English Edition
Dhivehi Edition
އައްޑޫ ފުޓުބޯޅަ ޗެމްޕއިަންޝިޕުގެ ތެރެއިން ޒެފިއާ އާއި ފޭދޫ ސްޕޯޓްސް ބައްދަލު ކުރި މެޗު / ފޮޓޯ: އަލީ ނާސިރު

ޒެފިއާ ޓީމު ބަލިކޮށް ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ފޭދޫ ސްޕޯޓްސް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގްރޫޕް ބީ ގެ އެއްވަނައިގެ ގޮތުގައި ފޭދޫ ސްޕޯޓްސް ސެމީ ޖާގަ ހޯދީ، ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅޫވެގެން 9 ޕޮއިންޓް ލިބިގެންނެވެ. ފޭދޫ ސްޕޯޓްސް ސެމީގެ ޖާގަ ހޯދާފައިވަނީ، ޒެފީއާ 3-4 އިން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުމަށް ބަލާއިރު،ފުރަތަމަ ލަނޑު ޖަހާފައި ވަނީ، 23 ވަނަ މިނެޓުގައި އެފްސީ ޒެފިއާގެ މުހައްމަދު އިމްޝާލްއެވެ. ފޭދޫ ސްޕޯޓްސް އަށް ޒެފިއާގެ ގޯލް ހުޅުވާލަ ދިނީ، 28 ވަނަ މިނެޓުގައި އަލީ ލިރުއާމްއެވެ. މެޗުގެ މިހާފު ނިމުމުގެ ކުރީން ، ފޭދޫ ސްޕޯޓްސްގެ އަލީ ނާފިއު ވަނީ ދެ ލަނޑު ޖަހާފައެވެ. މިހާފު ނިމެން ކައިރި ވެފައި ހުއްޓާ ފޭދޫ ސްޕޯޓްސް ކުރި ފައުލަކުން އޭނާ އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ބޭރުކޮށްފައެވެ. މިހާފު ނިމިގެން ދިޔައި، 1-3 ނަތީޖާއިން ފޭދޫ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށުނީ، ފޭދޫގެ އަލީ ނާފިއޭނާގެ 3 ވަނަ ލަނޑު ކާމިޔާބު ކޮށް ހެޓްރިކް ހަދައިގެންނެވެ. މިހާފުގައި ފޭދޫ ސްޕޯޓްސް އަށް އިތުރު ލަނޑެއް ޖެހިފައި ނުވެއެވެ. މިމެޗުގެ56 ވަނަ މިނެޓުގައި މުހައްމަދު އިމްޝާލް ޒެފިއާ ޓީމަށް އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ. ޒެފިއާ ޓީމުގެ ޒައްމަތު ބުޝްރީ ވަނީ މިމެޗުގައި ޖެހި އެންމެ ފަހު ލަނޑު ޒެފިއާ ޓީމަށް 57 ވަނަ މިނެޓުގައި ޖަހައި ދީފައެވެ. މިހާފުގައި ޒެފިއާގެ ކުޅުން ރަނގަޅު ކުރިތަން ފެނިގެން ދިޔައެވެ. ނަމަވެސް ފޭދޫ ސްޕޯޓްސް އަތުން ލީޑު ނުނެގި ފުރުސަތު ބޭނުން ނުހިފި ދިޔައީއެވެ.

މިމެޗާއި އެކު ފޭދޫ ސްޕޯޓްސް އެ ގްރޫޕުގެ އެއްވަނަ ހޯދަނީ، އެއްމެޗު ބާކީ އޮވެގެންނެވެ. މިއާއި އެކު ޒެފިއާ ޓީމަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ވަރަށް ހަނިވެގެން ދިޔައީއެވެ. މިމުބާރާތުގައި މިއަދު ބައްދަލު ކުރާނީ، ގްރޫޕު އޭ މުލިމަތި ޔުނައިޓެޑް އާއި ގޯދިއްޔާ ޓީމެވެ. ގޯދިއްޔާ މިމެޗުން ކުރިއަށް ދާން ބޭނުން ނަމަ 2 ލަނޑު ތަފާތުން މޮޅުވާން ޖެހެއެވެ.