English Edition
Dhivehi Edition

އޮސްޓްރޭލިއާގެ ޖަންގަލި ތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްނުވެ ފެތުރެމުންދާ ދިއުމާއެކު އެޤައުމުގެ ވިކްޓޯރިއާގެ އައްސޭރި ފަށުގައި އެތައް ހާސް ބަޔަކު ތާށިވެފައި އެބަތިއްބެވެ.

އަލިފާނުގެ ސީދާ އަސަރު މިއަދުން ފެށިގެން ފޯރަމުންދާ އެޤައުމުގެ އިރުމަތީގެ އަވަށެއްކަމަށްވާ މަލަކޫޓާގައި 4000 އަށް ވުރެ ގިނަ މީހުން ތާށިވެފައި އެބަތިއްބެވެ. މިއަލިފާނުގެ ސަބަބުން އެސަރަޙައްދުން ދެ މީހަކު ގެއްލިފައިވާއިރު އެއަވަށާ ޖެހިގެން އޮތް ނިއު ސައުތު ވޭލްސްއިން ދެ މީހަކު ވަނީ މަރުވެފައެވެ.

މިއަދު އިރު އެރި އިރު މަލަކޫޓާގެ އުޑުމަތި ކަޅު ދުމުން ފުރިފައި އޮތުމަށްފަހު މުޅި ޖައްވު ރަތް އަލިފާން ކުލައަށް ބަދަލުވެފައި ވެއެވެ. އެސަރަޙައްދުގައި ތާށިވެފައިތިބި މީހުން ބުނާ ގޮތުން އަލިފާން ކަނިތައް ހުއްޓާނުލާ ފައިބަމުން ދެއެވެ.

އަލިފާންގަނޑު އަވަށާއި ކައިރި ވަމުންދާ ވަރަކަށް އަނދަމުންދާ އަލިފާނުގެ ބިރުވެރި އަޑުން ފަޒާ ގުގުމާފައިވެއެވެ.

އެސަރަޙައްދުގައި އުޅޭ މީހުންނަށް ވަނީ ގޭސް ފުޅި ފަދަ ތަކެތި ގޮވާ ބިރުވެރި އަޑުން ސިހުން ލިބިފައެވެ.

އެމީހުން ތިބީ ސަލާމަތަށް އެދި މޫދަށް އެރި ކަނޑަށް ފީނަން ޖެހުނަސް އެކަން ކުރުމަށް ތައްޔާރި ޙާލަތުގައެވެ.

އެއްގަމުގައި އެމީހުން ތިބީ ޖެކެޓްތަކާއި މާސްކުން މޫނު ފޮރުވައިގެންނެވެ. ރިޕޯޓްތައް ބުނާގޮތުން ތާށިވެފައި ތިބި މީހުންނާއި ރޯވެފައިވާ އަލިފާންގަނޑާއި ދެމެދު މިހާރު ހުރީ 300 މީޓަރުގެ ދުރުމިނެވެ. އަލިފާން ގަނޑެއްގެ މެދުތެރޭ ތާށިވެފައިވާ މިމީހުން ސަލާމަތް ކުރުމުގެ މަސައްކަތާއެކު އެމީހުންނަށް ކާނާއާއި ބޯފެން އެޤައުމުގެ އަސްކަރިއްޔާއިން ދަނީ ފޯރުކޮށްދެމުންނެވެ.

މި އަލިފާން ގަނޑު ނިއްވުމުގައި އޮސްޓްރޭލިއާގެ އެތައް ހާސް ވޮލަންޓިއަރުންނާއި އެޤައުމުގެ ސަލާމަތީ ބާރުތަކުން ކެނޑިނޭޅިދަނީ މަސައްކަތް ކުރަމުންނެވެ.

ރޯވެފައިވާ އަލިފާންގަނޑުތަކުން އަރާ ދުމުގެ އަސަރު އެގައުމަގެ މައި އެއްސިޓީކަމަށްވާ ސިޑްނީ އަށްވެސް ވަނީ ކޮށްފައެވެ.

އޮސްޓްރޭލިއާގެ ހަތަރު ސްޓޭޓެއްކަމަށްވާ ނިއު ސައުތް ވޭލްސް، ވިކްޓޯރިއާ، ސައުތް އޮސްޓްރޭލިއާ އަދި ކުއީންސްލޭންޑުގެ އެތައް ތަނެއް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރޯވެ އަދަމުން ދެއެވެ. މިއީ އެޤައުމަށް ހޫނު މޫސުން ކަމަށްވުމާއެކު އަނދަމުންދާ އަލިފާން ކޮންޓްރޯލް ނުވެ ދަނީ އިތުރު ވަމުން ނެވެ. މިހާތަނަށް މިއަލިފާނުގައި 200000 ހެކްޓަރުގެ ބިން ވަނީ އަނދައިގެން ގޮސްފައެވެ.