English Edition
Dhivehi Edition
އައްޑޫ ފުޓުބޯޅަ މުބާރާތުގައި ޒެފިއާ އަދި ފޭދޫ ސްޕޯޓްސް ވާދަ ކުރި މެޗު / ފޯޓޯ:: އަލީ ނަސިރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕުގައި ޒެފިއާ ބަލިކޮށް ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ،ފޭދޫ ސްޕޯޓްސް ފުރަތަމަ ބުރު ނިންމާލައިފިއެވެ.

މިމުބާރާތުގައި އިއްޔެ ހަވީރު މިދެޓީމު ބައްދަލު ކުރި މެޗު ފޭދޫ ސްޕޯޓްސް އިން ކާމިޔާބު ކުރީ 1-4 އިންނެވެ. މިމެޗުގައި ފެނިގެން ދިޔައީ ފޭދޫ ސްޕޯޓްސް ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަށް އުފައްދަމުން ދިޔަތަނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު އަދި ޒެފިއާ ޓީމުގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައި ދިނީ، ހަވަނަ މިނެޓުގައި އިބްރާހިމް ހާރިޝް ހުސެއިންއެވެ. މިލަނޑާއި އެކު ފޭދޫ ޓީމުން ގިނަ ހަމަލާތަކެއް ޒެފިއާ ޓީމުގެ ގޯލާ ދިމާ ކުރިއެވެ. ނަމަވެސް ބޭނުން ނުހިފި ދިޔައީއެވެ. ޒެފިއާ ޓީމުގެ ގޯލު ފޭދޫ ސްޕޯޓްސް އަށް ހުޅުވައި ދިނީ 33 ވަނަ މިނެޓުގައި އެޓީމުގެ އަލީ ނާފިއުއެވެ. އެޓީމުގެ ދެވަނަ ލަނޑު މާގިނަ އިރުތަކެއް ނުވެ އަލީ ލިރުއާމް (ލިރޫ) ވަނީ ކާމިޔާބު ކޮށްދީފައެވެ. ހާފް ނިންމާލުމުގެ ކުރިން ފޭދޫ ސްޕޯޓްސް އަށް ލީޑު ބޮޑުކޮށްދިނީ ހުސާމް ސައީދެވެ.

ދެވަނަ ހާފުގައި ފޭދޫ ސްޕޯޓްސް އިން ރަނގަޅު ހަމަލާތަކެއް ފެނިގެން ދިޔައެވެ. ގޯލާއި އަމާޒުވި ނަމަވެސް ނިންމާ ނުލެވި ވަރަށް ގިނަ ހަމަލާތަށް ދިޔައެވެ. ޒެފިއާ ޓީމުންވެސް ފޭދޫ ގޯލަށް ކައުންޓަރ ގައި ނުރައްކާ ކުރަން މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. މެޗުގެ 4 ވަނަ ލަނޑު ފޭދޫ އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން އަލީ ލިރުއާމް (ލިރޫ) އެވެ. ލިރޫގެ މިލަނޑާއި އެކު ފޭދޫ ސްޕޯޓްސް މެޗު ނިންމާލީ ގްރޫޕުގެ އެއްވަނަ ކަށަވަރު ކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ މިމުބަރާތުގައި 6 ޕޮއިންޓް ހޯދައި ފޭދޫ ސްޕޯޓްސް ވަނީ ގްރޫޕް ބީ ގެ އެއްވަނަ ކަށަވަރު ކޮށްފައެވެ. ދެވަނަ ބުރަށް ގްރޫޕު އޭ ގެ އެއްވަނާގައި އޮތީ ބޭރުމަތި ޓީމެވެ. މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް މިއަދު ފަށާއިރު، މިމެޗުގައި ބައްދަލު ކުރާނީ، އެފްސީ ބޭރުމަތި އަދި ގޯދިއްޔާއެވެ. މިމެޗު މިއަދު ހަވީރު 4:00 ޖަހާއިރު ފަށާނެއެވެ.