English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފް ގެ އެލާޓް ސްޓޭޓަސް ޢާއްމު ހާލަތަކަށް ބަދަލުކޮށްފިއެވެ.

އެމްއެންޑީއެފުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، 2019 ޑިސެމްބަރު 24 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ހިންގަންފެށި ޚާއްޞަ އޮޕަރޭޝަން މިއަދު ހެނދުނު 06:00 ގައި ނިންމާލާފައިވާ ކަމަށެވެ.

“އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް ވަނީ ޢާއްމު ހާލަތަކަށް ބަދަލުކޮށްފައި. އެމްއެންޑީއެފް އިން މި ހިންގި އޮޕަރޭޝަން ވަރަށް ކާމިޔާބު.” އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

އައު އަހަރު ފެށުމާ ދިމާކޮށް ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު ރާއްޖޭގެ ޢާއްމު ޙާލަތު ހަމަ މަގަށް އެޅުވުމަށްޓަކައި އެމްއެންޑީއެފް އިން ހިންގި މި އޮޕަރޭޝަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ދިވެހި ރައްޔިތުންނަށް އެ ސަރވިސް އިން ޝުކުރު އަދާކުރައްވާފައެވެ.

ގައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމެއް ކުރިމަތި ވުމުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން ނެރޭ “އެމްއެންޑީއެފް ޔެލޯ އެލަރޓް 2” ނެރުމަށްފަހު ސިފައިން ވަނީ ހަތިޔާރާއެކު މަގުމައްޗަށް ނުކުމެ އަމަން އަމާންކަން ބެލެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.