English Edition
Dhivehi Edition

ފޭރުފަތުން އިސްތަށިގަނޑަށް ލިބިދޭ ފައިދާ ތަކުގެ ވާހަކަ އަކީ އަބަދުވެސް އިންޓަނެޓްގައި އެންމެ ބާރަށް ދެކެވޭ އެއްވާހަކައެވެ. އާންމު ގޮތެއްގައި ގިނަ މީހުން ގަބޫލުކުރާގޮތުން ފޭރުފަތުން އިސްތަށިގަނޑު ދިގު ވުމަށް އެހީވެދެއެވެ. މީގެ އިތުރުންވެސް ފޭރު ފަތުން ގިނަ ފައިދާ ތަކެއް އިސްތަށިގަނޑަށް ލިބެއެވެ. ތިރީގައި މިވަނީ ފޭރުފަތުން އިސްތަށިގަނޑަށް ދިމާވާ ބައެއް މައްސަލަތަކަށް ދެވިދާނެ ފަރުވާ ތަކެވެ.

ފޭރުފަތުގައި ހިމެނޭ އެނަލްޖެސްޓިކް،އެންޓި އިންފްލެމެންޓަރީ، އެންޓި މައިކްރޯބިއަލް އަދި އެންޓި އޮކްސިޑެންޓް މި މާއްދާތަކުން ބޮލުގެ ތެރޭގައި ހެދޭ ފާރު އަދި ހަންފޮޅުމުގެ މައްސަލަތަކަށް ފަރުވާލިބެއެވެ. ފޭރު ފަތަކީ އޭގައި ވިޓަމިން “ބީ” އަދި “ސީ”އިން މުއްސަނދި ފަތެކެވެ. މި ފަތުގައި ހިމެނޭ މިދެމާއްދާ އިން އިސްތަށި ގަނޑު ދިގުވުމަށާއި ވަރުގަދަ ކޮށްދިނުމަށް އެހީވެދެއެވެ.

އިސްތަށިގަނޑު ވަރުގަދަ ކުރުމަށާއި ދިގު ކުރުމަށް ފޭރުފަތް ބޭނުން ކުރާނެގޮތް:

ބޭނުންވާ ތަކެތި: 1 ޖޯޑު ފޭރުފަތް ، 1 ލީޓަރ ފެން، ކެއްކުމަށް ތެއްޔެއް އަދި ފުރޭންޏެއް (ފުރާނަން).

ތައްޔާރު ކުރާނެގޮތް: ތެއްޔަށް ފެންއެޅުމަށްފަހު ކައްކަން އުނދުން މައްޗަށް އުދާލާށެވެ. ފެން ރަނގަޅަށް ކެކިގަތީމަ ފޭރުފަތް އެޅުމަށްފަހު ރަނގަޅަށް ކައްކާށެވެ. ކެކުނީމަ އުނދުން ނިއްވާލުމަށްފަހު ފެން ހިހޫވަންދެން ބެހެއްޓުމަށްފަހު ހިހޫ ވީމަ ފުރޭނުން ފުރާނާލާފައި އެފެން ، އެއްޗަކަށް އަޅާށެވެ.

ތައްޔާރު ކުރި ފެން ބޭނުންކުރާނެގޮތް: އެންމެ ފުރަތަމަ އިސްތަށިގަނޑު ރަނގަޅަށް ޝޭމްޕޫލައިގެން ދޮންނާށެވެ. ދޮތުމަށް ފަހު ކޮންޑިޝަން ކޮށްގެން ނުވާނެއެވެ. އިސްތަށިގަނޑު ދޮތުމަށްފަހު ރަނގަޅަށް ފެން ހިއްކުމަށްފަހު އިސްތަށިގަނޑު ބައި ކޮށްފައި ތައްޔާރު ކުރި ފޭރުފަތުގެ ފެނުން އިސްތަށިގަނޑުގެ ހުރިހާ ބައެއްގެ ބުޑާއެކު ތެންމާލާމުން، މަސާޖު ކުރުމަށްފަހު 10 މިނެޓްވަންދެން ބަހައްޓާށެވެ. ބޭނުމިއްޔާ މިފެން 2 ގަޑިއިރު ނޫނީ އޯވަނައިޓް ކޮށް ވެސް އިސްތަށިގަނޑުގައި އުނގުޅާފައި ބެހެއްޓިދާނެއެވެ. ގިނައިރު ހުންނަން ބޭނުން ނަމަ ތުވާއްޔަކުން އިސްތަށިގަނޑު ބަންދުކޮށްފައި ބެހެއްޓުން ރަނގަޅެވެ. އެއަށްފަހު ތާފަނާ ފެނުން ބޯދޮންނާށެވެ.

