ޤައުމުގެ އެންމެ އިސް މަގާމަށް ނޫނީ ދަތުރު ނުކުރައްވާނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވަން އުޅޭކަމުގެ ވާހަކަތައް ދޮގުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރޭ ރާއްޖޭގެ ބައެއް މީޑިޔާތަކުން ވަނީ އުމަރު މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިކަށްވަން އުޅެކަަމަށް އަޑުފަތުރާފައެވެ. އެކަން ދޮގުކުރައްވައި އުމަރު ވިދާޅުވީ އެމަނިކުފާނު މާލޭ މޭޔަރަށް ހުރެގެން އެމަނިކުފާނު ރާއްޖެއާއި މެދު ކުރައްވާ އުއްމީދުތައް ފުރިހަމަ ނުކުރެވޭނެ ކަމަށެވެ.
އުމަރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތައް ކަމަަށްވާ މަސްތުވާތަކެތީގެ މައްސަލަ އާއި ބިދޭސީންގެ މައްސަލައިގެ އިތުރުން އިންޑިޔާގެ ނުފޫޒުގެ މައްސަލަ ހައްލުކުރެވޭނީ އެމަނިކުފާނު ދިވެހިރާއްޖޭގެ އެންމެ އިސް މަގާމުގައި ހުރެގެން ކަމަށެވެ.
އުމަރު ވިދާޅުވީ އިދިކޮޅު ޕާޓީ ޕީޕީއެމްގެ ލީޑަރޝިޕުން ޕްރައިމަރީއެއް ބާއްވައިފިނަމަ ދެން އަންނަ ރިޔާސީ އިންތިހާބެއްގައި އެމަނިކުފާނު ނިކުންނަވާނީ އެ ޕާޓީގެ ރިޔާސީ ޓިކެޓުގައި ކަމަށެވެ.
އުނަރު ނަސީރަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގިނަ ބަޔަކު ސަޕޯޓު ކުރައްވާ ބޭފުޅެކެވެ.