރުއަތުލުމުގައި މީދޫ ދާއިރާގެ ގޮނޑި ވަނީ އަންހެނުންނަށް އެކަނި ވާދަކުރެވޭ ގޮނޑިއެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މި މައްސަލަ އާއި ގުޅިގެން މީދޫގެ ގޮނޑިއަށް ވާދަކުރުމަށް ކެމްޕެއިން ކުރަމުން ދިޔަ ފިރިހެން ބޭފުޅުންނާއި އެފަރާތްތަކަށް ސަޕޯޓު ކުރަމުން އަދި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އެ ނިންމުން ބަދަލުނުކޮށްފި ނަމަ ސިޓީ އިން ވަކިވެ ރަށު ކައުންސިލެއް އުފެއްދުމަށް ޕެޓިޝަނެއް ހަދާފައެވެ.
މި މައްސަލައާއި ގުޅިގެން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވީ ސީޓީ އިން ވަކިވާންޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވަންވީ ކަމަށާއި ރޮޒައިނާ ހުންނެވީ ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ މައްސަލައިގައި ވަކާލާތުކޮށް ދެއްވުމަށް ކަމަށެވެ.