ބޭނުންކުރަންވީ މުއްދަތު: އިސްތަށިފައިބާތީ ބޭނުން ކުރާނަމަ ހަފްތާއަކު 3 ދުވަހު މިފަރުވާ ދިނުން ރަނގަޅެވެ. އިސްތަށިގަނޑު އަވަހަށް ދިގުކުރުމަށާއި ރީތިކުރުމަށް ހަފްތާ އަކު 2 ފަހަރު ބޭނުންކުރުން ރަނގަޅެވެ.

މި ތެރަޕީ ބޭނުންކުރާއިރު ސަމާލު ވާންޖެހޭ ކަންތައްތައް:

  • ބޮލުގައި މިފެން އުނގުޅުމުގެ ކުރިން ރަގަޅަށް ފެން ހިހޫވެފައި ހުރިތޯ ބެލުން.
  • ބޯދޮންނަ އިރު ހޫނުފެނުން ބޯ ނުދޮތުން، މާ ހޫނުގަދަ ފެނުން ބޯ ދޮތުމުން މި ފެނުގެ ފައިދާ ގެއްލިދެއެވެ.

ފޭރުފަތުން އިސްތަށިގަނޑަށް ލިބިދޭ ފައިދާ:

  • ފޭރުފަތުގައި ހުން ވިޓަމިން “ސީ” އަދި “ބީ” އިން އިސްތަށިގަނޑު ދިގުކޮށްދީ ވަރުގަދަ ކޮށްދެއެވެ.
  • އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓް އިން އިސްތަށިގަނޑު ކުރަކިވެ ހަލާކު ވުމުން ދުރުކޮށްދެއެވެ.
  • އޭގައި ހިމެނޭ “ލައިކޯޕީން” ކިޔާ މާއްދަ އަކުން އިރުގެ ދޯދި ތަކުން އިސްތަށިގަނޑު ހަލާކު ވުން ދުރުކޮށްދެއެވެ.
  • އިސްތަށިގަނޑު ހަޑި ވުމުން ދުރުކޮށްދީ ތެޔޮވުމުން ދުރުކޮށްދެއެވެ.
  • ބޮލުގެ ހަންގަޑުގައި މިފެން އުނގުޅުމަށްފަހު މަސާޖް ކުރުމުން ހަންގަނޑުގެ ލޭ ރަނގަޅަށް ދައުރުކޮށްދީ އިސްތަށިގަނޑު ވަރުގަދަ ކޮށް އޮމާންކޮށްދެއެވެ.

ފޭރުފަތުން އިސްތަށިގަނޑުގެ މައްސަލަތައް ހައްލު ކޮށްދިނުމުގެ އިތުރުން އޭގެއިން ސިއްޚީ ބައެއް އެހެން މައްސަލަަތައް ހައްލުކޮށްދޭ ކަމަށް ސިއްޚީ މާހިރުން ބުނެއެވެ. ފޭރުފަތަކީ ޒަމާނުއްސުރެ ބޭސްވެރިކަމުގައި ބޭނުން ކުރަމުން އަންނަ ފަތެއްކަން ފާހަނގަކޮށްލެވެއެވެ.