ރާއްޖެއަށް އޮތް ޙައްލަކީ ‘ވާޓިކަލް ސިޓީސް’ ކަމުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މަލީހު މިހެން ވިދާޅުވީ ބ. ކެންދޫ އާއި ހއ. ދިއްދޫ އަދި ގދ. ތިނަދޫގެ އިތުރުން އައްޑޫ ސިޓީގެ ބައެއް ރަށްތަކުގެ ޗާޓު އެޓޭޗްކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Rajje ah oiy hallakee Vertical Cities.Evidhaalhuvaa mingadun balaanama Rajjeyge kon rashehthoa nufuri othee? Alhugandumen mivakaalathu kuranee evves Rasheh nufurey kamah. Buriburi ah nagaigen jaaga ithurukureven ebaoiy kamah. Husbimun goathives dhevidhaane kamah #verticalcities pic.twitter.com/ooDCIBaKW4
— Mohamed Maleeh Jamal (@maleehjamal) December 30, 2019
“އެވިދާޅުވާ މިންގަނޑުން ބަލާނަމަ ރާއްޖޭގެ ކޮން ރަށެއްތޯ ނުފުރި އޮތީ؟”، އެ ޓްވީޓްގައި މަލީހު ސުވާލު އުފައްދަވާފައި ވެއެވެ.
މަލީހު ވިދާޅުވީ އޭނާ ވަކާލާތުކުރަނީ އެއްވެސް ރަށެއް ނުފުރޭ ކަމަށާއި، ބުރިބުރި އަށް ނަގައިގެން ޖާގަ އިތުރުކުރެވެން އެބަތް އޮތް ކަމަށައި އަދި ހުސްބިމުން ގޯތިވެސް ދެވިދާނެ ކަމަށެވެ.
މިނިސްޓަރުގެ ޓްވީޓަށް ރައްދު ދެއްވައި، ވާޓިކަލް ސިޓީސްތަކުގައި އުޅެ ބޮޑުވާނެ ކުދިންގެ ދުޅަހެޔޮ ސިއްޙަތާއި، އެކުދިން ހަށިހެޔޮ ކުރަން ހެލިފެލިވާނީ ކޮން ތަނެއްގައިތޯ ސުވާލު ކުރުމުން މަލީހު ވިދާޅުވީ ތޮއްޖެހުމަކީ ކޮންމެހެން ބުރިބުރި އަށް ނެގުމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، ބުރިބުރިޔަށް ނެގިޔަސް އަދި ނުނެގިޔަސް ‘ލިވްއެބަލް ސިޓީ އިންޑެކްސް’ގެ މިނގަނޑުތަކަށް ތަރައްޤީ ކުރީމައި ހުރިހާ ކަމެއްވެސް ފުރިހަމަވާނެ ކަމަށެވެ.
ވާޓިކަލް ސިޓީސް އަކީ ޖާގަ ކުޑަ ނަމަވެސް އާބާދީ ބޮޑު ސަރަޙައްދުތައް ތަރައްޤީކުރުމުގައި ގެންގުޅޭ ކޮންސެޕްޓެކެވެ. ވާޓިކަލް ސިޓީސް އަކީ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކުޑަ ބިމެއްގައި ބުރިބުރިއަށް އިމާރާތްތައް ނަގައި ތަރައްޤީ ކުރުމެވެ.
މިދިޔަ ހޮނިހިރު ދުވަހު މާލެ ސިޓީ ފުރެން އަދި ކައިރިވެސް ނުވާ ކަމަށް ވިދާޅުވެ މަލީހު ކުރެއްވި ޓްވީޓެއްގެ ސަބަބުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
އެ ޓްވީޓްގައި މަލީހު ވިދާޅުވެފައި ވަނީ މާލެ ފުރެން އަދި ކައިރިވެސްނުވާ ކަމަށާއި، މާލެއަކީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ވިލިމާލެ އާއި ގުޅިމާލެ އަދި ތިލަމާލެ ކަމަށެވެ.
“މި ވެގެންދާނީ ބޮޑު ޝަހަރަކަށް. ހައުސިންގގެ ތަފާތު ވެރައިޓީ އަންނަންވީ. ޕަބްލިކް ޓްރާންސްޕޯޓް، ގްރީން އޭރިއާ، ޕާކިންގ، ޝޮޕިންގ މޯލް، ސިނެމާ އަންނަންވީ. އަދި ފުރިހަމަވާން ކައިރިވެސް ނުވޭ”، މިނިސްޓަރ ވިދާޅުވި އެވެ.
އެކަމާއި ގުޅިގެން މީހުންގެ ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށް ކުރެއްވި އެހެން ޓްވީޓެއްގައި މިނިސްޓަރ ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް ވެރިރަށުން އަމިއްލަ ބޯހިޔަލެއް ހޯދުމަކީ އެންމެންގެވެސް އުއްމީދު ކަމަށާއި، މާލެ ފުރުމުގެ ވާހަކަ ދެކެވޭނީ ކުޑަ ކޮޓަރީގައި ފިތިބާރުވެފައި ތިބި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުނީމާކަމަށެވެ.
“މި ޙަޤީޤަތުން ބޭރަށް ދާންވީ ކީއްވެ؟ މާލެ ޒޯނުން ފްލެޓު ހޯދަން 20،000 ރައްޔިތުން އެބައުޅޭ”، މަލީހު ވިދާޅުވެފައި ވެއެވެ.