English Edition
Dhivehi Edition
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2019: ބޭރުމަތި އެފްސީ އާޢި ގޮދިއްޔާ ބައްދަލު ކުރި މެޗުގެ ތެރެއިން / ފޮޓޯ: އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ މުބާރާތުގައި ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ އެފްސީ ބޭރުމަތި ޓީމުން ހޯދައިފިއެވެ.

އެފްސީ ބޭރުމަތި ޓީމުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކުރީ، މަރަދޫ ގޯދިއްޔާ 1-4 އިން ބަލި ކުރުމަށް ފަހުއެވެ. އެޓީމުން ސެމީ ފައިނަލަށް ދިޔައީ ކުޅުނު 3 މެޗުން ވެސް މޮޅުވެގެން ބާކީ އެއްމެޗު އޮވެ، 9 ޕޮއިންޓާއި އެކުއެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ، އެފްސީ ބޭރުމަތި ޓީމުގެ އަމީން އިބްރާޙިމެވެ. އޭނާ މިލަނޑު 7 ވަނަ މިނެޓުގައި ކާމިޔާބު ކުރިއިރު، އެޓީމަަށް ލީޑު ފުޅާ ކޮށްދިނީ ދެވަނަ ލަނޑާއި އެކު 23 ވަނަ މިނެޓުގައި މުހައްމަދު ސަބާޙްއެވެ. މިމެޗުގައި ގޯދިއްޔާޖެހި ހަމަ އެކަނި ލަނޑު ފުރަތަމަ ހާފުގައި ވައްދައި ދިނީ، 30 ވަނަ މިނެޓުގައި އެޓީމުގެ އަބްދުﷲ ލައުސަން އެވެ. މިހާފުގެ ކުޅުން ނިމިގެން ދިޔައި 1-2 އިން އެފްސީ ބޭރުމަތި ކުރީގައި އޮވެގެންނެވެ.

މުޅި މެޗު އެއްކޮށްހެން، އެފްސީ ބޭރުމަތި ކޮންޓްރޯލް ކުރަމުން ދިޔައިރު، ދެވަނަ ހާފުގައި ވެސް ދިގު ބޯޅަތައް ނަގައިގެން ލަނޑު ޖަހަން އެފްސީ ބޭރުމަތި ޓީމު މަަސައްކަތް ކުރިއެވެ. ބޭރުމަތި މިހާފުގައި ދެ ލަނޑު ޖެހި އިރު، އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ،67 ވަނަ މިނެޓުގައި މުހައްމަދު ޝުއާއު އެވެ. މެޗުގެ 5 ވަނަ ލަނޑު އަދި ބޭރުމަތި އެފްސީގެ 4 ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ޒުވާން ކުޅުންތެރިއާ ހާޒިމް ފައުޒީ (ހާތި) އެވެ. މެޗު ނިމިގެން ދިޔައީ 1-4 އިން ބޭރުމަތި މޮޅުވެ 3 ޕޮއިންޓު ހޯދައިގެންނެވެ.

މިގުރޫޕުގައި ބޭރުމަތި ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރި އިރު، ގޯދިއްޔާ އަށް އަދި ސެމީ ފައިނަލުގެ ޖާގަ އެއްކޮށް ނުގެއްލެއެވެ. އެ ޓީމަށް ސެމީ ފައިނަލަށް ދިއުމަށް މިހާރު އޮތް ފުރުސަތަކީ، މުލިމަތި ޔުނައިޓެޑް 2 ލަނޑުގެ ތަފާތަކުން ބަލި ކުރުމާއި އެކު، މުލިމަތި އާއި ބޭރުމަތި އެފްސީ ކުޅޭ މެޗަކުން އެޓީމު ބަލި ވުމެވެ. މިއީ ވަރަށް ހަނި ފުރުސަތެކެވެ. މުލިމަތި އާއި ބޭރުމަތި ބައްދަލު ކުރި ފުރަތަމަ މެޗުން 3-4 އިން މުލިމަތި ވަނީ ކާމިޔާބު ކޮށްފައެވެ.

އައްޑޫސިޓީ ކައުންސިލުން އިންތިޒާމު ކުރާ މިމުބާރާތުގައި މިއަދު ކުޅޭނީ، ފޭދޫ ސްޕޯޓްސް އާއި އެފްސީ ޒެފިއާއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ، 4:00 ގައެވެ.