English Edition
Dhivehi Edition

އައިލެންޑް އޭވިއޭޝަނުން ރަށްރަށުގައި ގާއިމްކޮށްފައިވާ ޕެސެންޖަރ ސޭލްސް އެޖެންޓް (ޕީއެސްއޭ) އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަސްޓަމާކެއަރ ދަސްކޮށްދިނުމަށް ތަމްރީން ޕްރޮގްރާމެއް ދުރުނޫން މުސްތަގުބަލެއްގައި ފަށްޓަވާނެ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

ހެޑުއޮފް ހިޔުމަން ރިސޯސް ސުހައިލް ހުސައިން ވިދާޅުވީ ކަސްޓަމަރުންނާ މުއާމަލާތް ކުރުމާއި އެމީހުންނަށް ރަނގަޅަށް ޚިދުމަތް ދިނުމުގެ ހުނަރު މުވައްޒަފުންނަށް ލިބިފައިހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

“ޚިދުމަތް ހޯދަންދާނީ އާންމުމީހާ. ދާއިރު އެތާގައި އިންނަ ކުއްޖާ މިހާރު ޖާގައެއްނެތޭ ކިޔާލައިފައި ފޮނުވައިލީމައި އޭތި ރިފްލެކްޓްވަނީ އައިލެންޑްއޭވިއޭޝަން ނުވަތަ މޯލްޑިވިއަންގެ އިމޭޖަށް. ގިނަ ފަހަރަށް ޕީއެސްއޭވެސް އެދޭތެރެއަށް ނާންނާނެ. ޕީއެސްއޭގެ ނަމެއްވެސް ނުކިޔާނެ. އެހެންވިމައި އަޅުގަނޑުމެން ނިންމާފައިވާނީ ވީވަރަކުން ރަށްރަށަށް ދަތުރުކޮށް ތަމްރީނުދޭން. މާލެ ގެންގޮސްވެސް ކަސްޓަމާކެއާއަކީ ކޯއްޗެއްކަން ކިޔަވައިދެވިދާނެ،” ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ ވަޒީފާ ތަކުގައި ގިނައިން އުޅެނީ ވަރަށް ޒުވާންކުދިން ކަމަށެވެ. އެފަދަ ކުދިން ގިނަފަހަރަށް ވަޒީފާތަކުގައި ހަރުނުލުމުގެ ސަބަބުން އަބަދުވެސް ތިބެނީ އައު ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމައި އެފަދަ މުވައްޒަފުންނަށް ކަސްޓަމާކެއާ ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ މިއަހަރު ނިމުގެ ކުރިން އެތަމްރީން މުވައްޒަފުންނަށް ދެވޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭކަމަށެވެ. އޭނާވިދާޅުވީ ބޭނުންވަނީ ވަރަށް ބޭސިކް އެއްޗެހިތަކެއް އެމީހުންނަށް ކިޔައިދޭން ކަމަށެވެ. އެހެންވީމާ އެއްދުވަހުންވެސް ނުވަތަ ބައިދުވަހުން އެބައި ނިމިދާނެ ކަމަށެވެ.

“އަޅުގަނޑުމެން އެމީހުންނަށް ހިންގާނީ ބޭސިކް ކަސްޓަމާކެއާ ތަމްރީން ޕްރޮގްރާމެއް. އެފެށުމުގެ ކުރިންވެސް އެ ކޮންމެވެސް ވަރަކަށް ކުދިންނަށް ބުނެދެވިފައި ހުރުމުން އެއީ ލިބެނޭ ވަރަށްބޮޑު ކުރިއެރުމެއް. އެހެންވެ އެންމެފަހުން އައްޑޫގައި މިބޭއްވި ސޭލްސް ވޯކޮޝޮޕްގައި ކޮންމެވެސް ވަރަކަށް އެބައި ކިޔައދީފައިވާނީ،” ސުހައިލް ވިދާޅުވިއެވެ.

ޕީއެސްއޭ ތަކުގައި މިހާރު މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ކަސްޓަމާކެއާ އެއްގޮތަށްވެސް ނޭނގޭ ކުދިންނެވެ. ކުދިން ތަމްރީން ކުރުމަށްފަހު ތާޒާ ކުރުމުގެ ޕްރޮގްރާމްތައްވެސް ހިނގާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ވަރަށްފަހުންވަނީ އައްޑުއާއި ފުވައްމުލަކުގައި މަސައްކަތްކުރާ އެޖެންޓުންނަށް ސޭލްސް ވޯކުޝޮޕެއްއައްޑޫގައި ބާއްވާފައެވެ. މިމަހު މިފަދަ ވޯކްޝޮޕެއް ހުވަދޫގައި ބާއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.