English Edition
Dhivehi Edition
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ އާ އެމްޑީ، ގައިސް ނަސީރު - ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި ކަމަށްވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑް އަށް އާ މެނޭޖިންގ ޑިރެކްޓަރަކު ހަމަޖައްސައިފި އެވެ.

އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އެމްޑީގެ މަޤާމަށް ޢައްޔަންކޮށްފައި ވަނީ ގައިސް ނަސީރު (ސީވިއު، ސ. ހިތަދޫ) އެވެ. ގައިސް، އެ މަޤާމަށް ޢައްޔަންކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޤައިސް އެ މަޤާމަށް ޢައްޔަންކޮށްފައި މިވަނީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އެމްޑީ އަކާއި ނުލައި ހިންގަމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވި ފަހުންނެވެ.

އެންމެ ފަހުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ފުރުއްވާފައި ވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް، މުޙައްމަދު ލަތީފު އެވެ.

އެ މަޤާމަށް ލަތީފު ޢައްޔަންކޮށްފައި ވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ލަތީފު އެ މަޤާމުން ވަކިކޮށްފަ އެވެ. އަދި އެއަށްފަހު މިދިޔަ ޑިސެމްބަރު މަހާއި ހަމައަށްވެސް އެ މަޤާމަށް އިތުރު ބޭފުޅަކު ޢައްޔަންކޮށްފައެއް ނުވެއެވެ.