English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ދަސްވެނިވި ދަރިވަރުންތަކެއް - ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ ސަރުކާރުން ދިވެހިރާއްޖެއަށް ދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައި ވަނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން އޮފަރކުރާ ދާއިރާތަކުގެ ތެރެއިން ސްކިލްޝޯޓޭޖް ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުން ކަމަށެވެ. އެގޮތުން އެ ސްކޮލަރޝިޕްގެ ދަށުން 01 މާސްޓަރސް ޑިގްރީ އަދި 01 ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އޭގެތެރެއިން މާސްޓަރސް ޑިގްރީއަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، 15 ފެބްރުވަރީ 2020 ގެ ނިޔަލަށް އުމުރުން 35 އަހަރުވެފައިނުވުން ހިމެނެއެވެ.

އަދި ޕީއެޗްޑީ އަށް ކުރިމަތިލާ ފަރާތްތަކަކީ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، 15 ފެބްރުވަރީ 2020 ގެ ނިޔަލަށް އުމުރުން 40 އަހަރުވެފައިނުވާ ފަރާތަކަށް ވާންޖެހޭނެ އެވެ.

މީގެ އިތުރުން ސްކޮލަރޝިޕަށް އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ތަޢުލީމު ހާސިލުކުރުމަށްފަހު ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު، ސްކޮލަރޝިޕްގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން ހިމެނެއެވެ.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

އަދި ސްކޮލަރޝިޕަށް އެދޭ ފަރާތަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކައި ޚަލާސްކޮށްފައިވުމާއެކު، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން، އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެ އެވެ.

އަދި އެ އިޢުލާނާއިއެކު އެ މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވުންވެސް ހިމެނެއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނީ ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕްގެ ދަށުން އޮފަރކުރާ ދާއިރާތައް އެނގޭނެ ލިޔުން މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ ކަމަށާއި، އެ ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުންނާއި، ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

އެ ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.